ލައިފްސްޓައިލް

އިންޑިޔާގެ ފުރަތަމަ އަންހެން ޑިޓެކްޓިވް ވަރަށް ކުޅަދާނަ!

ރާޖަނީ ޕަންޑިތު އާއެކު މަސައްކަތްކުރާ މީހުން އޭނާ ސިފަ ކުރަނީ "އިންޑިއާގެ ޝާލޮކްހޯމް" ގެ ގޮތުގަ އެވެ. އިންޑިޔާގެ ފުރަތަމަ ޕްރައިވެޓް ޑިޓެކްޓިވްގެ ގޮތުގައި އޭނާ ކުރަމުންދާ މަސައްކަތުގެ ކާމިޔާބު ކަމުންނެވެ. ރާޖަނީ މި މަސައްކަތުގައި ހޭދަކުރި 22 އަހަރު ތެރޭގައި ވަރަށް ގިނަ ތަޖުރިބާތައް ކޮށްފައި ވެއެވެ. އަދި 80،000 ކޭސް ހައްލު ކޮށްފައި ވެއެވެ.

އިންޑިޔާ ކަހަލަ ބޮޑު، އަދި ކުށްތައް ގިނަ ގައުމެއްގައި މިފަދަ ނުރައްކާތެރި މަސައްކަތެއްގައި އުޅެން ފިރިހެނުން ވެސް ބިރުގަނެ އެވެ. ނަމަވެސް ރާޖަނީ އަކީ ފިރިހެނަކަށް ނުދޫކުރާ އަންހެނެކެވެ. ބިރުކުޑަ ޖެހިލުންކުޑަ ވިސްނުން ތޫނު ޑިޓެކްޓިވް އެކެވެ.

ފޭސްބުކްގައި ރާޖަނީ ޝެއާކުރި ޕޯސްޓެއްގައި އޭނާގެ ތަޖުރިބާތައް ހިއްސާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ޒުވާންއިރު އޮފީހެއްގެ ކާތިބެއްގެ ގޮތުގައި މަސައްކަތްކުރި އިރުގެ ތަޖުރިބާ އާއި ޑިޓެކްޓިވް އެއްގެ ގޮތުގައި މައްސަލަތައް ހައްލުކުރަން ފެށުނު ގޮތް ވެސް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ކޮލެޖުގައި ކިޔެވި ދުވަސްވަރު އޭނާ ޕާޓްޓައިމްކޮށް އޮފީހެއްގެ ކާތިބަކަށް މަސައްކަތް ކުރި އެވެ. އޭނާއާއެކު އެ އޮފީހުގައި މަސައްކަތްކުރި އަންހެނެއްގެ ގެއިން މާގިނައިން ވައްކަންކުރާތީ އެމީހާ އެ ޝަކުވާ ކުރަމުންދިޔަ ކަމަށާއި އެމީހާ ޝައްކު ކުރަނީ އޭނާގެ ގެއިން ވައްކަން ކުރަނީ އޭނާގެ ފިރިހެން ދަރިއަކާ ކައިވެނި ކޮށްގެން އައި ޅީދަރިއަކަށް ކަމަށް ރާޖަނީ ކިޔައިދީފައި ވެއެވެ.

"އެކަން ކުރަނީ ޅީދަރިފުޅު ކަމަށް ޝައްކު ކުރެވުނަސް އެމީހާ އަތަކު އޭގެ އެއްވެސް ހެއްކެއް ނެތް. އެހެންވެ އަހަރެން އެ މައްސަލަ އިންވެސްޓިގޭޓް ކޮށްދޭން ހުށަހެޅީ،" ޑިޓެކްޓިވް މަސައްކަތް ފެށުނުގޮތް ކިޔައިދެމުން ރާޖަނީ ބުނެފައި ވެއެވެ.

ރާޖަނީ ބުނި ގޮތުގައި އެ މައްސަލަ އިންވެސްޓިގޭޓްކުރި އިރު އަސްލު ވައްކަން ކުރަނީ އެ އަންހެންމީހާގެ ދަރިކަން ހާމަވި އެވެ. އެ މައްސަލަ އޭނާ ހައްލު ކޮށްލިލެއް އަވަސް ކަމާއި މޮޅުކަމުން މިއީ އޭނާއަށް ކުރެވިދާނެ ކަމެއް ކަމުގެ އިތުބާރު ލިބުނު ކަމަށް ރާޖަނީ ބުންޏެވެ.

ކާތިބެއްގެ ގޮތުގައި އޭނާ މަސައްކަތްކުރި އޮފީހުގައި އޭނާގެ މައްޗަށް ހުރި މީހާގެ ގެއިން މާ ގިނައިން ވައްކަން ކުރާތީ އޭނާ ކަންބޮޑުވެގެން އުޅެނިކޮށް އެ މައްސަލަ ހައްލުކޮށް ދޭން ރާޖަނީ އިސްނެގި ކަމަށް ބުނެފައި ވެއެވެ. މިއީ އޭނާގެ ކެރިއަރުގެ ފެށުމެވެ.

ރާޖަނީގެ ބައްޕައަކީ ވެސް ސީއައިޑީގައި މަސައްކަތް ކުރާ މީހެކެވެ. ބައްޕަގެ މަސައްކަތުން އޭނާއަށް ޑިޓެކްޓިވްއަކަށް ވުމުގެ ހިތްވަރު ލިބުނު ކަމަށް ރާޖަނީ ފާހަގަ ކުރި އެވެ.

ވައްކަންކުރުމުގެ އެކި މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ހައްލުކޮށްދޭން ރާޖަނީ ފެށުމާއެކު އޭނާގެ ކުޅަދާނަކަން ގިނަ ބަޔަކަށް ފާހަގަ ކުރެވެން ފެށި އެވެ.

އޭނާއަށް ހައްލުކުރަން އެންމެ އުނދަގޫވި އެންމެ ކޭސްގެ ވާހަކަ ވެސް ރާޖަނީގެ ޕޯސްޓްގައި ޝެއާ ކޮށްފައި ވެއެވެ.

"އެ ކޭސްގައި އަންހެނެއްގެ ފިރިމީހާ އާއި ދަރިފުޅު މަރާލާފައި އޮއްވާ ފެނުނީ. އެކަން ކުރީ ކާކު ކަމުގެ ކުޑަ ނަމަވެސް ހެއްކެއް ނެތް. އަހަރެން އެ މައްސަލަ އިންވެސްޓިގޭޓް ކުރަން ހަވާލުވެ އެ އަންހެންމީހާގެ ގެއަށް މެއިޑަކަށް ހެދިގެން މަސައްކަތް ކުރަން ދިޔައިން. ސަބަބަކީ އަސްލު ކުށްވެރިޔަކީ އެ އަންހެން މީހާ ކަމާއި ދަރިފުޅާއި ފިރިމީހާ މަރާލީ އެ އަންހެންމީހާ ކަމަށް އަހަންނަށް ޝައްކުވާތީ. އެ ގޭގައި މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންހެންމީހާއާ ރަނގަޅު ގުޅުމެއް އުފައްދަން ކުރި މަސައްކަތުގައި އެއް ފަހަރު އަހަރެން ގެންގުޅުނު ޓޭޕްރިކޯޑެއް އަންހެންމީހާއަށް ފެނިގެން އަހަރެން ބޭޒާރު ނުވީ ވެސް ކިރިޔާ. އެ ހާދިސާއަށް ފަހު އަންހެންމީހާ އަހަރެން ގެއިން ބޭރަށް ނުކުތުން މަނާކުރި. އެހެން އެގޭގައި އުޅެނިކޮށް އެއް ދުވަހަކު އެގެއަށް ފިރިހެނަކު އައި. އެއީ އަންހެންމީހާ ފައިސާ ދީގެން އޭނާގެ ދަރިފުޅާއި ފިރިމީހާ ގަޔަށް ބަޑިޖަހާ މަރާލި މީހާ. އެހިސާބުން އަހަންނަށް ކަން ވެގެން އުޅޭގޮތް މުޅިން އެނގި މައްސަލަ ހައްލު ކުރެވުނު. ނަމަވެސް ގެއިން ނުކުންނާނެ ގޮތެއް ނޭނގިގެން އަހަރެން ކުރި ކަމަކީ ވަޅިން ފައިގައި ވަޅިއަޅައި ކަނޑާލީ. އެތަން ބެންޑޭޖް ކުރަން ހޮސްޕިޓަލަށް ދަނިއްޔޭ ކިޔާފައި އެގެއިން ނުކުމެގެން ގޮސް ފޯނު ބޫތަކަށް ވަދެ ފުލުހުން ގޮވައިގެން އެ ގެއަށް އަންނަން އަހަންނާ އެ ކޭސް ހަވާލުކުރި މީހާއަށް ގުޅާފަ ބުނީ. ފުލުހުން އައިސް ހަމަ އެ ދުވަހު އެ ވަގުތު އަންހެންމީހާ އާއި އޭނާ ބުނެގެން ދެ މީހުން މަރާލިމީހާ ހައްޔަރުކުރީ،" ރާޖަނީގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ.