އާސެނަލް

ޕާޓޭ އައުމުން އާސެނަލް މައްޗަށް އުފުލާލާނެ: އާޓެޓާ

މިޑްފީލްޑާ ތޯމަސް ޕާޓޭ އެނބުރި އައުމުން އާސެނަލްގެ ފޯމް މައްޗަށް ހިއްލާލާނެ ކަމަށް، އެ ޓީމުގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

އޮކްޓޯބަރު ގައި، އާސެނަލްއިން ޕާޓޭ ސޮއި ކުރުވީ އޭނާގެ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް 45 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ. އެހެންނަމަވެސް ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގައި އޭނާއަށް އަދި ކުޅެވުނީ ހަ މެޗެވެ. މިދިޔަ ދެ މަހު އޭނާ ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ޑިސެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް ބަލިވި މެޗުގަ އެވެ.

މިރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް އާސެނަލް ކުޅޭ މެޗަށް ޕާޓޭ ވަނީ ފިޓް ވެފަ އެވެ. އާޓެޓާ ގަބޫލު ކުރާ ގޮތުގައި ގާނާގެ މިޑްފީލްޑަރުގެ ކެރިއާގައި ފެށޭ އާ ބާބަކަށް މި ހަފުތާ ވެގެން ދާނެ އެވެ.

"އަހަންނަށް ހީވަނީ އަބަދުވެސް ކޮންމެވެސް ތަފާތާއެކު އަންނަ ކުޅުންތެރިޔެއް ހެން އޭނާ އަކީ އަބަދުވެސް ޓީމަށް ތަފާތެއް ގެންނަ ކުޅުންތެރިޔެއް،" މިރޭގެ މެޗުގެ ކުރުން އާޓެޓާ ބުންޏެވެ. "އެއީ ކޮންމެހެން އޭނާގެ ހުނަރުގެ ސަބަބަކުން ނޫން ނޫނީ އޭނާގެ ފިޒިކަލްގެ ސަބަބަކުން ނޫން އެއީ އޭނާގެ ޕާސަންލްޓީގެ ސަަބަބުން. އޭނާގެ ވަށައިގެންވާ ކުޅުންތެރިން ވަރުގަދަ ކޮށްދޭ މީހަކަށް ވެސް އޭނާ ވޭ. އެއީ ބޮޑު ކޮލިޓީ އަކީ."

އާޓެޓާ ބުނީ، ސީޒަންގެ ކުރިއަށް ތަނަށް އޭނާ ފިޓް ކޮށް ބެހެއްޓިއްޖެނަމަ އާސެނަލްގެ ޓީމަށް ބޮޑު ބޯނަސް އަކަށް އެކަން ވާނެ ކަމަށެވެ. އާސެނަލް އަށް އާޓެޓާ ބަދަލުވެ އޭނާގެ ޖާދޫ ފެނުނީ އެއް އެންމެ މެޗެއްގަ އެވެ. ނޮވެމްބަރު އެކެއް ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.