އެމްއެންޑީއެފް

ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމަށް އަދުނާން

އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމަށް ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ ހަމަޖައްސަވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަގާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީއަށް ހަވާލު ކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީއެވެ. އަދި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖާ އަހްމަދު ޢަބްދުﷲ އަށް ހިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. ހިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.