ކުޅިވަރު

ސިންތެޓިކް ޓްރެކުން ފާޅުވި އުފާ

ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ޓީމާ ހަމައަށް ހުސައިން ހަލީމް (ކުޑަ ހުސައިން)، ދިޔައީ މާލޭގައި ދުވާ ޓްރެކެއްގެ ގޮތުގައި ބޭނުން ކުރި ހެންވޭރު އަޑި ޕާކުގައި ހުސްފަޔާ ދުވެގެންނެވެ. އެއީ އޭރުގެ ރަސްމީ ދުވާ ޓްރެކެވެ. ފަހުން މާލޭގެ ފަޅުން ބޮޑުބައެއް ހިއްކައި މިހާރުގެ ކުޅިވަރު އެކުވެނި ރަސްމީ ދުވާ ޓްރެކަށް ވިފަހުންވެސް ހުސައިން އެތަނުގައި ދުވުނެވެ. ދުވާ ޓްރެކްގައި 24 ގަޑިއިރު ދުވެގެން އޮތް ޝަރަފެއް ވިއްޔާ ހުސައިން އަތުގައިވެސް އެބައޮތެވެ.

އެހުރިހާ ޝަރަފަކަށް ވުރެ ފުރަތަމަ އޮލިމްޕިކް ކެޕްޓަނަށް ކުރެވުނު އުފާވެރި ކަމުގެ އިހްސާސް އިއްޔަ ބޮޑެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އެލި ސިންތެޓިކް ޓްރެކްގެ ބަންޑުން އޮށާވެގެން އޮންނަތަން ފެންނަ ފޮޓޯ ހިއްސާ ކުރުމަށް ފަހު ހުސައިން ބުނެފައި ވަނީ މިހެންނެވެ.

"މިއަދު އަހަންނަށް އުފަލުން ރޮވުނު." ސޯޝަލް މީޑީއާގައި ހިއްސާ ކުރި ފޮޓޯގެ ކެޕްޝަންގައި ހުސައިން ލިޔެފައި ވެއެވެ. އޭނާ ރިޓަޔާ ކުރިތާ 20 އަހަރު ފަހުން ނަމަވެސް މާލޭގައި ސިންތެޓިކް ޓްރެކްގެ މީރު ވަސް އޭނާ އަށް ލިބުމަކީ ހުސައިން ކޮޅު ނެތް ކޮޅަށް ޝުކުރުވެރިވާ ކަމެކެވެ.

ހުސައިން އެކަންޏެއް ނޫނެވެ. ކަސްރަތަށް ދުވާ އާންމުންނާއި އެތުލެޓިކްސް ކޯޗުންނަށްވެސް އިއްޔަ ކުރެވުނު އިހްސާސްތަކަކީ އެތައް އަހަރެއްގެ އުންމީދާ ގުޅިފައިވި އިހްސާސެކެވެ. އެތައް ދުވުންތެރިންނެއް އެ ފަސްގަނޑުގައި ދުވެ ތަމްރީން ވެ، ބައިބަލްއަގްވާމީ މުބާރާތްތަކުގައި ވާދަ ކުރި އެވެ. އެތުލެޓިކްސްގެ ގައުމީ ގިނަ ރެކޯޑްތަކެއް އެ ފަސްގަނޑާއެކު ވެއްޖެ އެވެ.

ރަތް ދޫލައެއް ހައި ރީތި ޓްރެކެއް މާލޭގައި ޓްރެކް އެޅިއްޖެ އެވެ. ދެން އޮތީ އަތޮޅު ތެރެ އެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްޓްރީ އަހްމަދު މަރުޒޫގް ވިދާޅުވީ "ދެން ޓްރެކް އަޅަންވީ ތިނަދޫ، ކުޅުދުއްފުށި އައްޑޫ އަދި ފުވައްމުލަކުގައި" ކަމަށެވެ.

ސިންތެޓިކް ޓްރެކެއް ނެތަސް މެޑަލް ހޯދޭނެކަން ދިހަ ވަރަކަށް އަހަރު ކުރިން ދިވެހި އެތުލީޓުންގެ ބޮލަށް ވައްދައިދިނީ މަރުޒޫގެވެ. އޭނާ އިއްޔަ ބުނީ އެހެން ގައުމުތަކުގައި މެޑަލް ހޯދަނީ ޓްރެކް އެޅީމަ ކަމަށާއި ރާއްޖޭގައި ޓްރެކް އެޅީ މެޑަލް ހޯދުމުން ކަމަށެވެ.

ދުވުންތެރިންނާއި އާންމު ކަސްރަތަށް ދުވަން ނުކުންނަ ފަރާތްތަކަށް ޓްރެކްގެ ސަބަބުން ހިތްހަމަ ޖެހުން ލިބިއްޖެ އެވެ. އެހެންނަމަވެސް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަކީ، އެކުވެނީގެ އުތުރު އިރުމަތި ހާއްސަ ކޮށްފައި ވަނީ އެތުލެޓިކް އަށާއި ކްރިކެޓަށެވެ. އެ ސަރަހައްދުގައި ސިންތެރިޓިކް ޓްރެކް އެޅުމުން އުފާ ލިބުނު އިރު އެކަމުގެ ހިތްހަމަ ޖެހުން ކްރިކެޓަށް އޮތްތޯ ސުވާލު އުފެދެ އެވެ.

އެކުވެނި ޓްރެކްގައި ސިންތެޓިކް އަޅަން އިއުލާން ކުރި ފަހުން، އެކަމާމެދު ކްރިކެޓް ކުޅުންތެރިންގެ ހިތްހަމަނުޖެހުން ފެންމަތިވުމުން، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް އެ ކުޅުންތެރިން އެކަމާ ރުއްސަން މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން ސިންތެޓިކް ޓްރެކާއެކު ކްރިކެޓް ކުޅުންތެރިންގެ ހިތްނުތަވަސްކަން އޮތްކަން އެނގެ އެވެ.