ވަރުން ދަވަން އާއި ނަތާޝާ ދަލާލް ކައިވެނި ކުރުމުން ސައުތު އިންޑިއާގެ ފިލްމީ ތަރިއެއް ކަމަށްވާ ޝްރައްދާ ސްރީނާތު ވަރަށް ވަރުގަދަ ކޮމެންޓެއް ކޮށްފި އެވެ. ވަރުން އަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޝްރައްދާ ޝެއާކުރި މެސެޖެއްގައި ވަރުން އަށް ވެސް ދެން ކުޅެވޭނީ ވަކި ކަހަލަ ފިލްމުތަކެއް އެކަނި ކަމަށް ބުނެފައި ވެއެވެ.
"ވަރުންގެ ކެރިއަރުގައި ދެން ކޮންމެ ކޮންމެ ފިލްމެއް ނުކުޅެވޭނެ. ފިލްމުތަކުގައި އެހެން ބަތަލާއިންނާ ވަރުން ރޮމޭންސް ކުރާކަށް ނަތާޝާ އާއި އޭނާގެ މައިންބަފައިން ދެން ގަބޫލެއް ނުވާނެ،" ވަރަށް މަލާމާތް ކުރާ ރާގަކަށް ޝްރައްދާ ބުނެފައި ވެއެވެ.
ޝްރައްދާ އިތުރަށް ބުނެފައިވާ ގޮތުގައި އަނެއްކާ ވެސް މޮޅު އެކްޓަރަކު ހިރަފުސް ކައި ނިމުނީ އެވެ. ލޯބީގެ ފިލްމުތަކުން ދެން ވަރުން ނުފެންނާނެތީ ހިތާމަކުރާ ކަމަށް ވެސް ޝްރައްދާ ބުނެފައި ވެއެވެ.
"އެހެން ބަތަލާއިންނާއެކު ލޯބީގެ ފިލްމުތައް ކުޅޭކަށް ވަރުންގެ އަންހެނުންނާއި އޭނާގެ މައިންބަފައިން ދެން ގަބޫލެއް ނުވާނެ. ވީމާ ދެން ވަރުން ޖެހޭނީ ފިރިހެނުންނަށް ޚާއްސަ ކެރެކްޓާތައް ހިމެނޭ ފިލްމުތައް ކުޅެން ކަންނޭނގެ. އެކަމަކު ޒާތީ ދިރިއުޅުމުގައި ކުރާ މަސައްކަތް ބެލެންސް ކުރެވޭނެ ގޮތެއް ނެތްތަ؟ ވަރަށް ދެރަކަމެއް. ވަރަށް އޭނާ މިސް ވާނެ. މަރުހަބާ ވަރުން" ޝްރައްދާ ލިޔެފައި ވެއެވެ.
ޝްރައްދާ މިހެން ބުނެފައި ވަނީ މިއީ ވަރަށް ގިނަ އެކްޓަރުންނަށް ކައިވެނީގެ ފަހުން ދިމާވާ މައްސަލައަކަށް ވާތީ އެވެ. ޚާއްސަކޮށް ބަތަލާއިންނަށް މިކަން ދިމާވާލެއް އިތުރުކަން ފާހަގަ ކޮށްލެވެ އެވެ. ބައެއް ބަތަލުން ވެސް ކައިވެނީގެ ފަހުން ގައިގޯޅި މަންޒަރުތައް ކުޅުމަށް ދެކޮޅު ހަދާ ތަން ކޮންމެވެސް ވަރަކަށް ފެނެ އެވެ. ޝްރައްދާ މިހެން ބުނީ ވަރުން އަކީ ވެސް އެގޮތަށް ލޯބީގެ މަންޒަރުތައް ކުޅެން ދެކޮޅު ހަދާ އެކްޓަރަކަށް ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.