ފުލުހަށް ހުށަހަޅާ ގިނަ ވައްކަންތައް ކުރަނީ މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދޭތީ ކަމަށް ފުލުސް އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ ވެބްސައިޓްގައިވާ ލިޔުމެއް ބުނެފައިވާ ގޮތުގައި ފުލުސް ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ވައްކަމުގެ 4552 މައްސަލައެއް ހުށަހެޅި އެވެ. އަދި މިދިއަ އަހަރު ވައްކަމުގެ 3581 މައްސަލައެއް ހުށަހެޅިއިރު މި އަހަރުގެ މިހާތަނަށް ވެސް ވައްކަމުގެ 178 މައްސަލަ ރިޕޯޓް ކޮށްފައިވެ އެވެ.
ފުލުހުން ބުނީ ވައްކަމުގެ ގިނަ މައްސަލަތަކަށް ބަލާއިރު ގިނަ ވައްކަންތައް ކޮށްފައި ހުންނަނީ މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދޭތީ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އެ ލިޔުމުގައިވާ ގޮތުން އޭގެ ތެރޭގައި ތަޅުދަނޑި ޖަހާފައި ހުއްޓައި ސައިކަލު ވަގަށް ނެގުމާއި ސައިކަލު ޕޮކެޓުގައި ފޯނު ފަދަ ތަކެތި ބާއްވާފައި ސައިކަލު ޕާކުކޮށްފައި ދިއުމުން ވަގަށް ނެގުމާއި، މަޑިދަށުގައި ތަކެތި ބެހެއްޓުމުން އެ ތަކެތި ވަގަށް ނެގުމުގެ އިތުރުން ގެދޮރު ތަޅުނުލާ ހުރުމުން ވަދެ ކުރާ ބޮޑެތި ވައްކަމުގެ މައްސަލަތައް ހިމެނެ އެވެ.
ފުލުހުންގެ އެ މަޒުމޫނުގައި ބުނަނީ "ހެދޭ ކުޑަކުޑަ އެންމެ ގޯހަކުން ވެސް، ވައްކަންްކުރާ މީހުންނަށް ފުރުސަތު ލިބިދާނެ" އެވެ. އަދި "ތިމާގެ އަގުބޮޑު އެއްޗެއް ގެއްލިދާނެ" އެވެ.
އަދި ލިޔުމުގައި ފުލުހުން ލިޔެ އެވެ:
"[އިބާރާތަށް ބަދަލު ގެނެސްފައި] މޫދަށް އެރެން ގޮސް އެންމެންގެ ފޯނުތަކާއި ވޮލެޓުތައް ވެސް ލީ އެކަކުގެ ދަބަހަށެވެ. އެ ސަރަހައްދުގައި މީހުން ވެސް ގިނަ އެވެ. ބައިގަޑި އިރު މޫދުގައި ހޭދަކުރުމަށް އަރާ ބެލިއިރު ދަބަސް އޮތެވެ. ނަމަވެސް ދަބަހުގައި، އެންމެ ފޯނެއްވެސް އެންމެ ވޮލެޓެއްވެސް ނެތެވެ. އެއީ އެންމެ ފަހުގެ ސްމާޓް ފޯނުތަކެވެ. ވޮލެޓުގައި ފައިސާގެ އިތުރުން ކޭޝް ކާޑުތަކާއި އެހެނިހެން ކާޑުތައްވެސް ހުއްޓެވެ. އެތަކެތި ނެގިތަން ފެނުނު އެއްވެސް މީހަކާ ދިމައެއް ނުވިއެވެ.”