މިއަދު ކައިވެނީގެ ގޮތުން ގުޅޭ ވަރުން ދަވަން އާއި އޭނާ ކުޑައިރުއްސުރެ ރައްޓެހިވެގެން އުޅެފައިވާ ނަތާޝާ ދަލާލްގެ ލޯބީގެ ވާހަކައަކީ ބޮލިވުޑް ފިލްމެއް އުފައްދަން ރަނގަޅު ވާހަކަ އަކަށް ވާނެ އެވެ. އެފަދަ ފިލްމުތަކުގައި ހުންނަ ކަހަލަ ހުރިހާ ކަމެއް މި ލޯބީގެ ވާހަކައިގައި ވެސް ހުރީމަ އެވެ.
ވަރުން އަކީ ޑައިރެކްޓަރު ދޭވިޑް ދަވަންގެ ދެ ދަރިން ކުރެ ހަގު ދަރިފުޅެވެ. ޑިޒައިނާ ނަތާޝާ އާއި ވަރުންގެ ލޯބީގެ ވާހަކައަކީ ވަރުން ބޮލީވުޑަށް ނުކުތީއްސުރެ ދައްކަމުން އައިސްފައިވާ ވާހަކަ އެކެވެ.
ވަރުންގެ ޒާތީ ވާހަކަތައް ވަރަށް ގިނަ ބަޔަކަށް އެނގުނަސް ނަތާޝާ އަކީ ކާކުކަމެއް މާ ބޮޑަކަށް ނޭނގެ އެވެ. އޭނާއަކީ ފިލްމީ ރޮނގުން މަސައްކަތް ކުރާ މީހަކަށް ނުވާތީ އެވެ.
ނަތާޝާ އަކީ ރާޖޭޝް އަދި ގޯރީ ދަލާލްގެ އަންހެންދަރިފުޅެކެވެ. ވަރުން އާއި އޭނާ ކިޔެވީ އެއް ސްކޫލަކުންނެވެ. ސްކޫލުގެ އެކި ހަފުލާތަކާއި ޕާޓީތަކުގައި އަދި އެނޫންވެސް އިވެންޓްތަކުގައި ދެ މީހުން ވަރަށް ގިނައިން އެކުގައި ބައިވެރިވި އެވެ. ވަރުން އާއި ނަތާޝާ ކުޑައިރުއްސުރެ ރައްޓެހިކަމުން ދެ މީހުންގެ އާއިލާ ވެސް ރައްޓެހިވެ އެއްބަޔަކު އަނެއް ބަޔަކާ ގާތް ގުޅުމެއް އުފެދިފައި ވެއެވެ.
ސްކޫލް ނިންމުމަށްފަހު ނަތާޝާ ފެޝަން ޑިޒައިން ކިޔެވުމަށް ނިއު ޔޯކަށް ފުރައިގެން ދިޔައީ އެވެ. އޭނާ 2013ގައި އެނބުރި މުމްބައިއަށް އައީ ފެޝަން ޑިޒައިނިންގެ ރޮނގުން ޑިގްރީއެއް ހޯދައިގެންނެވެ. އަދި "ނަތާޝާ ދަލާލް ލޭބަލް"ގެ ނަމުގައި އަމިއްލަ ފެޝަން ބްރޭންޑެއް އުފައްދާ އެ ބްރޭންޑްގެ ތަކެތި ވިއްކުމުގެ ވިޔަފާރިއެއް ފެށި އެވެ. ނަތާޝާގެ ޑިޒައިންތައް ޚާއްސަކޮށްފައިވަނީ ކައިވެނީގެ ހެދުންތަކަށާއި އިންޑިޔާގެ އަންހެނުން އަޅާ ސަގާފީ ހެދުން ތަކަށެވެ.
ކުޑައިރުއްސުރެ އެކުވެރިކަން އޮތަސް ހައި ސްކޫލްގައި އުޅުނުއިރުވެސް ވަރުން އާއި ނަތާޝާގެ ލޯބީގެ ގުޅުމެއް ނޯވެ އެވެ. އޭރު އޮތީ ގާތް އެކުވެރިކަމެވެ. ނަމަވެސް ނިއު ޔޯކް އަށް ނަތާޝާ ކިޔަވަން ފުރުމުގެ ކުރިން އެމީހުން ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ.
ދާދިފަހުން ހެލޯ މެގަޒިން އަށް ދީފައިވާ އިންޓަވިއުއެއްގައި ނަތާޝާ ވަނީ އެކުވެރިކަމުން ލޯތްބަށް އެމީހުންގެ ގުޅުން ބަދަލުވީ ގޮތް ކިޔައިދީފަ އެވެ.
އޭނާ ބުނި ގޮތުގައި ވަރަށް ކުޑައިރު ސްކޫލުގައި އުޅުނުއިރުއްސުރެ އޭނާ އާއި ވަރުންގެ އެކުވެރިކަން އޮވެ އެވެ. ނަމަވެސް ލޯބީގެ ގޮތުން ގުޅުނީ 20 ވަރަކަށް އަހަރު ވީފަހުންނެވެ.
ހަމަ މި އިންޓަވިއުގައި ވަރުން ވެސް ބައިވެރިވި އެވެ. އޭނާ ބުނީ ނަތާޝާ އަކީ އޭނާގެ ހަޔާތަށް ހަމަޖެހުން ގެނެސްދޭ ހަމައެކަނި ފަރާތް ކަމަށެވެ. އޭނާގެ ހަޔާތުގެ "ނަގިލި" ކަމަށެވެ.
ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ރިލީޒްވުމާއެކު ނަތާޝާ އާއި ވަރުންގެ ލޯބީގެ ވާހަކަތައް މީޑިއައަށް ފެންމަތިވާން ފެށި އެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވަރުން ދިޔައީ މިއީ ދޮގެއް ކަމަށް ބުނެ ނަތާޝާ އާ އޮންނަ ގުޅުމަށް އިންކާރު ކުރަމުންނެވެ.
އެންމެ ފަހުން ނަތާޝާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަރުން އެއްބަސްވީ 2017ގައި ދިން އިންޓަވިއު އެއްގަ އެވެ. މިހާ ދުވަސް ވަންދެން އެކަމާ އިންކާރުކުރީ ކީއްވެތޯ މި އިންޓަވިއުގައި ނޫސްވެރިއަކު ސުވާލު ކުރި އެވެ. ވަރުން ބުނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާޙަކަތައް ސިއްރުކުރުމުގެ މަގްސަދުގައި ކަމަށެވެ.
"އަހަރެންގެ ލޯބީގެ ވާޙަކަތަކަކީ ވަރަށް ޕްރައިވެޓް ކަމެއްގެ ގޮތުގައި އަހަރެން ދެކެނީ. އަހަރެން އެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ބައެއް ވާހަކަތަކަކީ އަހަރެން ދައްކަން ބޭނުންވާ ވާޙަކަތައް. އަނެއްބައި ވާހަކަތަކަކީ ދައްކަން ބޭނުންނުވާ ވާހަކަތައް،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ވަރުން ބުނެފައި ވެއެވެ.
ނަތާޝާ ދެކެ ލޯބިވާކަން ވަރުން އަށް އިހްސާސްވެގެން ރައްޓެހިވާން އެހުމުން ތިން ހަތަރު ފަހަރެއްގެ މަތިން ނަތާޝާ އެކަމާ ދެކޮޅު ހެދި ކަމަށް ވެސް ވަރުން ބުންޏެވެ. އަދި އޭނާ އާ ރައްޓެހިވާން ނަތާޝާ އެއްބަސްކުރުވަން ވަރަށް މަސައްކަތްކުރަން ޖެހުނު ކަމަށް ވެސް ވަރުން ބުނެފައި ވެއެވެ. އެންމެ ފަހުން ނަތާޝާ އާނއެކޭ ބުނީ ވަރަށް ފިލްމީ ސްޓައިލަކަށް ވަރަށް ގިނަ ދުވަހު ވަރުން އޭނާ ފަހަތުން ދުއްވުމަށް ފަހުގަ އެވެ.
ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ރިލީޒްވުމާއެކު ނަތާޝާ އާއި ވަރުންގެ ލޯބީގެ ވާހަކަތައް މީޑިއައަށް ފެންމަތިވާން ފެށި އެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވަރުން ދިޔައީ މިއީ ދޮގެއް ކަމަށް ބުނެ ނަތާޝާ އާ އޮންނަ ގުޅުމަށް އިންކާރު ކުރަމުންނެވެ.
އެންމެ ފަހުން ނަތާޝާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަރުން އެއްބަސްވީ 2017 ގައި ދިން އިންޓަވިއު އެއްގަ އެވެ. މިހާ ދުވަސް ވަންދެން އެކަމާ އިންކާރުކުރީ ކީއްވެތޯ މި އިންޓަވިއުގައި ނޫސްވެރިއަކު ސުވާލު ކުރި އެވެ. ވަރުން ބުނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާޙަކަތައް ސިއްރުކުރުމުގެ މަގްސަދުގައި ކަމަށެވެ.
"އަހަރެންގެ ލޯބީގެ ވާޙަކަތަކަކީ ވަރަށް ޕްރައިވެޓް ކަމެއްގެ ގޮތުގައި އަހަރެން ދެކެނީ. އަހަރެން އެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ބައެއް ވާހަކަތަކަކީ އަހަރެން ދައްކަން ބޭނުންވާ ވާޙަކަތައް. އަނެއްބައި ވާހަކަތަކަކީ ދައްކަން ބޭނުންނުވާ ވާހަކަތައް،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ވަރުން ބުނެފައި ވެއެވެ.