ކޭކު ކައިގެން މަސްތުވެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ އެ ކޭކަށް މަސްތުވާ އެއްޗެއް އަޅާފައި ނެތް ނަމަ ކޭކު ކައިގެން އެއްވެސް މީހަކު މަސްތެއް ނުވާނެތާ އެވެ. ހަޔާތަކީ އަޖައިބު އެއްޗެކޭ ހިތަށް އަރާނެ ދޯއެވެ؟
އިންގްލެންޑްގެ ޓައުނެއް ކަމަށްވާ ސަފޯލްކް ލޯވެސްޓޮފްޓްގައި ދިރިއުޅޭ ނިކް ކާސަން، 62، އަކީ ކޭކު ކެއުމުން މަސްތުވާ މީހެކެވެ. އޭނާއަށް މިހެން ދިމާވަނީ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުންނެވެ. ކޭކުގައި ހުންނަ ކާބޯހައިޑްރޭޓްސް ހަށިގަނޑަށް އެތެރެވުމަށް ފަހު ފާމެންޓް ވެގެން އަލްކޮހޯލް ފަދަ އެއްޗަކަށް ބަދަލު ވަނީ އެވެ. މިއީ އާންމު ގޮތެއްގައި ނުފެންނަ ޒާތުގެ ޑިސްއޯޑާ އެކެވެ.
މި ބައްޔަށް ކިޔަނީ އޮޓޯ ބުރޫވަރީ ސިންޑްރޯމް (އޭބީއެސް) އެވެ. މީގެ މާނައަކީ އަލްކޮހޯލްގެ އެންމެ ތިއްކެއް ބޭނުން ނުކުރިޔަސް އެމީހާ މަސްތު ވެދާނެ އެވެ.
މި ވާހަކަ އަޑުއަހާ މީހަކަށް މިއީ ވަރަށް މަޖާ ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މި މީހާއަށް ދިމާވާ މި ހާލަތަކީ ބިރުގަންނަން ޖެހޭ ފަދަ ހާލަތެކެވެ. ސަބަބަކީ ކޭކު ކޮޅެއް ކައިގެން ނިކް އަށް ދުއްވާ އެއްޗެއް ވެސް ނުދުއްވޭނެތީ އެވެ. ކޭކުން އޭނާ އަމަލުވާ މިންވަރަކީ އިންގްލެންޑް ފަދަ ގައުމުތަކުގައި އަމަލު ވެގެން ވެހިކަލް ދުއްވަން ހުއްދަ އޮންނަ މިންވަރަށް ވުރެ ތިން ގުނަ އިތުރު މިންވަރެކެވެ.
ނިކް އަށް މި ބަލި ޖެހެން މެދުވެރިވީ މީގެ 20 އަހަރު ކުރިން އޭނާ މަސައްކަތްކުރި ތަނުން އޭނާގެ ހަށިގަނޑަށް ވަދެފައިވާ ވަރަށް ބާރުގަދަ ކެމިކަލްތަކެއްގެ ސަބަބުންނެވެ.
ތަޅުންގަނޑުގައި ފާޑެއްގެ ކެމިކަލެއް އެކުލެވޭ އެއްޗެއް އުނގުޅަން އޭނާ އުޅެނިކޮށް އޭބީއެސްގެ އަސަރު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. އެއީ 2003 ގައެވެ. އެ ދުވަހު އޭނާ ގެޔަށް އައިއިރު ހުރީ ބަލިވެފަ އެވެ. އަދި ގޭތެރެއަށް އަނބުރައިގަނެގެން ވެއްޓުނީ އެވެ. މި ބަލި ހުރިކަން ޑައިގްނޯސް ކުރެވުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ.
ވަރަށް މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ޑޮކް މާޓިން" ގެ އެޕިސޯޑެއްގައި މި ބައްޔާ ގުޅޭ ވާހަކަ ދައްކަނިކޮށް ނިކްގެ އަންހެނުންނަށް އަޑު އިވިގެން އޭނާގެ ފިރިމީހާގެ ވެސް އެ ބަލި ހުރިކަމަށް ޝައްކު ވެގެން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދީމަ އެވެ.
ނިކް އަށް މިހާރު އަބަދުވެސް އުޅެން ޖެހެނީ ބްރެތަލައިޒާއެއް ހިފައިގެންނެވެ. އިރުއިރުކޮޅާ އޭގެން އޭނާގެ ހަށިގަނޑުގައި މަސްތުގެ އަސަރު ހުރި ވަރު އޭނާއަށް ޗެކް ކުރަން ޖެހެ އެވެ. ސަބަބަކީ މަސްތުގެ ހާލަތަށް އޭނާ ދާނީ ކޮން އިރަކުން ކަމެއް ނިކް އަށް ވެސް ދެނެގަންނަން ނޭނގޭތީ އެވެ.
ނިކް ބުނި ގޮތުގައި ބޭނުން ނުވިޔަސް އޭނާއަކީ މިހާރު އަބަދު ކަހަލަ ގޮތަކަށް މަސްތުގެ ހާލަތުގައި ހުންނަން ޖެހިފައިވާ މީހެކެވެ. ކިތަންމެ ކުޑަ ހަކުރު ކޮޅަކުން ވެސް ނުވަތަ ކާބޮހައިޑްރޭޓްސް ހުންނަ ކިތަންމެ ކުޑަކުޑަ ކާއެއްޗަކުން ވެސް އޭނާ މަސްތުވާތީ އެވެ.
ނިކް ބުނީ މިއީ ވަރަށް ބިރުވެރި ބައްޔެއް ކަމަށެވެ. ސަބަބަކީ މަސްތުވެގެން ގޮސް އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތަށް ދާތީ އެވެ. އަދި އެންމެ ބިރުވެރި ކަމަކީ ވިކްޓޯރިއާ ސްޕޮންޖް ކޭކަށް އޭނާ ދެވި ހިފާފައި ހުރުމެވެ. އެ ކޭކު ކާ ހިތުން އޭނާ އަށް ލޮލުފިޔަ ވެސް ނުޖެހެ އެވެ. ނަމަވެސް އެ ކައިފިއްޔާ އޭނާގެ ދުވަސް ދިޔައީ އެވެ. އެ ދުވަހު ހަތަރުދަމު ހުންނާނީ މަސްތުވެފަ އެވެ.
"އަހަންނަކީ އާންމުކޮށް ފޮނި އެއްޗެތި މީރު މީހެއް ވެސް ނޫން. ނަމަވެސް ވިކްޓޯރިއާ ކޭކު އަހަރެން ކާ ހިތްވަނީ މާ ގަދަޔަކަށް. އެ ކޭކު ނުލިބިއްޖިއްޔާ އަހަރެން ހީވަނީ މަރުވެދާނެ ހެން. މިއީ ވެސް ބައްޔާ ގުޅިގެން ސިކުނޑިއަށް ދިމާ ވެގެން އުޅޭ މައްސަލައެއް،" ނިކް ބުންޏެވެ.
ނިކް މަސްތު ވެގެން އުޅޭގޮތް އޭނާގެ އަންހެނުން ވީޑިއޯކޮށްފައި އަނެއް ދުވަހު އޭނާއަށް ދައްކަ އެވެ. ނިކް ބުނީ އޭނާގެ ހާލަތަށް މީހުން ޖޯކު ޖަހައި ހީނ، މަލާމާތްކުރާ ކަމަށެވެ. ނަމަވެސް މިއީ އެއަށް ވުރެ މާ ބިރުވެރިކަމެއް ކަމަށް ނިކް ބުންޏެވެ.