ބޮލީވުޑް

ވަރުން އާއި ނަތާޝާގެ ކައިވެނީގެ ރަސްމިއްޔާތު ފަށައިފި

އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި މާދަމާ، ޖެނުއަރީ 24 ގައި އިންޑިއާގެ އަލީބާގްގައި ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.

މިހާރު ވަރުން އާއި ނަތާޝާ އަދި އެ ދެ މީހުންގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން ވަނީ އަލީބާގްގައި ހުރި ފަސް ތަރީގެ ހޮޓަލަކަށް ޖަމާވެފައި ވާއިރު ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިޔަށް އެބަ ދެއެވެ. އެގޮތުން ވަރުންގެ މައިންބަފައިންނާއި ބޭބެ އަލީބާގް އަށް ދާން ފުރަން ގޮސް އެއާޕޯޓުގައި ތިއްބާ ޕަޕަރާޒިން ފޮޓޯ ނަގާފައި ވެއެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން އެކަންޏެވެ. ސަބަބަކީ ކޮރޯނާވައިރަހުގެ ވަބާ ފެތުރިފައިވާތީ ގިނަ ބަޔަކު އެއްތަނަކަށް ޖަމާ ކުރެވެން ނެތީމަ އެވެ.

ވަރުންގެ ބޮލީވުޑް އެކުވެރިންގެ ތެރެއިން ކަރަން ޖޯހަރް އާއި ޝާހްރުކް ޚާން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް މީޑިއަ ރިޕޯޓުތައް ބުނެ އެވެ.

ކައިވެންޏަށްފަހު ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާން ހަމެޖެހިފައިވަނީ ތުރުކީ އަށެވެ.

ވަރުން އާއި ނަތާޝާ އަކީ ކުޑައިރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންނެވެ. ކަރީނާ ކަޕޫރުގެ ރޭޑިއޯ ޝޯގައި ބައިވެރި ވާހަކަ ދައްކަމުން ވަރުން ބުނެފައިވަނީ އޭނާ އާއި ނަތާޝާ ފުރަތަމަ ބައްދަލުވީ އޭނާ ހަ ވަނަ ގްރޭޑްގައި ކިޔަވަން އުޅުނު އިރު އެވެ.

"އޭރު އަހަރެމެން ރައްޓެއްސެއް ނުވަން. ނުވަތަ ގާތް އެކުވެރިކަން އޮތް އޭރުއްސުރެ. ލޯބީގެ ގޮތުން އަހަރެމެން ދެ މީހުން ގުޅުނީ 11 ވަނަ ގްރޭޑުގައި ކިޔެވިއިރު. އެކަމަކު ނަތާޝާ ފެނުނު ފުރަތަމަ ދުވަހުއްސުރެ ވެސް އަހަންނަށް އޭނާ ދެކެ ލޯބި ވެވުނުކަން އެއީ ޔަގީންކަމެއް،" ވަރުން ބުނެފައި ވެއެވެ.

ކުރިން މި ކައިވެނިކުރަން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ބަލިމަޑުކަމާއި ލޮކްޑައުންގެ ސަބަބުން ފަސްކުރަން މަޖްބޫރުވީ އެވެ.