ކުލަބު ވެލެންސިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދަ ގުރާންޑޭއިން ތިން ވަނަ އަށް ޖެހިލައި ވެލެންސިއާ އާ ފަރަގު ކުޑަ ކޮށްފި އެވެ.
ވެލެންސިއާ އާ މެޗުން ބަލިވުމުން، އެ ޓީމަށް ވަނީ އެއް ވަނައިގައި އޮތް މާޒިޔާ އާ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. މިހާރު ދަ ގުރާންޑޭއިން ވަނީ ވެލެންސިއާ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ.
މެޗުގައި، ދަ ގުރާންޑޭގެ ތަފާތަކަށް ވީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަޔާޒު އަހްމަދު (އަޔާ) އެވެ. މެޗުގައި ގުރާންޑޭއަށް ލީޑް ނަގައިދިނީ އަޔާ ކާމިޔާބު ކުރި އިންޑަވިޖުއަލް މޮޅު ގޯލުންނެވެ. ވެލެންސިއާގެ އޭރިއާގެ އަރިމަތިން ގާސިމް ޝާމާމް (ޝަންމޭ) ހުރަސް ކޮށްދިން ބޯޅަ އަނެއް ފަރާތުގެ އޭރިއަ ބޭރުން ބޯޅަ ހޯދީ އަޔާ އެވެ. އޭނާ ވަނީ އޭނާއަށް ހުރަސް އަޅަން ކުރިމަތިލި ވެލެންސިއާގެ ދެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ އޭރިއާ ކުރިމައްޗަށް ބޯޅަ ހިފައިގެން އައިސްފަ އެވެ. ބޯޅަ ކުޅެމުން އައިސް އޭނާ ވަނީ އޭރިއާގެ ބޭރުން ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވެސް ހުރީ ހަނދާނެ ގޮތެއް ނޭންގިފަ އެވެ.
ވެލެންސިއާ މެޗަށް ނުކުތީ، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބެންޗުގައި ބެހެއްޓުމަށް ފަހު އެވެ. ޕްރީމެޗުގެ ގައި ވެލެންސިއާގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފައި ވަނީ އަޝްފާގް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތި ވެފައި ވުމުން އޭނާ އަށް މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކުޅުންތެރިންޔަކު ކުޑަ ވަރެއްގެ އަނިޔާގައި އުޅޭނަމަވެސް މެޗުން ފުރުސަތު ނުދޭނެ ކަމަށް އާތީ އޭރު ބުންޏެވެ.
އެހެންނަމަވެސް ދެ ވަނަ ހާފުގައި އަޝްފާގް ކުޅެން ނުކުމެ މެޗުގެ ފަހު ކޮޅުގައި ވެލެންސިއާ އަށް ލަނޑު ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އާތީ ބުނީ އަޝްފާގް ދަނޑަަށް ނެރުނީ އޭނާ އަށް ކުޅެވޭނެ ކަމަށާއި ކުޅެން ބޭނުންވާކަން އޭނާ ހާމަ ކުރުމުންނެވެ. މެޗުގެ 87 ވަނަ މިނެޓްގައި އަޝްފާގް ލަނޑު ޖެހީ އަހްމަދު އިމާޒު (އާއްކޮ) ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ތިން މިނެޓް ފަހުން ދަ ގުރާންޑޭއިން، އަލުން ލީޑް ނެގި އެވެ. ވެލެންިއާގެ އޭރިއާ ދިމާލުން ގުރާންޑޭއަށް ލިބުނު އެއްލުން ޝަންމޭ އެލުމުން އޭރިއާ ތެރޭގައި ހުރި އިބްރާހިމް ޝަފްރާޒް (ޝަފަލޭ) ބޮލުން އޭރިއާ ތެރެއަށް ނަގައިދިނެވެ. އޭރިއާ ތެރޭގައި ހުރި އުޒްބެކިސްތާންގެ އަކްރޯ އުމަރުޒްނޯވް މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ބައިސްކަލް ކިކެއް ފޮނުވާލި އެވެ. ގޯލްގެ ދަނޑީގައި ޖެހިފައި އެ ބޯޅަ ވަނީ ގޯލަށެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި ހަތަރު މިނެޓްގެ ތެރޭގައި ދަ ގުރާންޑޭގެ އޭރިއާގެ ބޭރުން އަޝްފާގް ފޮނުވާލި ބޯޅަ ގުރާންޑޭގެ ޑިފެންޑަރު އަބްދުރަސަލް ކޮމިލޯވް އަތުގައި ޖެހުމުން ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ހުރަސް ދަނޑިއަށެވެ.