ގއ އަތޮޅުގެ ތިން ރަށަކުން ކޮވިޑް-19 ގެ ބަލި މީހުން ފެނުމާއި ގުޅިގެން އެ އަތޮޅުގެ އިތުރު ރަށްތަކުގައި ބަލި ނެތްކަން ޔަގީން ކުރަން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
ދެއްވަދޫން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ދެއްވަދޫ ކްލަސްޓާގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 43 މީހަކާއި ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހަކާއި ދާންދޫން ޕޮޒިޓިވި ދެ މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވީ ދެ މީހެއް އަދި ވިލިގިލިން ޕޮޒިޓިވްވީ މީހެކެވެ. އެ ކްލަސްޓާއާ ގުޅުންހުރި 255 މީހަކު ފާހަގަ ކުރެވިފައިވާއިރު އޭގެ ތެރެއިން 101 މީހަކީ ހައިރިސްކުގެ މީހުނެވެ. މި ކްލަސްޓާއާ ގުޅިގެން 750 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ.
އެޗްއީއޯސީން ބުނީ ގއ. ގެ ތިން ރަށަކުން ކޮވިޑް-19 އިގެ ބަލި މީހުން ފެނުމާއި ގުޅިގެން ދާންދޫ އާއި ކަނޑުހުޅުދޫ އާއި މާމެންދޫ އާއި ގެމަނަފުއްޓާއި ކޮލަމާފުށިން ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ. އެކަން ކުރަނީ އެ ރަށްރަށުގައި ބަލި ނެތްކަން ޔަގީން ކުރުމަށެވެ. ނަމަވެސް ކޮންމެ ރަށަކުން ނަގަނީ ކިތަށް ސާމްޕަލް ކަމެއް ނުބުނެއެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގއ. ގައި ދަތުރު ކުރާ ފެރީ، "ކޮއިމަލާ-4" އިން ދަތުރުކުރި މީހުން ކަރަންޓީނު ވާން ވެސް ވަނީ އަންގާފަ އެވެ. އެ ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ވާން އަންގާފައި ވަނީ އިއްޔެ އެ އަތޮޅުގެ ދާންދޫން ޕޮޒިޓިވްވި މީހާގެ މައްސަލާގަ އެވެ.
ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު ދާންދޫގެ އިތުރުން އެ އަތޮޅު ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް ވެސް މިހާރު އޮތީ މޮނިޓަރިންގަ އެވެ. މި ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް މޮނިޓަރިންގައި އޮތްއިރު އެ ރަށްރަށުގެ ސުކޫލުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.