ދުނިޔެ

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ފިނިކުރަން އެމެރިކާ ގޮތްތަކެއް ހުށަހަޅައިފި

ގުދުސް (ރޮއިޓާސް) - ގުދުސްގެ މައްސަލައިގާ މުސްލިމުންނާއި ޔަހޫދީންގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެފައިވަނިކޮށް، މަސްރަހު ފިނިކުރެވޭނެ ކަމަށް ބުނާ އުސޫލުތަކެއް އެމެރިކާއިން ހުށަހަޅައިފިއެވެ.

ފަލަސްތީނުގެ ރައީސް އާއި އުރުދުންގެ ރަސްގެފާނާއި ބައްދަލު ކުރެއްވުމަށްފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ އުރުދުން އިން ހުށަހެޅި "ބަރާބަރު ހިޔާލަށް" އިޒްރޭލުން އިޖާބަ ދީފައިވާ ކަމަށެވެ.

މި ހިޔާލަކީ ގުދުސްގައި ސައުވީސް ގަޑިއިރު ސީސީޓީވީ ސަވައިލަންސް ގާއިމް ކުރުން ކަމަށް ވެސް ކެރީ ވިދާޅުވިއެވެ. އެމެރިކާއިން ހުށަހެޅި އުސޫލުތަކުގެ ތެރޭގައި މި ފިޔަވަޅު ވެސް ހިމެނެއެވެ.

އުރުދުން އަކީ ޒަމާނުއްސުރެ ގުދުސް ބަލަހައްޓާ ބެލެނިވެރި ފަރާތެވެ. މިއީ ފަލަސްތީނާއި އިޒްރޭލުން ވެސް ގަބޫލު ކުރާ ބެލެނިވެރިކަމެކެވެ. އުރުދުންއަށް މި ޒިންމާ ހަވާލުކޮށްފައި އޮތަސް، އިޒްރޭލުން ގުދުސްގެ ކަންކަން ކުރަނީ އެގައުމަށް ފެންނަ ގޮތަކަށް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ.

އިޒްރޭލުން ބުނީ މުސްލިމުންނަށް ގުދުސްގައި ނަމާދުކުރުމުގެ އިންތިޒާމް ތަކަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، އެކަމަކު ޔަހޫދީންނާއި ނަސޯރާއިންނަށް ވެސް ގުދުސްއަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ. އެކަމަކު ޔަހޫދީންނާއި ނަސޯރާއިންނަށް އަގްސާ ގައި އަޅުކަން ނުކުރެވޭނެ ކަމަށެވެ. އަދި ގުދުސް އެކި ދީންތަކަށް ބައި ބައި ކުރަން ނޫޅޭ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

ގުދުސްގައި މި މަހު ކުރިއަށް ދިޔަ ހަމަ ނުޖެހުން ތަކުގައި ފަލސްތީނުގެ 52 މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުން މަރުވީ 9 މީހުންނެވެ.