(ފުރަތަމަ ބައި)
"އަންކަލް! ކޭން ޔޫ ހެލްޕްމީ؟"
ތުއްތު އެ އަޑު ކަންފަތުގައި ޖެހުމާއެކު ގައިން ހީބިހި ނަގައިގަތެވެ. އިޚުތިޔާރުން ބޭރުގައި އެ އަޑު އިވުނު ދިމާއަށް ބަލައިލެވުނެވެ. ލޯބިލޯބި މޫނުކޮޅެކެވެ. ރީތިރީތި ދެ ލޮލެވެ. އެހައިމެ ފުރިހަމަ ބޮޑު ހިނިތުންވުމެކެވެ. ބަލައިލި ކޮންމެ މީހަކަށް އެ ހިނިތުންވުމުން ހިތްހަމަ ޖެހުން ލިއްބައިދޭ ފަދަ މާނަހުރި ހިނިތުންވުމެކެވެ. އަހަންނަށް ބަލައިލެވުނީ އެ މައުސޫމު ކުއްޖާގެ ފައިން ފެށިގެން ބޮލަށެވެ. ބަލައިބެލުމަށް އޭނާއަށް އަދި ވާނީ ފަސް ވަރަކަށް އަހަރެވެ. އިސްކޮޅާ އެއްވަރުގެ ރޫފައެއް ލިބިފައިވާ އެ ތުއްތުތުއްތު ކުއްޖާއަށް ހިތް ދޫކޮށްލެވުނެވެ. ކުރިން ދަންނަ ދެ ލޯ ހެން ހީވެގެންނެވެ. ދެކެފަރިތަ ދެ ތުންފަތްހެން ހީވާތީއެވެ.
"ޕްލެޝަރ." އަހަރެން ކޮޅަށް ތެދުވެ އެ ތުއްތު ކުއްޖާއާ ދިމާއަށް ހިނގައިގަތީމެވެ.
އަހަރެން ހުއްޓިލުމާއެކު އޭނާ އިޝާރާތްކުރީ ކޮފީ ޝޮޕުގެ ދޮރާ ދިމާއަށެވެ. އެއީ އަހަރެން އިން ކޮފީ ޝޮޕްގެ މައި ދޮރެވެ. ބޯ ބިއްލޫރިން ހަދާފައިވާ އެ ދޮރުގެ އަތްގަނޑު ހުރީ އޭނާއަށް އަތްފޯރާ ވަރަށްވުރެ ތަންކޮޅެއް އުހުގައެވެ. މަތީގައެވެ. އޭނާ އިޝާރާތުން ވާހަކަތަކެއް ބުނެދިނެވެ. ހަރަކާތްތަކުން ކުރާންވީ ކަންތައްތައް ކިޔައިދިނެވެ. އަހަންނަށް ލުއި ގޮތަކަށް ހިނިތުން ވެވުނެވެ. އޭނާ ބުނަމުން ދިޔައީ ދޮރު ހުޅުވާދިނުމަށެވެ. އޭނާ ބޭނުންވީ ބޭރަށް ނުކުންނާށެވެ.
"ކޮއްކޮ އެކަނިތަ؟" ފާޑަކަށް ޖެހިލުންވެ ހުރި އަހަންނަށް އަހައިލެވުނެވެ.
ނޫނެކޭ ބުނުމުގެ ގޮތުން އެ ކުއްޖާ ބޯހޫރައިލިއެވެ.
"ކޮބާ ޕޭރެންޓްސް؟ ކޮބާ މަންމަ؟ ކޮބާ ކޮއްކޮގެ ޑޭޑް؟" ވިސްނައި ނުލައި އަހަރެން ސުވާލުތައް އަމުނައިލީމެވެ.
އޭނާ އިސްޖަހައިލިއެވެ. މާޔޫސްކަމުގެ އަސަރުތައް މޫނުމަތިން ފާޅުވާން ފެށިއެވެ. ވީގޮތް އަހަންނަށް ދޭހަކުރެވުނެވެ.
"އޯހް ސޮރީ. ކާކާއެކު އައީ؟" އަނެއްކާ ވެސް ސުވާލުކޮށްލެވުނެވެ.
"މަންމި."
"ކޮބާ މަންމި؟" ކޮފީ ޝޮޕުގެ އެތެރެއަށް ކަޅި ހިންގައިލަމުން ބަލައިލެވުނީ އަންހެނަކު ފެނޭތޯއެވެ.
ނަމަވެސް އަހަންނަށް ފެނުނީ ހުސް ގޮނޑިތަކެކެވެ. ކޮފީ ޝޮޕުގައި މީހުން މަދުވަގުތަކަށް ވުމުން ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. ދެވަނަ ފަހަރަށް އެ ތުއްތު ކުއްޖާގެ މޫނަށް ބަލައިލީމެވެ.
"ކޮއްކޮ ބޭނުންވަނީ ކޮންކަމެއް؟"
"ބޭރު ބަލައިލަން."
"އޭރުން މަންމި ހިތްހަމަ ނުޖެހޭނެއްނު؟"
"ކޮއްކޮ މަންމި ބުނީއޭ ގަރޑަންގަ މަޑުކޮށްލާށޭ." އެ ކުއްޖާ މޫނާއި ނިތުން ދެތިން ވާހަކަ އެއްކޮށްލަމުން ބުނެލިއެވެ.
"ކޮބާ މަންމި؟"
އެ ކުއްޖާ އިޝާރާތްކޮށްލިއެވެ. އޭނާގެ ކުޑަވާ އިނގިއްޔާއި ބޮޑުވާ އިނގިލި ނަގައި ކަންފަތާ ދިމާކޮށްލިއެވެ. އެބުނީ ކީކޭކަން އަހަންނަށް ވިސްނައިލިއެވެ.
"އޯކޭ، ކޮއްކޮ މަގުމައްޗަށް ނުނިކުންނާތި. ބޭބެ ދޮރު ހުޅުވާލަދޭނަން." އަހަރެން ދޮރު ހުޅުވާލަދިނީމެވެ.
"ތޭންކްސް އަންކަލް." އެ މައުސޫމު މޫނަށް ހިނިތުންވުން ވެރިވިއެވެ.
އޭނާ ދުއްވާ ގަންނަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އަތުން ދެތިން ހަރަކާތެއް ކޮށްލަމުން ބޮޑު ހިނިތުންވުމަކުން އަހަންނަށް ޝުކުރު އަދާކޮށްލިއެވެ. ބަދަލުގައި އަހަރެން ވެސް އަތުން އޭނާއަށް ހަނާއަޅައިލަމުން ހިނިތުންވެލީމެވެ. އެ މައުސޫމު މޫނަށް ބަލައިލަން އިރުކޮޅެއް ވަންދެން މަޑުކޮށްލެވުނެވެ. އެ އުފާވެރި މޫނު ފެނުމުން ކުރީގެ ހަނދާންތަކެއް އާވާހެން ހީވެގެންނެވެ.
އިރުކޮޅެއް ފަހުން އަހަރެން އެތެރެއަށް ހިނގައިގަތީމެވެ. ކުރިން ވެސް އިށީނދެއިން ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. އަހަންނަށް އެތެރެއަށް ނޭވާ ދަމާލެވުނެވެ. މާހައުލުގައި އެއްވަސް ވެފައިވާ ކޮފީ ވަހުން ހިތް ފުރެމުންދިޔައެވެ. ހީވީ އެތެރެހަށި ފުރިގެން ދިޔަހެންނެވެ. ހޫނު ކޮފީގެ ހިތްގައިމު ވަހުގެ ސަބަބުންނެވެ. އަހަންނަށް އިޝާރާތްކޮށްލެވުނީ ވެއިޓަރަށެވެ.
"ޔޭސް ސަރ." ވެއިޓަރ ހިނިތުންވެލިއެވެ.
އިރުކޮޅެއް ތެރޭގައި ކޮފީތަށި ގެނެސް މޭޒުމަތީގައި ބަހައްޓައިލިއެވެ. އެއާއެކު އަނެއްކާ ވެސް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. އާއެކެވެ. އެއީ އަހަރެން ހަނދާންތަކުގެ ވަހެވެ. އަހަރެންގެ ދިރިއުޅުމުގެ ވަހެވެ. ހިތާއި ސިކުނޑީގެ ވަހެވެ. ކޮފީގެ ހިތްގައި މަޑުމައިތިރި ވަހެވެ. ދެވަނަ ފަހަރަށް ވެސް އެތެރެއަށް ނޭވާ ދަމައިލަމުން ދެ ލޯ މަރައިލެވުނެވެ. މިއީ އަހަރެންގެ އާދައެވެ. މި ހިތްގައިމު މީރު ވަހާއެކު ދެ ލޯ މަރައިލުމުން ސިކުނޑިއަށް ފެނިގެންދަނީ މާޒީގެ އުފާވެރި ހަނދާންތަކެވެ. މި ކޮފީ ޝޮޕުގެ މި ހިތްގައިމު މާހައުލަށް އާދެވެނީ އެހެންވީމައެވެ. މި ގޮނޑި އަހަންނަށް ހާއްސަ ވަނީ ވެސް އެހެންވީމައެވެ.
ކޮންމެ ރެޔެއްގެ މި ވަގުތަކީ އަހަރެންގެ ވަގުތެވެ. މިތަނަށް އައުމުން މި ކުރެވެނީ އެ އުފާވެރި އިހުސާސްތަކެވެ. މަޑުމަޑުން ހިޔާލުތަކުގެ ތެރެއަށް ގެނބެމުން ގެނބެމުން ގޮސް މާޒީގެ ކުލަ ތަސްވީރުތައް ސިކުނޑީގެ ސްކުރީނުގައި ކުލަވާން ފެށިއެވެ.
މުޅި މަންޒަރު އެކުގައި ކަޅުވިއެވެ. ކަޅުކުލައިގެ އެ ތަސްވީރުން ހުދުކުލައިގެ ދެ ލޯ ކަޝްފުވިއެވެ. އެއީ ކަނޑެއްފަދަ ފުން ދެލޮލެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލިއެވެ. އަހަންނަށް ރަނގަޅަށް ބަލައިލެވުނެވެ. އެންމެ ފުރަތަމަ ވިސްނުނީ އެއީ މޫނުބުރާގާ އަޅައިގެން ހުރި ކުއްޖެއް ކަމަށެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. އޭނާގެ ބޮލާއެކު އަނގަމަތީގައި އޮޅައިލައިފާވާ ސްކާފު ނަގައި މޫނު ހާމަކޮށްލިއެވެ. ހިމަދިގު އެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ފުން ދެލޮލާއި ހިމަ ދިގު ނޭފަތުން އެ މޫނަށް އިތުރު ފުރިހަމަ ކަން ގެނެސްދެއެވެ. ތުނިތުނި ތުންފަތާއި ހިމަތޮޅި އެ ދަތްދޮޅިއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އާއެކެވެ. އެއީ ރައްޔާއެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރައްޔާގެ މޫނު ފެނުމުން ދެ ލޯ ހުޅުވާލެވުނީއެވެ. އެ އިހުސާސްތައް ކުރެވުމުން ހަށިގަނޑަށް ފާޑެއްގެ ގޮތްތަކެއްވާން ފެށީއެވެ. ކަނދުރާއާ ދިމާއިން ހީބިހިގަނޑެއް ދުވެގަތީއެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. އެހެންވެ ދެ ލޯ ހުޅުވާލަމުން ކޮފީ ޖޯޑުގެ އުޅައް ތެރެއަށް ޝަހާދަތް އިނގިލި މަހައިލީމެވެ. ކޮފީތަށި ނަގައި ނޭފަތާ އެއްހަމަކޮށްލީމެވެ. އާވި އަރަމުން ދިޔަ ކޮފީ ތަށީގެ މީރު ވަހުން ސިކުނޑި ތޮރުފުނު ކަހަލައެވެ. އަހަންނަށް އަނެއްކާ ވެސް ލޯ މަރައިލެވުނެވެ.
ރައްޔާހުރީ ކުރު ސޯޓެއް ލައިގެން ގަޔަށް ދޫ ހުދު ޓީޝަރޓެއް ލައިގެންނެވެ. ޓީޝާޓުގެ ކަރުބޮޑު ކަމުން އޭނާގެ އެއްކޮނޑު އޮތީ ހާމައަށެވެ. އޭނާ ބޭރަށް ނިކުމެ މޫދާ ދިމާއަށް ބަލައިލިއެވެ. އަހަރެން ވެސް ކޮފީތަށި ހިފައިގެން އޭނާގެ ފަހަތުން ނިކުމެ ފުން ނޭވާއެއް ދޫކޮށްލީމެވެ. އޭރު ހެނދުގެ ތެތްފިނިކަން ޖައްވުގެ ތެރެއިން ކެނޑެމުންދަނީއެވެ. އިރުއަރަށް އިރުމަތީ އުދަރެސް ދޮންކުރަމުން ދަނީއެވެ. ފަތިސް ނަމާދަށްފަހު އަހަރުމެން ބޭނުންވީ އިރުއަރާ މަންޒަރު ބަލައިލާށެވެ. ހަޔާތުގެ އުފާވެރި ހަނދާނަކަށް އެ މަންޒަރު ސިކުނޑީގައި ރައްކާކުރާށެވެ. އާއެކެވެ. އަހަރުމެން މި ތިބީ ކާވެނީގެ އުފާވެރި ކަމުގެ ފޮނިމީރުކަމުގެ ދުވަސްތައް ގުނާށެވެ. ކާވެނީގެ ފުރަތަމަ ފަތިސް ނިމި އާދުވަހަކަށް އިރު އަރަނީއެވެ. އަހަރުމެންނަށް މި ތިބެވުނީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްގައެވެ.
ރައްޔާއަކީ އަހަރެންގެ ރަހައެވެ. އޭނާގެ ނަމުގެ މާނައާ އެއްގޮތަށް އޭނާގެ ފަރާތުން އަހަންނަށް ދުވަނީ މީރުވަހެވެ. އަހަރުމެންގެ ގުޅުމުގެ އަސްލަކީ ވެސް މީރު ވަހެވެ. ކޮފީގެ މީރު ވަހެވެ. ދެމީހުން ބައްދަލުވީ ވެސް ކޮފީ ޝޮޕުންނެވެ. ފެނިދެނިވެ އެ ގުޅުން ލޯތްބަށް ބަދަލުވީ ވެސް ކޮފީގެ ހިތްގައިމު މާހައުލުންނެވެ. ދެތިން ދުވަހުގެ ބައްދަލުވުމަށްފަހު ކާވެންޏާ ހަމައަށް ދެވުނީ ވަރަށް އަވަހަށެވެ. އެސްފިޔަ ޖަހައިލައިހާ އަވަހަށެވެ. އަހަރުމެން ކާވެނީގެ ހަފުލާއަށް ވެސް ހާއްސަކުރީ ކޮފީއަށެވެ. އެކި ވައްތަރުގެ ކޮފީއަށެވެ. ކޮފީގެ އެކި އުފެއްދުންތަކަށެވެ. އަހަރުމެން ބޭނުންވީ ތަފާތުކޮށްލާށެވެ. އާދައިގެ އެހެނަސް ތަފާތު ގޮތެއް ހަދާށެވެ. އާއެކެވެ. އަހަރުމެންގެ ލޯބީގެ ރަމުޒަކީ ކޮފީއެވެ.
ރައްޔާ އޮތީ އިރުމަތީ ފަރާތަށް ބަލަހައްޓައިގެންނެވެ. އެއް އަތުން ކޮފީތަށި ހިފައިގެން އަނެއް އަތް ފާލަމުގައި ހަރުކޮށްފައިވާ ލަކުޑި ހަރުގައި އަޅުވާލައިގެންނެވެ. އަހަރެން ވެސް އޭނާ އޮތް ވަޒަނަށް އެ ގޮތަށް ތިރިވެލީމެވެ. ރައްޔާ ގާތަށް ހިނި އަންނަ ގޮތްވިއެވެ.
"ނިޝާނާ ނުވެސް ގުޅޭ." ރައްޔާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ގުޅުވީމަ ގުޅޭނެ. އެކަން ވިސްނިއްޖެއްނު،" ދެ މާނަ އެކުލެވޭ ގޮތަށް އަހަރެން ބުނެލީމެވެ. "ތޭންކްސް، ވަރަށް ތަފާތު ވަރަށް މީރު."
"ކޮފީ ދޯ! ލޯބީގެ ނަމަކީ ކޮފީ. އުދާސްތަކާއި ހިތްނުތަނަވަސްކަން ފިލުވައިލަދޭ ބައިވެރިއަކީ ކޮފީ. ހިތްހަމަ ޖެހުމާއި އަރާމުކަމުގެ އަސްލަކީ ކޮފީ،" ރައްޔާ ކޮފީތަށި އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. "އެކަމަކު، ނިޝާން މާ ސްވީޓް. ކޮފީ ރިޕްލޭސްކޮށް ލެވޭނީ ނިޝާންގެ ޓޭސްޓުން އެކަނި."
އަހަރެން ވެސް ރައްޔާގެ ކޮފީތަށިގައި އަހަރެންގެ ތަށި ޖައްސާލަމުން ހިނިތުންވެލީމެވެ. ރައްޔާގެ މޫނަށް ބަލައިލަމުން ހިނިތުންވެލީމެވެ.
"މި ހަނދާންތައް، މި އިހުސާސްތައް، މި ރަހަ އަހަރެންގެ ހިތުން ފިލައިގެން ނުދާނެ. ކޮންމެ ހާލެއް ޖެހުނަސް މި ދުވަސް އަހަރެން އާކުރާނަން. މި ހަނދާންތައް ފިލްމެއް ގޮތަށް ބަލާނަން." ރައްޔާގެ ކޮފީތަށި އަތުލައި ތުން ޖަހައިލީމެވެ.
ރައްޔާ ދެ ލޯ ބޮޑުކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ކޮފީތަށި އަތުލިއެވެ. ކޯވަރެއް އެތެރެއަށް ދަމާލުމަށް ފަހު ލާނެތް ފާޑަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. ރައްޔާ މަޑުމަޑުން އަހަންނާ ކައިރިވެލިއެވެ. އަހަރެން ގައިގައި އޮތް ގަޔަށްދޫ ހުދު ކުލައިގެ ގަމީހުގެ މެދުގައި އަޅުވާލާފައިވާ ގޮށް ނައްޓައިލަމުން އަހަރެންގެ ބަނޑުން ފާޅުވާން ހުރި ގޮޅިބަރީގައި ކޮފީތަށި ޖައްސާލިއެވެ.
"ހޫނު." ރައްޔާ ސުވާލު ކޮށްލިއެވެ.
"ނޫން،" ރައްޔާގެ މަގުސަދު ސާފުނުވާ ހާލު އަހަރެން ބުނެލީމެވެ. "ރައްޔާ މާ ހޫނު. ޔޫރ ސޯ ހޮޓް."
ރައްޔާ ހޭންފެށިއެވެ. އަދި ކޮފީ ތަށި އަހަރެން ބަނޑާދިމާއަށް އަރިކޮށްލިއެވެ. ކޮފީތައް އަހަރެންގެ ބަނޑު ހުރަސްކޮށް ސޯޓަށް އެޅުނެވެ. އަހަންނަށް ބަލައިލެވުނީ ރައްޔާގެ މޫނަށެވެ. އަތުގައި ހުރި ކޮފީތަށި ވެސް ރައްޔާގެ މޫނަށް އަޅައިލީމެވެ. އޭނާގެ މޫނަށް އެޅުނު ކޮފީތައް ދަތްދޮޅިން ތިކި ޖަހަމުން ގަމީހަށް އެޅުނެވެ. އެއާއެކު ރައްޔާ ފާޑަކަށް ހަޅޭއްލަވާގަތެވެ. އަހަރެންގެ ބަނޑާއި މޭމަތީގައި އޭނާގެ މޫނު ހާކާލިއެވެ. މޫނުގައި ހުރި ކޮފީތައް އުނގުޅާން ފެށިއެވެ. މުޅިތަނުގައި އަހަރުމެންގެ ސަކަރާތާއި ހުނުމުގެ އަޑު ގުގުމައިލިއެވެ.
"އަންކަލް ކޭން ޔޫ ހެލްޕްމީ ޕްލީޒް؟" (ނުނިމޭ)