ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 10)

މިފްރާހަށް ކުރެވެން ފެށީ އާދަޔާ ޚިލާފު އިޙްސާސްތަކެކެވެ. ހައުލާ އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލާފާނެ ކަމަކަށް ދުވަހަކުވެސް މިފްރާހު ހީއެއް ނުކުރެއެވެ.

"ހައުލާގެ ބަނޑުގަ ވަނީ ކާކުގެ ދަރިއެއްބާ؟ ހައުލާ އެކަން ސިއްރު ކުރީ ކީއްވެބާ؟ އަހަރެން ދެކެ ހައުލާ ވީ ޙަޤީޤީ ލޯބި ނޫންބާ؟" މިފްރާހުގެ ހިތުގައި ފުނި ޖެހެން ފެށީ އެކިއެކި ސުވާލުތަކަކުންނެވެ. އެއިން ކޮންމެ ސުވާލަކުން ވެސް މިފްރާހަށް ލިބުނީ އިތުރު އުދަނގުލުކެވެ. ވޭނެކެވެ. ފުންކޮށް ނޭވާއެއް ލަމުން މިފްރާހު އަވަސްވެގަތީ ފުލުހުންގެ މަރުކަޒުން ނުކުންނާށެވެ.

***

ކޮޓަރީގެ އެނދަށް ޖެހިގަނެގެން އޮތް ޒީނާ ވަނީ ދުނިޔެ މަތިން ފޫހިވެފައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ނުކައިގެން މިހާރު އެތައް ފަހަރަކު ޒީނާގެ މަންމަ ވެސް ޝަކުވާ ކޮށްފިއެވެ. ނަމަވެސް ޒީނާގެ އަރުން އެތެރެއަށް އެއްޗެއް ދާގޮތެއް ނުވަނީއެވެ. ޒީނާގެ މޫނުމަތިން އޭނާގެ މަންމައަށް ފެނުނު ޒަޚަމް ތަކަކީ ސިޑިން ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ މަންމައަށް ވެސް އޮޅުވައިލީއެވެ. އެ ނޫން އިތުރު ގޮތެއް ޒީނާއަށް ނެތީމައެވެ.

އެކި ފިކުރުތަކުގައި ޒީނާގެ ސިކުނޑި ފުރެމުން ދަނިކޮށް އޭނާއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ މިފްޒާލެވެ. ފޯނު ނަގަން ބޭނުން ނުވިޔަސް، އެ ކޯލްތަކަށް ޖަވާބު ނުދީފިނަމަ ދެން ވާނެ ގޮތް އެނގޭތީ ހިތާ ދެކޮޅަށް ވެސް ޒީނާ ފޯނު ނެގިއެވެ. މިފްޒާލަށް ދެވެން އޮތީ އޭނާ ރުޅި އަންނާނެ ޖަވާބެއްކަން އެނގިހުރެއެވެ.

"ހަލޯ." މިފްޒާލްގެ އަޑުގައި އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުވެއެވެ. އެނުލަފާ ރާގެވެ. ޖަވާބު ދިނުމުގެ ގޮތުން ޒީނާ "ހޫމް" ލައްވައިލިއެވެ.

"ކޮން ހޫނއެއް؟ ކަމެއް ކަޑަވީތަ؟ ކިހިނެއް ވަނީ ހަވާލު ކުރި ކަންތައް؟" މިފްޒާލް ވާހަކަދައްކަމުން ދިޔައީ ގޭގެ ބެެލްކަނީގައި ހުރެގެންނެވެ.

"ރަނގަޅަކަށް ނޫން ދިޔައީ." ޒީނާ ޖެހިލުންވެ ހުރެ ބުނެލިއެވެ.

"ވަޓް؟ އެއީ ކީއްވެ؟" މިފްޒާލް ހިތްހަމަ ނުޖެހުނެވެ. ޒީނާ މާނޭވާއެއް ލަމުން، ހައިޝަމް އާއެކު ކަންތައް ވީގޮތް ކިޔައިދިނެވެ. ޒީނާގެ ވާހަކަތައް އަޑު އަހާފައި މިފްޒާލްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މިފްޒާލް އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑައިލިއެވެ. މިފްޒާލްގެ މުޅި ގަޔަށް ސަވާރުވަމުން ދިޔައީ އިންތިހާއަށް ރުޅިއެވެ. ސިޓިންގރޫމްގައި ހުރި ސޯފާތައް ފައިން ކޮއްޕަމުން ގޮސް، މިފްޒާލް ވަރަށް އަވަސްކޮށް ގެއިން ނުކުތެވެ.

***

"ލިއު! އަހަރެން ބޭނުން ދަރިއެއް. އަންހެން ކުއްޖެއް." ލިއުޝާގެ އިސްތަށިގަނޑުގައި ފިރުމަމުން ހައިޝަމް ވަރަށް އުފަލުން ބުނެލިއެވެ.

"އަހަރެން ވެސް. އެކަމު ބޯއީއެއް. ހެހެ!" ލިއުޝާ ހިނިތުންވެލިއެވެ.

އެގޮތުގައި އެދެމީހުން ގެންދިޔައީ އެކި ކަހަލަ ވާހަކަތައް ދައްކަމުންނެވެ. އެމީހުންގެ ޙަޔާތް ބިނާ ކުރާނެ ގޮތާއި، ލޯބިން މުސްތަޤުބަލް އާރާސްތު ކުރާނެ ގޮތް އެދެމީހުން ގެންދިޔައީ އެކަކު އަނެކަކާ ޙިއްޞާ ކުރަމުންނެވެ.

***

މިފްޒާލް ދިޔަ ގޮތަށް ގޮސް ވަނީ ޒީނާގެ ގެއަށެވެ. ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވީ ޒީނާގެ މަންމަ ޒުހުދާއެވެ. ޒީނާގެ ގާތް ރަޙުމަތްތެރިއެއް ކަމަށް ބުނެ، މިފްޒާލް ގޮސް ވަނީ ޒީނާ އޮތް ކޮޓަރިއަށެވެ. މިފްޒާލްގެ ހަރަކާތްތައް ބަަލަން ޒުހުދާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެއްވެސް އަދަބު އިޚުތިރާމެއް ނެތީމައެވެ. އަދި ޒުހުދާ އެންމެ ހައިރާންވި ކަމަކީ، މިފްޒާލަށް ފަސޭހަ ކަމާއި އެކު ގޮސް ޒީނާގެ ކޮޓަރިއަށް ވަދެވުމުންނެވެ.

"މިފްޒާލް!" އެނދުމަތީގައި އޮތް ޒީނާ ފުންމައިގެން ތެދުވިއެވެ. ޒީނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާގެ ކޮޓަރިތެރެއިން މިފްޒާލް ފެނުމުންނެވެ.

"ކިހިނެއް ވަނީ؟" ޒީނާގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމެއްގެ ސުވާލު މާރކެކެވެ.

"ދޮރުން.. ހެހެ! ތި ވާހަކަ ނުދައްކާ. ތެދުވެ ބަލަ!" ޒީނާގެ އަތުގައި ހިފައި މިފްޒާލް އޭނާ ކޮޅަށް ނެގިއެވެ.

"ތިހެން އަރާމްގަ އެއް ނޯއްވެވޭނެ. ހަވާލުކުރި ކަންތައް ކާމިޔާބު ކުރޭ!" މިފްޒާލް ބަލަން ހުރީ ޒީނާގެ މޫނަށެވެ.

"އަހަރެން ޓްރައި ކޮށްފިން." ބިރުން ހުރެ ޒީނާ ބުނެލިއެވެ.

"ތިކަހަލަ ޓްރައި ބޭނުމެއް ނޫން. ރެޑީވޭ." މިފްޒާލްގެ ދެއަތުން ނިކަން ބާރަށް ޒީނާގެ ކޮނޑުގައި ހިފައި ބާރުކޮށްލަމުން ބުނެލިއެވެ.

"ކޮންތާކަށް ދާން؟" ޒީނާ އެހެން އަހައިލި އިރު އޭނާގެ ކޮނޑަށް ދިޔައީ ރިއްސަމުންނެވެ.

"އިތުރު އެންމެ ސުވާލެއް ކުރިޔަސް، މަރާލާނަން!" މިފްޒާލް މޫނު ގޮސް ޖައްސައިލީ ޒީނާގެ މޫނުގައެވެ. ޒީނާ ދެލޯ މަރައިލަމުން، އިސްޖެހިއެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހެމުން، ޒީނާ ގޮސް ވަނީ ފާޚާނާއަށެވެ.

***

މިފްރާހަށް މުޅި ދުނިޔެ ހިމޭންވި ކަހަލައެވެ. އޭނާ ވަށައިގެން ވަނީީ އިޙްސާސެއް ނެތް ހަތަރު ފާރެވެ. ގޭގައި އެކަނި މާއެކަނި މިފްރާހު ވޭތު ކުރަމުން ދިޔައީ ހިތްދަތިކަމުގެ ވަގުތުކޮޅެކެވެ. ހައުލާގެ ހަނދާންތައް އަބަދުމެ ގެންދިޔައީ މިފްރާހަށް އުނދަގޫ ކުރަމުންނެވެ. ކޮންމެ ގޮތެއް ވިޔަސް ހައުލާ މިފްރާހަށް ދެރައެއް ދޭނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ހައުލާއަށް ކުރިމަތިވި ހާލަތުގެ ފަހަތުގައި ބޮޑު ކަމެއް އުޅޭނެ ކަމަށް އަބަދުވެސް މިފްރާހުގެ ހިތް ބުނަމުން ދިޔައެވެ.

***

"ޕްލީޒް ތިހެން ނުހަދާ!" ޒީނާ ދެރަވެގެން މިފްޒާލްގެ މޫނަށް ބަލައިލިއެވެ.

"އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނީ." މިފްޒާލް އެހެން ބުނެލަމުން، ދެމީހުން އެއްކޮށް ހިނގައިގަތީ ހައިޝަމް ދިރިއުޅުމެންދާ ގެއަށް ވަންނާށެވެ. ޒީނާގެ ހިތް ތެޅެމުން ދިޔައެވެ. މިފްޒާލް އަނެއްކާ ވެސް ހަވާލު ކުރީ ޒީނާއަށް ކުރަން އުނދަގޫ ކަމެކެވެ.

ދޮރުގައި ޓަކި ދޭން ފެށި އަޑަށް ހައިޝަމް އެނދުން ތެދުވިއެވެ. ލިއުޝާ އެނދުގައި ހަމަޖެހިގެން އޮތީއެވެ. ހައިޝަމްގެ ބުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ހައިޝަމް ލައިގެން ހުރީ ކުރު ސޯޓު ކޮޅެކެވެ.

"ޒީނާ.." ދޮރު ހުޅުވައިލުމާއި އެކު، ހައިޝަމް ފަހަތަށް ޖެހުނެވެ.

"އައިމް ސޮރީ.." ޒީނާގެ މޫނުމަތިން ފައުޅުވީ ހިތާމައެވެ.

"އޯކޭ. މާފުކޮށްފިން. ދެން ދޭ!" ހައިޝަމްގެ އަޑުގައި ވަނީ ފޫހިކަމެކެވެ. ލިއުޝާ މަޑުމަޑުން އެނދުން ތެދުވެގެން، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ޕްލީޒް!" ޒީނާ ވަރަށް ބާރަށް ހައިޝަމްގެ ގައިގައި ބައްދައިގަތެވެ. އެވަގުތަކީ ލިއުޝާއަށް ކޮޓަރިން ނުކުމެވުނު ވަގުތެވެ.

"ދޫކުރޭ! ޙަޔާތް ކުޑަ. އަހަރެންގެ ގައިން ދޫކުރާށޭ!" ޒީނާ މުޅި މަންޒަރު ބަދަލުކޮށްލިއެވެ. މޫނުމަތީގައި އަތް އަޅަމުން ޒީނާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ހައިޝަމް ފަހަތަށް ދެތިން ފިޔަވަޅު ނެގިއެވެ. ލިއުޝާ އަވަސްކޮށް ހިނގާފައި އައިސް ހުއްޓުނީ ޒީނާގެ ކުރިމަތީގައެވެ. އެވަގުތު ވެސް ޒީނާ ގެންދިޔައީ އަޑުގެ ނެތްކޮޅަށް ހަޅޭލަވަމުންނެވެ. އެގޭގެ އެކި އެޕާރޓްމެންޓު ތަކުން މީހުން އެތަނަށް ޖަމާވާން ފަށައިފިއެވެ. ކުއްލިއަކަށް ޒީނާ އޭނާގެ އަތް މޫނުމަތިން ނެގިއެވެ. ޒީނާގެ އަތުގައި ވަނީ ހުސް ލެޔެވެ. ލިއުޝާގެ ކަޅި އަޅައިގަތީ ޒީނާގެ ކައިރީގައި ވެއްޓިފައި އޮތް ކަޓަރަށެވެ. ލިއުޝާ ހުރިތަނުގައި ގަނޑުވިއެވެ. އަދި ކުއްލިއަކަށް ބަލައިލީ ހައިޝަމްގެ މޫނަށެވެ. ނޫނެކޭ ބުނާފަދަ ގޮތަށް ހައިޝަމް ބޯ ހުރައިލީ ވަރަށް ބޮޑަށް ޖެހިލުންވެގެން ހުރެގެންނެވެ.

"ތީ ބޮޑު ރޭވުމެއް! ޒީ ކީއްވެތަ ތިހެން ތި ހަދަނީ؟" ލިއުޝާ އަޑު ބާރުކޮށް އަހައިލިއެވެ.

"އަދިވެސް ކަލޭމެންތަ އަޑުގަދަ ކުރަންވީ؟ ކަލޭގެ މިހިރަ ފެންނަ ފިރިމީހާ އުޅުނީ އަހަރެން ރޭޕްކޮށްލަން. ކަޓަރުން ބިރުދައްކައިގެން. އަހަރެންގެ އަތުގަ ވެސް ކަޓަރު އަޅާފަ. ތި ގޮތަށް އަންހެނުންނަށް އަނިޔާ ކުރަން ލަދުގަންނަން ޖެހޭނެ." ޒީނާ ރޮމުން ރޮމުން، އެގެއިން ނުކުމެެގެން ދިޔައެވެ. ލިއުޝާ ވަރަށް ބާރަށް ދޮރު ޖަހަމުން، ދޮރު ތަޅުލިއެވެ. އަދި ލިއުޝާގެ ކުރިމަތީގައި ހުރި ހައިޝަމްގެ މޫނަށް ބަލައިލިއެވެ.

ހައިޝަމް އާއި ލިއުޝާ ވޭތު ކުރަމުން ދިޔަ އުފާވެރި ރޭގެ ހަމަޖެހުން މުޅިން ގެއްލިގެން ދިޔައެވެ. އެދެމީހުންނަށް އެރޭގެ ފަހު ބައި ވީ އުނދަގު ވަގުތުތަކަކަށެވެ. އެދެމީހުންގެ ދިރިއުޅުން ހަލާކުކޮށްލަން މިފްޒާލާއި ޒީނާ ކުރަމުންގެންދާ މަސައްކަތުން އެދެމީހުންނަށް މިރޭ ހަމަ ރަނގަޅަށް ވެސް އަސަރުކޮށްފިއެވެ. އެތައް ބައެއްގެ ކުރިމަތީގައި ހައިޝަމްގެ އަގު ވެއްޓުނީމައެވެ. އަދި މިކަމުގެ ރޯޅި އިތުރަށް އަރާނެކަން އެދެމީހުންނަށް އެނގޭތީއެވެ.

ހެނދުނުގެ އަލިކަން މުޅި މާލެތެރެއަށް ފެތުރިގެން ދިޔައެވެ. މިފްރާހު އިނީ ރޭގަ އެއްގޮތަކަށް ވެސް ނުނިދައި ސިޓިންގރޫމްގެ ސޯފާގައި އިން ގޮތަށެވެ.

"ދޮންބޭ! އަދިވެސް ނުނިދަންތަ؟" މިފްޒާލް އައިސް އިށީންނީ މިފްރާހާ ޖެހިގެން އިން ސޯފާގައެވެ.

"އާނ! ނިދާ ހިތެއް ނެތް. ކޮއްކޮ ރޭގަ ކޮންތާކު އުޅޭނީ. ނިދަން ވެސް ނާއްނަމެއްނު؟" މިފްރާހު ބަލައިލީ މިފްޒާލްގެ މޫނަށެވެ.

"ދޮންބޭ! އަހަރެން އުޅުނީ ހައުލާ ފަހަރީ ފެނޭތޯ. އަހަރެން އަޑު އެހިން ޚަބަރުން ވަރަށް އެހެން ކަހަލަ ވާހަކައެއް. ހައުލާ ފަހަރީ ބަނޑު.." މިފްޒާލްގެ ވާހަކަ މިފްރާހު ހުއްޓުވިއެވެ. އެ ޖުމުލަ އަޑު އަހަން ބޭނުން ނުވާތީއެވެ. މުޅި ރާއްޖެއަށް ހައުލާ އެފަދަ ގޮތަކަށް ބަދުނާމުވުން އެއީ މިފްރާހު އެދޭ ގޮތެއް ނޫނެވެ. ނަމަވެސް ރޭގަ އެވާހަކަ ފުލުހުން ވަނީ މީޑިއާތަކަށް ޙިއްޞާ ކޮށްފައެވެ. މުޅި ރޭ ހަތަރުދަމު ޒީނާއާ އެކު މިފްޒާލް ވަނީ އެކި ކަހަލަ ރޭވުންތައް ރާވާފައެވެ.

"މިދަނީ ނިދޭތޯ އިނގޭ! ދޮންބެ ވެސް ދެން ނިދާލާ!" މިފްރާހުގެ ބޮލުގައި އަތް ޖަައްސައިލަމުން، މިފްޒާލް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ.

***

"މަންމާ! މަންމާ!" ޒީނާ ދުވެފައި ގެއަށް ވަނީ ރޮމުންނެވެ. ޒީނާ ފެނުމާއި އެކު، ތަށި ދޮންނަން ހުރި ޒުހުދާގެ އަތުން، އޭނާ ދޮންނަން އިން ތަށި ދޫވެގެން ގޮސް ސިންކަށް ވެއްޓުނެވެ.

"ދަރިފުޅާ!" ޒުހުދާ ނިކަން ހަލުވިކޮށް އައިސް ޒީނާގެ ގައިގައި ބައްދައިގަތެވެ. އޭރުވެސް ޒީނާ ގެންދިޔައީ ރޮމުންނެވެ.

"ބަލަ ދަރިފުޅާ! ކިހިނެއްތަވީ؟ ބުނެބަލަ!" ޒުހުދާގެ ހިތް ތެޅެން ފެށިއެވެ. ޒީނާގެ ލޮލުން އޮޮހެމުންދާ ކަރުނަތައް ފޮހެމުން، ޒުހުދާ ވަރަށް އަވަސް އަވަސްކޮށް އެދެމުން ދިޔައީ ވީގޮތް ސާފުކޮށްދިނުމަށެވެ.

"މަންމާ.." ޒީނާއަށް ދެން ވެސް ބުނެވުނީ ހަމަ އެވަރަށެވެ.

"މަންމާ. އަހަރެން.. އަހަރެން. އަހަރެން ރޭޕް ކޮށްލައިފި.." ޒީނާގެ އަނގައިން ބޭރުވި ކޮންމެ ބަހެއް ހޫނު ކަމާއި އެކު، ބާރު ދުވެލީގައި ގޮސް ޒުހުދާގެ މޫނަށް ތަތްލި ކަހަލައެވެ. ޒުހުދާގެ އަނގަ ހުޅުވި، ދޫ ގޮށްޖެހުނެވެ. ހިތުގެ ވިންދު ހުއްޓުނުހެން ހީވިއެވެ. މައިލަގޮނޑި ފަޅައިގެން ދިޔަ ފަދައެވެ.

"ކީކޭ ދަ.. ދަރިފުޅާ؟" ޒުހުދާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. އެވަގުތު ޒުހުދާގެ ދެލޯ ވަނީ ކަރުނައިގެ ފެންތިިކިތަކުން ފުރި ބާރުވެފައެވެ. ޒުހުދާގެ މުޅި މޫނުމަތި ވަގުތުން މިލައި މޯޅިވެ، ކިލަނބުވެގެން ދިޔައެވެ.

"ނޫން ދަރިފުޅާ! ބުނޭ ތީ ދޮގެކޭ!" ޒުހުދާގެ އަޑު ފިސްފިސް ވަނީއެވެ.

"މަންމާ. މީ ތެދެއް." ޒީނާއަށް ގިސްލެވެން ފެށުނެވެ. ޒީނާގެ ހަރަކާތްތައް އަސްލުވެފައި، އެކަންކަމުގައި އެއްވެސް ވަރަކަށް މީހަކު ޝައްކެތް ކުރެވޭނެ ފުރުޞަތެއް ނެތެވެ.

"ކާކު؟ ކާކު އެއީ؟" ޒުހުދާގެ އަޑުގައި ނަފުރަތުގެ ހުޅު ރޯވަން ފަށައިފިއެވެ. އަމިއްލަ ދަރިއަށް އެފަދަ ބޮޑު ވޭނެއް ދިން މީހެއް ބަލަން ޒުހުދާ ބޭނުންވީއެވެ. އެމީހަކަށް ހަމަ ނޭވާ ލާން ވެސް ފުރުޞަތު ދޭކަށް ޒުހުދާ މިހާރު ވެސް ހުރީ ބޭނުން ނުވެފައެވެ. ޒީނާ ވަރަށް ބާރަށް ޒުހުދާގެ ގައިގައި ބައްދައިގަތެވެ.

***

ހެނދުނު11 ޖެހުމާއި އެކު، މިފްޒާލަށް ހޭލެވުނީ އޭނާގެ ފޯނު އެލާރމް ވާން ފެށުމުންނެވެ. ވަރަށް އަވަސްކޮށް މިފްޒާލް އޭނާގެ ފޯނު ހުޅުވައި ފޭސްބުކަށް ވަދެލިއެވެ. އަދި ލުއިކޮށް ހިނިތުންވެލަމުން، މިފްޒާލް ބަލައިލީ ޒީނާގެ ޓައިމްލައިނަށެވެ.

ޒީނާ ފުންކޮށް ނޭވާއެއް ލަމުން، އޭނާގެ ކުރިމަތީގައި އިން ލެޕްޓޮޕަށް ބަލައިލިއެވެ. ޒީނާއަށް މި މަރާލެވެނީ ބަޔަކު ދިރިހުއްޓާކަން އެއީ ޒީނާއަށް އެނގޭ ކަމެކެވެ. މި ކުޅެވެނީ ބައެއްގެ ދިރިއުޅުމާކަން ޒީނާއަށް އިޙްސާސްވެއެވެ. ޒީނާގެ ހިތް އޭނާއަށް ކުރާ ހަމަ އެކަނި ސުވާލަކީ "ކުރާނީ ކީއްހެއްޔެވެ؟"

ލެޕްޓޮޕްގެ ސްކްރީން ރަނގަޅުކޮށްލަމުން ޒީނާ އޭނާގެ އެފްބީ ލައިވް ފެށިއެވެ. ޒީނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުމަތިން ވަރަށް ބޮޑަށް ހިތާމަކޮށްފައި، ހުރިކަން އެނގެއެވެ. ހަށިފުރާ ދެތިން ނޭވާއެއް ލަމުން، ޒީނާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެން މީ ޒީނާ. އުމުރުން 25 އަހަރު. މިއަހަރު އަހަރެން ޑޮކްޓަރެއްގެ ގޮތުގަ މަސައްކަތް ކުރަން ފެށިން. އަހަރެން މި ލައިވް މިގެނެސްދެނީ އަހަރެންނަށް ރޭގަ ދިމާވި ކަމެއް ޝެއާރކޮށްލަން. މިކަންތައް އެހެން މީހަކު ގޯތުރޫ ކުރަން ބޭނުން ނުވާތީ. އަހަރެން ރޭގަ ދިޔައީ އަހަރެންގެ ބެސްޓު ފްރެންޑް ގެއަށް. ދިޔައިރު ގޭގެ ދޮރު ހުޅުވީ އޭނާގެ ފިރިމީހާ. ހައިޝަމް. އަހަރެން ގެއަށް ވަތް ތަނާ.." ޒީނާ ކުއްލިއަކަށް ފެށީ ރޯންށެވެ. އެވަގުތު އެތައް ބަޔަކު ލައިވް ބަލަމުން ދިޔައެވެ. ވަގުތުކޮޅަކު ޒީނާ ރުއިމަށްފަހު، އަނެއްކާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެން އެގެއަށް ވަނީމަ.. ކަޓަރުން ބިރުދައްކާފަ.. އަހަރެން ރޭޕްކޮށްލީ. އަހަރެން އާދޭސް ކުރިން އަހަރެން ދޫކޮށްލަން. އެކަމު، އަހަރެންނަށް ވަރަށް އަނިޔާ ދިން. އަހަރެން ހާދަ ރުއީމޭ." ޒީނާ ގިސްލަމުން ދިޔައެވެ. އެވަގުތު އެތައް ބަޔަކު ގެންދިޔައީ ލައިވް ޝެއާރ ކުރަމުންނެވެ. ލިއުޝާ ވަރަށް އަވަސްކޮށް ފޭސްބުކަށް ވަނީ އޭނާގެ ރަޙުމަތްތެރިއަކު ގުޅާފައި ޒީނާގެ ލައިވްގެ ވާހަކަ ބުނުމުންނެވެ. ލިއުޝާ ވެސް ހައިޝަމްގެ ގާތަށް ގޮސް ލައިވް ދައްކައިލިއެވެ. ލައިވް ބަލަމުން ދިޔަ ހައިޝަމްގެ ހުރިހާ އިޙްސާސްތަކެއް ހިމޭންވިއެވެ.

"އެތައް ބަޔަކަށް އެނގޭނެ އަހަރެން އުފުލި ވޭން. ކުރި އާދޭސް. މީ އަހަންނަށް އަނިޔާދީ ރޭޕްކޮށްލި މީހަކީ.." ޒީނާ ލައިވްގެ ތެރޭގައި ހައިޝަމްގެ ފޮޓޯގަނޑެއް ލައިވް ބަލަމުން ދިޔަ އެންމެންނަށް ދެއްކިއެވެ. ހައިޝަމް އާއި ލިއުޝާގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގޭ ހާލުގައި ލިއުޝާ މަޑުމަޑުން ކޮމެންޓުތަކަށް ނަޒަރު ހިންގައިލިއެވެ.

"އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލާ!"
"އޭނާ މަރާލާ!"
"ހުވާ އެ ގޮލާ މަގުމަތިން ފެނެއްޖިއްޔާ ކޮށާލާނަން."
"ދެރަ ނުވޭ ޒީ. އިންސާފު ލިބޭނެ."
"ޕޮލިސް. މި މައްސަލަ ބަލާދީ."
"މިފަދަ އަނިޔާވެރިން މަރަންވީ. ހައިޝަމް މަރާލާ!"

ބައެއް ކޮމެންޓުތައް ކިޔައިލުމާއި އެކު، ލިއުޝާގެ ބަޑި ފަޅައިގެން ދިޔައެވެ. "ޕާސް" ކިޔާފައި ނިކަން ބާރަށް ލިއުޝާ ރޯންފެށިއެވެ. (ނުނިމޭ)