ކޮވިޑް19 ގެ ބަލިމަޑުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއެކުވެސް ދިވެހިރައްޔިތުންގެ މައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފެށިފައިވާއިރު އެއީ ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތު ކުރުމަށް ވެދެވޭ އެހީތެރިކަމަށް ވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި ސަފީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ބީޔޫސީޖީ އާ އެ ގައުމަށް ނިސްބަތްވާ އެހެން ކުންފުނިތަކުންވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމާއި ހީނަރު ކަމުގެ މި ވަގުތު މި މަަސައްކަތް ފެށުނީ ރާއްޖޭގެ އެއްބާރުލުމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފެށިފައިވާއިރު އެއީ ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތު ކުރުމަށް ވެދެވޭ އެހީތެރިކަމަށް ވާނެ ކަމަށެވެ.
ވީއައިއޭ ތަރައްގީ ކުރަން ކުރީ ސަރުކާރުގެ ދުވަސްވަރު މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލު ކޮށްގެނެވެ. އެތާނގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ އެވެ. އަދި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީވެސް ބީޔޫސީޖީންނެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ޓާމިނަލް ހަދަނީ ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.