ވާހަކަ

ހީނލާގޮތުން

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ސަލާމް ދިނުމާއެކު މުސައްލަ މަތިން ސަބީނާ ތެދުވިއެވެ. އޭރު ވެސް ތުންތެޅުވުން ނުހުއްޓެއެވެ. އޭނާގެ ދުލުކުރީގައި ވަނީ ޒިކުރުތަކެވެ. އެހެންނަމަވެސް ހަރަކާތްތައް ހެކިދެނީ އަވަދިނެތިގެން އުޅޭ ހެންނެވެ. ނަމާދު ދޮޅި ފަތްޖަހާލުމާއެކު ކިހިލިފަތް ދޭތެރެއަށް ވައްދާލައިގެން ހުރެ ގުދުވެ މުސައްލަ ނަގައިފިއެވެ. ހަތަރެސްކަނަށް ވާހެން އެ ފަތްޖަހާލުމާއެކު ކިހިލިފަތި ދޭތެރެއަށް ލައިގެން ހުރި ނަމާދު ދޮޅިއާއެކު ގެނެސް ރީތިވާ މޭޒުގެ ގޮނޑިމަތީ ބޭއްވިއެވެ. ލޯގަނޑަށް އަވަސް ނަޒަރެއް ދެމުން އޭނާގެ ކަޅަށްވުރެ ހުދު އިސްތަށި ގިނަވެފައިވާ ބޮލުގައި ދެއަތްތިލަ ހިންގާލިއެވެ. ދޮޅި ބޭލުމުން އިދިކީލިއަށް ނިތްކުރި މައްޗަށް ފޭބި އިސްތަށިތައް އޮމާންކޮށްލީއެވެ. ވައަތްފަރާތުގައި ހުރި އެނދުގެ ކައިރިއަށް ޖެހިލައި ބޮލުގައި އަޅަން ގެންގުޅޭ ކަޅުކުލައިގެ ބޮޑު ވަށް ބުރުގާ މަހާލަމުން ހަރުކޮށް ނުކުންނަން ފިޔަވަޅު އަޅާލިއެވެ. ފުރަތަމަ ފިޔަވަޅާއެކު ސަބީނާ ހުއްޓުމަކަށް އައީ ސިހުމެއް ލިބުނު ފަދައަކުންނެވެ. ފައިގެ ކަކުލު ހުޅުން އަޑެއް ކިޔައިފިއެވެ. ހަމައެހިނދުން އޭނާގެ އަނގައިން ތަދުގެ އާހެއްގެ އަޑު އިވިލިއެވެ. ގުދުވެފައި ކަނާއަތުން ފިރުމާލީ ކަނާތު ފައިގެ ކަކުލުގައެވެ. ބަލި ކަކުލެއް އޮންނަކަން ހަނދާން އެވީ އަދިކިރިޔާއެވެ. މަޑުކޮށްލާފައި މިފަހަރު ސަބީނާ ކުރިޔަށް ފިޔަވަޅު އެޅީ އެވަރު ދަނެގެންނެވެ.

ހަވަނަ ފަންގިފިލާއަށް ހުޅުވުނު ލިފްޓުގެ ތެރެއިން ނުކުމެވުނުހާއިރުން ފުރަތަމަ ވެސް ސަބީނާގެ ކަންފަތުގައި އެ ޖެހުނީ ކުޑަކުއްޖެގެ ރުއިމުގެ އަޑެވެ. ގިސްޖެހި ހިނދިގެން ހިނގައިދާނޭ ފަދަ އަސަރު ހުރި ބާރު ރުއިމެއްގެ އަޑެވެ.

"އަނުމް އެ ރޮނީ... އެކަމަކުވާ... އަރީން ކީއްތައެކުރަނީ؟"

ކަކުލުގެ ތަދުގެ މަތިން އަނެއްކާވެސް އޭނާ ހަނދާން ނެތުނީއެވެ. މިފަހަރު ތަދުގެ އިޙްސާސެއް ނުކުރެވުނެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ ހަލުވިކޮށް އައިސް އެބައިގަ ހުރި އެޕާޓްމެންޓުގެ ދޮރުގެ ބެލް އަޅާލިއެވެ. ދޮރު ހުޅުވުނު އިރު ހުރީ 8 އަހަރުގެ ރީވާއެވެ. އެއީ ވެސް ސަބީނާގެ މާމަ ދަރިއެކެވެ. އޭނާގެ އަންހެން ދަރިފުޅުގެ ދެބެންގެ ތެރެއިން ހަގު ކުއްޖާއެވެ.

"މާމް! މާމަ އަތުވެއްޖެ..." ސަބީނާއާ ސަލާމްކުރުމެއްނެތި އެތެރެއަށް ވަދެގެން ދަމުން ރީވާ ގޮވާލީ ބާރަށެވެ. އެކަމަށް ސަމާލުކަމެއް ނުދީ ސަބީނާ އެތެރެއަށް ވަނީ ހަލުވިކޮށެވެ. ރީވާ ގޮވާލި ގޮތުން ވެސް އެތަނުގައި އަރީން ނެތީކަން ސަބީނާއަށް އެނގިއްޖެއެވެ.

"ސާރާ..." ސޯފާގައި އިން 6 އަހަރުގެ މާމަ ދަރިފުޅުގެ ގާތަށް އަވަހަށް ސަބީނާ އައެވެ. އަށް މަހުގެ ތުއްތު އަނުމް އޮތީ ސާރާގެ އަތު ތެރޭއެވެ. ކުރިމަތީ 5 އަހަރުގެ މަލްސާ ހުރެގެން އަނުމް މަސަލަސް ކުރުމަށް އެކިއެކި ކުޅިވަރު ދައްކަނީ އެވެ. އަނުމް ހިފަހައްޓާނުލެވިގެން ސާރާ އުޅެއެވެ. އެ މަންޒަރުވީ ސަބީނާގެ ހިތަށް ތުރާގެނެސްދިން މަންޒަރަކަށެވެ.

"ގެނޭ މާމަ އަތަށް... މަލް! ކޮއްކޮގެ ބުއްފުޅި ނަގާ، އަދޭ ދެކުދީން." އަނުމް އުރާލުމާއެކު ސަބީނާ މިސްރާބު ޖެހީ އެ އެޕާޓްމެންޓުން ނުކުތުމަށެވެ. އެތެރެއިން އައި އަރީނަށް ނުކުމެވުނީ އެވަގުތެވެ. ރޮއެރޮއެ އޮތް އަނުމް އުރާލައިގެން މަންމަ ހުރިތަން ފެނުނެވެ. މަންމަގެ ގާތުގައި ތިބި ކުޑަ ދެބެންނަށް އަރީން ބަލާލަން ވާއިރަށް އެކުދީން އިސްއޮބާލައިފިއެވެ.

"އަރީންއަށްވާ ހަމަ ސާބަސް." އަމާޒުކޮށްލި ނުރުހުމުގެ ނަޒަރާއެކު ސަބީނާ ބުންޏެވެ.

"މިހާރު ކިހިނެއްވީ؟" މަންމަ ބަލާލީ ކީއްވެކަން އެނގި ހުރެ އަރީން ސުވާލުކުރިއެވެ. ސަބީނާ ޖަވާބެއް ނުދީ ދާން އުޅުމުން އަރީން ވާހަކަދެއްކިއެވެ.

"އެމީހުން ވެސް ދަސްކުރަން ޖެހޭނު، އެމީހުންގެ ކޮއްކޮ ވިއްޔާ." އަރީން ބުންޏެވެ.

އަނގައިން ބުނަން ބޭނުންނުވެފައި ހުރެ ތިން ކުދީން ގޮވައިގެން ސަބީނާ އެ އެޕާޓްމެންޓުން ނުކުތީއެވެ. އެކުދީން ގޮވައިގެން އޭނާ އައީ އޭނާ ދިރިއުޅޭ ބަޔަށެވެ. އެއީ ގޭގެ ފަސްވަނަ ފަންގިފިލާއެވެ. އަރީންއާ ދެބަސްވުމަކުން ހާލަތު ބަދަލުނުވާނޭކަން ސަބިނާއަށް ވިސްނެއެވެ. ހަމައެއާއެކު އަންހެން ދަރިފުޅުގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ.

"މާމާ... މަލް އަދި ނުކަން އެއްވެސް އެއްޗެއް." އަނުމް މަސަލަސްކޮށް ބުއްފުޅި ދެވޭތޯ އުޅުނު ސަބީނާގެ ގާތުގައި މަޑުކޮށްލަމުން މަލްސާ ބުންޏެވެ.

"ކޮއްކޮ ފުޅި ހުސްކޮށްލީމަ ކާން ހަދާނަން، މާމަ ވެސް އަދި ނުކަން." އޯގާތެރިކަން އެކުލެވިފައިވާ މަޑުމައިތިރި އަޑަކުން ސަބީނާ ވާހަކަދެއްކިއެވެ. މަލްސާ އެނބުރި ގޮސް ސާރާގެ ގާތުގައި ސޯފާގައި އިށީނދެއްޖެއެވެ.

ބުއްފުޅި ބޯން ފެށި އަނުމް މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ. އެކުއްޖާ ރުޅިގަދަވެގެން އުޅުނީ ބަނޑުހައިވެގެންކަން ސަބީނާއަށް އެނގުނެވެ. ރޯވަރުން ތަނެއްގައި ނުބޭއްވިގެން އަނުމް ގޮވައިގެން ސަބީނާ އިށީނީ ކާމޭޒުދޮށުގައެވެ. ކާމޭޒުގެ ގޮނޑީގައި އިނދެ އަތުތެރޭގައި އޮތް 8 މަހުގެ އަނުމްގެ މޫނަށް ބަލަން ސަބީނާއަށް އިނދެވުނެވެ. އެމޫނުމަތި މިލައިގެން ދާން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ހިއްލާލެވުނު މޫނު ދެން އެނބުރިލީ ސޯފާގައި ތިބި ދެބެންނާ ދިމާއަށެވެ.

އެ އަންހެން ތިންބެއިންނަކީ ވެސް ސަބީނާގެ ދޮށީ ފިރިހެން ދަރިފުޅު އަސްލަންގެ ކުދީންނެވެ. މިއަދު އެކުދީންނަށް އަޅާލަން ތިބި ބަޔަކީ އަސްލަންގެ ޢާއިލާ އެކަންޏެވެ. އެކުދިންނަށް ފުރިހަމަ ސަމާލުކަން ދޭން ބޭނުންވިޔަސް އެކަން ޚުދު ސަބީނާއަށް ވެސް އޮންނަނީ ނުވެފައެވެ. ދެރަވިޔަސް އޭނާގެ ޞިއްޙަތު ތަން ނުދެނީއެވެ. ފަންސާހަށްވުރެ އުމުރުން ދޮށިވެފައި ހުރިއިރު އަލުން ކުޑަކުދީންތަކެއް ބަލަން ޖެހުމުން އިހު ކުދީން ބޮޑުކުރިއިރު ހުރި ޖޯރު ވެސް ހަށިގަނޑުގައި މިހާރު ނެތީއެވެ. ދެން ހުރީ އަންހެން ދަރިފުޅު އަރީނެވެ. އެކަމަކު އޭނާގެ ފުށުން ވެސް ސަބީނާއަށް ލިބެނީ މާޔޫސްކަމެވެ.

* * * * *

މއ. ފެހިއާބާދު ގެއިން ނުކުތް ރޫމާ އައިސް ވަނީ ކުރިމަތީ ހުންނަ ރޯޝަނީވިލާގޭ އެންމެ ތިރީގައި ހުންނަ ފިހާރައަށެވެ. އަންގި ފޮށްޓެއް ގަނެގެން ނުކުތްއިރު އެ ގޭ ދޮށުގައި ޕާކުކޮށްފައި ސައިކަލުން ފައިބައިގެން އަންނަ އިސްކޮޅުން ދިގު ޒުވާނާ ރޫމާއަށް ފެނިއްޖެއެވެ. މަޑުކޮށްލީ އެހެންވެއެވެ. ދޮރޯށިން ވަނުމުގެ ކުރީން އޭނާ ރޫމާއަށް ބަލާލީ ކޮންމެހެން ވެސް ބަލާލަން ޖެހިގެން ކަހަލައެވެ. ތުންފަތް ދެމިލި ނަމަވެސް އެއީ ހިނިތުންވުމެކޭ ބުނާވަރެއް ނުވެއެވެ. ނަމަވެސް ރޫމާގެ މޫނުން ފާޅުވާން ހުރީ ހިތްހެޔޮ ހިނިތުންވުމެކެވެ. އޭނާއަށް އެ ޒުވާނާއަކީ ސަބީނާގެ ފިރިހެން ދަރިފުޅު އަސްލަންކަން އެނގޭތީއެވެ.

"ލިބުނުތަ؟" ގެއަށް އައިސް ވަން ރޫމާ ފެނުމާއެކު އައްޔޫބް އަހާލިއެވެ.

"އެކަންވެއްޖެ! ކޮންއިރަކުން ދަނީ؟" ސޯފާގައި އިން އައްޔޫބާ ކުރިމަތިލައިގެން ހުރެ ރޫމާ އަހާލިއެވެ.

"މިދަނީ، އިޔާން ނުކުންނަންދެން." އައްޔޫބް ބުންޏެވެ.

ރޫމާ އައިސް މަޑުކޮށްލީ ބަދިގޭގައެވެ. އޭނާއަށް ފަންސާސް އަހަރު ފުރުނީ މިދިޔަ އަހަރުއެވެ. ހުދު ދޮނަކާއި ދިގު މޫނެއް ލިބިފައިވާ ރޫމާއަކީ ރީތި އަންހެނެކެވެ. އާދަޔާ ޚިލާފު އަލިކަމެއް އެ މޫނުގައި އަބަދުވެސް ހުރެއެވެ. އެތުންފަތުގައި ހިނިތުންވުމެއް ނެތި މީހަކާ ބައްދަލެއްނުވާނެއެވެ. ހިތްހެޔޮކަމުގެ މިސާލެކެވެ. އައްޔޫބުގެ ހިތުގެ ފިނިކަމެވެ.

ފެހިއާބާދަކީ ރޫމާގެ ބައްޕަ ބަޝީރުގެ ގެއެކެވެ. ބަޝީރާއި ޒައިނަބްއަށް ލިބުނުހާ ވެސް ދަރިއަކީ ރޫމާއެވެ. ބަޝީރު ދުނިޔެ ދޫކުރީ ރޫމާ ކިޔަވާ ނިމުނު ފަހުންނެވެ. އެއަށްފަހު ޒައިނަބް ވެސް ރޫމާއާ ވަކިވީއެވެ. ރޫމާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންދައެވެ.

ޒަމާނާއި ވަގުތަކީ އޭގެ ދުވެލި ހުއްޓުވުމަށް އިންސާނަކަށް ކުޅަދާނަވެގެންނުވާ ޤުދުރަތުގެ ނިޔާއެކެވެ. ޒުވާން ލޯބި ހިތްތަކުގައި ބަދަލުވުމެއްނެތި މޫލަމުންދާއިރު، އެ ހިތްތަކުގެ ހަށިތަކަށް ބަދަލު އަތުވެއްޖެއެވެ. ރޫމާއާއި އައްޔޫބު ވެސް މިހާރު ތިބީ އެންމެ ފުރަތަމަ އެ ދެ މީހުން ބައްދަލުވި ގޮތަކަށްނޫނެވެ. ހަމުގެ ވާންކަން މަޑުމަޑުން ނެތެން ފަށައިފިއެވެ. ބޮލުގައި އިހު ހުރި ކަޅުކަން ގަދަ އިސްތަށިގަނޑުން ދުވަހަކަށްވުރެ ދުވަހެއް މިހާރު ހުދުކަންވަނީ ގަދައެވެ. ރޫމާއެކޭ އެއްފަދައިން އައްޔޫބަކީ ވެސް ހަމުގެ ކުލަ އަލި މީހެކެވެ. އިސްކޮޅުން ރޫމާއާ ދާދި އެއްވަރެކެވެ. ދިގު މީހުންގެ ގޮތުގައި އެ ދެ މީހުން ވެސް ހިމެނޭނެއެވެ.

އައްޔޫބްއަކީ ބިއްލެއްދޫއަށް އުފަން މީހެކެވެ. މާލޭގައި ކިޔަވަން ހުންނަން ފުރުޞަތު ލިބުނީ، ކުރީގެ އަތޮޅުވެރިޔާ ގޭގައި އުޅެނިކޮށް ފަހިވި ނަސީބަކުންނެވެ. އައްޔޫބުގެ ޢާއިލާއަކަށް ހުރި މީހަކީ މުސްކުޅިވެފައި ހުރި މާމަ ރާމިޒާއެވެ. އެ މާމަ ނިޔާވީ މުސްކުޅި ހާލުގައެވެ. ރޫމާއާ އިނދެގެން ފެހިއާބާދަށް އައްޔޫބު ބަދަލުވެ، އެންމެން އެކުގައި ދިރިއުޅެމުން ދަނިކޮށެވެ.

"މަންމާ!... ހެދިކާ ނެރެނީތަ؟" ސިޓިންރޫމާ އިންވެގެން ހުންނަ ބަދިގެއަށް އައިސް ވަން ނެހާ އަހާލިއެވެ.

"ސަބިއްތަ އަންނަންވާއިރަށް... ކިހިނެއްވީ؟ ކީއްކޮށްދޭންވީ؟" ދަރިފުޅު އައީ ކަމެއް ބޭނުންވެގެން ހެން ހީވެ ރޫމާ ބުންޏެވެ.

"ކީއްވެތަ މިއަދު ކެންސަލް ނުކޮށްލީ، ކޮއްކޮ އަންނައިރު ތިކަމަކާ ހުރެ މަންމަ ހުންނާނީ މުޅިން ވަރުބަލިވެފަ." އެއްފަރާތުން ގައިގާ އެއްއަތް ވިއްދާލައިގެން ހުރެ ނެހާ ބުންޏެވެ.

"މިއަދު ނަހަދަމޭ ބައިވަރެއް." ރޫމާ ނިކަން އަވަހަށް ބުނެލިއެވެ.

"ނެހާ... މިކަން ނިމެންދެން އެކުދީން ބަލާލަދޭނަންދޯ." އެނބުރި ހިނގައިގަންނަން އުޅުނު ނެހާ ހުއްޓުވަމުން ރޫމާ އަހާލިއެވެ.

"އެމީހުން ކީއްވެތަ މީހަކު ނުހޯދަނީ، ގައިމު އަހަރެމެންނަށްވުރެ ގިނައިން ލިބޭކަން އެނގޭ ސަބިއްތަގެ ވާހަކައިން، އަނެއްކާ ވަޒީފާގަ އުޅެނީ، ކުދީން ބަލަން މީހަކު ހޯދުމަކީ ދެރަވާންޖެހޭވަރު ކަމެއްނޫން..."

"ދެންހެޔޮ، ތިކަހަލަ ވާހަކަ ނުދައްކާ، މިހާރު ސަބިއްތަ އަންނަން އުޅޭނެ... އެހެންނޫނަސް މީހަކަށް ކަމެއްކޮށްދީގެން އެކަން ގެއްލިގެން ނުދާނެ، ތިމާގެ ނޫނަސް، އެމީހުންނަކީ ދުރުބައެއްނޫން، ސަބިއްތަގެ ނުހުންނާނެ ގާތް އިތުރު މީހަކު މަންމަ ނޫނީ، މިހާރު އަދިވަކިން އެ ހުންނަނީ ބޯގޮވާފައި، އެކުދީން ވެސް އަބަދު ގޭގައި ތިބުމަށްވުރެ މިގެއަށް އައިސްލީމަ ވެސް ހާސްކަން ކުޑަވާނެއެއްނު، އެނގޭތަ؟ ދެންމެ ބައްޕަ ހުރިނަމަ ނެހާގެ ތިވާހަކަ އަހާފައި ވަރަށް ދެރަވީސް." މަޑުމައިތިރިކަމާއެކު ރޫމާ ބުންޏެވެ.

"ސޮރީ މަންމާ، އަސްލު ސަބިއްތަމެންނަށް ވެސް ރަނގަޅަކަށް ވިސްނާފަ ބުނެވުނީ، ސަބިއްތަ ވެސް މިހާރު އެހާ ކުޑަކުދީންތަކެއް ބަލާހާ ފިޓެއް ނޫން، ދެން ހުރީ އަރީން، އަހަންނަށް ވެސް އަޑުއިވޭ މިގެއަށް އައިސް މަންމަ ގާތު ސަބިއްތަ ކުރާ ޝަކުވާ، ކުދިން ބަލަން މީހަކު ގެނައިމަ ކަންކަން ނުވެފައި ހުންނާކަށް ނުޖެހޭނެއެއްނު، އަނެއްކާ އެމީހާ އުޅޭނީ ސަބިއްތައަށް ފެންނަ ހިސާބުގައި، ލުއި ގޮތާއި ފަސޭހަގޮތް އޮވެ، ޚިޔާރުނުކުރަންވީ ކީއްވެ؟."

"ނެހާ..." ދަރިފުޅުގެ ނަމުގެ ފަހުއަކުރަށް ދަމާލާފައި ރޫމާ ގޮވާލިއެވެ. ބޭނުމަކަށްވީ ނެހާގެ އެފަދަ ވާހަކަތައް ހުއްޓުވާލުންކަން ޚުދު ނެހާއަށް ވެސް ދޭހަވިއެވެ.

"އޯކޭ މަންމާ... މިހުއްޓާލީ، ދެން ނުދައްކާނަން، ސަބިއްތަ އައިމަ ގުޅާލާ، އަންނާނަން އެކުދީން ބަލާ." ނެހާ މިހެން ބުނެ އެ ދެމަފިރިން އުޅޭ ބަޔަށް ދާން ނުކުތެވެ.

ހެދިކާ ހެދުމަކީ ސަބީނާ ދިން ޚިޔާލެކެވެ. އޭރު ރޫމާއަށް އަދި ބަލިވެ ވެސް ނީނދެއެވެ. އެހާ ކުރިން ދެ މީހުން ޚިއްޞާ ވެގެން ފެށި އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އެކަކުގެ ވެސް ނެތެވެ. އެކަމުން ލިބޭ އާމްދަނީ ވެސް ބޮޑުވީމައެވެ.

* * * * *

އަމިއްލަ އެޕާޓްމެންޓަށް އެރުމުގެ ކުރީން އަސްލަން އައީ މަންމަގެ ބަޔަށެވެ. ކުދީން ތިބޭނީ އެބައިގަކަން އޭނާއަށް ވަރަށް ބޮޑަށް ޔަގީންވާތީއެވެ. މަންމަގެ ބަޔަށް ވަދެވުނުއިރު މަންމައާއެކު ސާރާއާއި މަލްސާ އިނީ ކާމޭޒުދޮށުގައެވެ.

"އާދޭ ކާން." އަސްލަން ފެނުމާއެކު ސަބީނާ ބުންޏެވެ.

މަޑުމަޑުން ކަރުގައި އޮތް ޓައިއަށް ދޫ ދެމުން އައިސް މޭޒުކައިރީ އަސްލަން ހުއްޓިލިއެވެ. ލޯތްބާއެކު ސާރާގެ ބޮލުގައި ފިރުމާލިއެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނިކަމުގައި ވިޔަސް އެކުދީން މެންދުރުގެ ކެއުން އެކަނީ އަދިކިރިޔާކަން އަސްލަންއަށް ވިސްނުނެވެ. އޭރު ގަޑިން ތިނެއް ޖެހުމާ ކައިރިވެއްޖެއެވެ. ސާރާގެ ވައަތް ފަރާތުގައި ހުރި ގޮނޑި ދަމާލައި އަސްލަން އިށީނެވެ.

"މަންމާ..." ވާހަކައެއް ބުނަން އުޅޭ ފަދައިން އަސްލަން ގޮވާލިއެވެ. ދެން އަނުމް ކޮބާތޯ އަހާލިއެވެ. ފެންވަރުލުމުން ނިދައިފިކަމާއި މެންދުރު ކާގަޑިއަށް ބުއްފުޅިއެއް ދެވުނީތީ އެ ބޯލައިގެންކަން އޮތީ ސަބީނާ ބުނެލިއެވެ.

"ޑެޑީ އަތް ވެސް ނުދޮވެތަ ކަނީ." މޫނަށް ވައްތަރުތައް ޖައްސަމުން މަލްސާ ބުނެލިއެވެ. މޭޒުދޮށުގައި އިށީނުމުން އޭނާއަށް ހީވީ އަސްލަން ކާން އުޅެނީ ކަމަށެވެ.

ސާރާއާއި މަލްސާއާ ދެބެންގެ މިޒާޖާއި އުޅުން ވެސް ތަފާތެވެ. ސާރާގެ މޫނުކޮޅު ހުންނަނީ ކުޑަކޮށް ދެމިލާފައެވެ. މަލްސާގެ ބޮޑު ދެކޮލާއެކު އެ މޫނު ފެންނަނި ވަށްކޮށެވެ. މަޑުމައިތިރިވެފައި ބަސްމަދު ކުއްޖަކީ ސާރާއެވެ. މަލްސާ އޭގެ ދިމާ އިދިކޮޅެވެ. މަލްސާގެ ވާހަކަ އިވިފައި އަސްލަން ސަމާސާކޮށްލިއެވެ. އެހިނދު މަލްސާގެ ހުނުމުގެ އަޑާއި ތޫލި ހަޅޭކެއްގެ އަޑުން ގޭތެރެ ގުގުމާލިއެވެ.

"މަލްއަށް ނުވެސް ކެވޭނެއެއްނު... ޑެޑީ ސަކަރާތް ޖެހީމަ މާމަގެ ގަޔަށް ހުރިހާ ބަތްތައް ދާނީ، ދޯ މާމާ... ހަޑިކޮށް ކާކަށްނުވާނެއެއްނު." މަލްސާ ބުންޏެވެ.

"އާން، ދެން އަވަސްކުރޭ... ހަންޑްރެޑް ވާހަކަ އޮންނާނެ ކާން އެރިޔަސް މަލް." މަލްސާގެ ވާހަކަ ގިނަވާހެން ހީވެ ސަބީނާ ބުނެލީ ޢާއްމުކޮށް ބުނާ އުސޫލުންނެވެ. މަލްސާ ކާން އިން ތަށިން ބޭރަށް ވެރިދާނޭ ހީވެ ބަތްކޮޅު މެދަށް އެއްކޮށްލަ ދީފިއެވެ. ދެން ވެސް ވާހަކައެއް ބުނެލަން މަލްސާ އަނގަހުޅުވާލިއެވެ. ނަމަވެސް އެކަން މަނާވީ އަސްލަންގެ އަތުންކޮށްލި އިޝާރާތެވެ.

"މަލް... ކައި ނިންމާފަ ވާހަކަ ދައްކާނީ." އަސްލަން ބުންޏެވެ.

"ކީއްވެ ތިއިންނަނީ؟ ކައިގެންތަ ތިއައީ؟" ސަބީނާ ސުވާލުކުރީ އަސްލަންއާއެވެ.

"އަހަރެން ޗުއްޓީއެއް ނަގައިފިން." އަސްލަން ބުނަން ގަސްދުކޮށްގެން އިން ވާހަކަ ހާމަކޮށްލިއެވެ.

"އަނެއްކާ..." ސަބީނާއަށް ބުނެވުނީ އިޚްތިޔާރަކާ ނުލައެވެ. އިތުރަށް ވާހަކަދައްކަން އުޅެފައި ހުއްޓާލީ މޭޒުދޮށުގައި ތިބި ސާރާއާއި މަލްސާގެ ސަބަބުންނެވެ.

ދެބެން ކައިގެން މޭޒުދޮށުން ފޭބި ގޮތަށް އެރީ ސޯފާއަށެވެ. ޓީވީއިން ފެންނަމުންދިޔަ ދިވެހި ޗެނަލް ވަގުތު ބަދަލުވީ ކާޓުނު ޗެނަލަކަށެވެ. ކުދީންނަށް ބަލަން އިރުކޮޅަކު އިނދެފައި އަސްލަންގެ ނަޒަރު މަންމައާ އަލުން އަމާޒުކޮށްލައިފިއެވެ.

"މީ މިއަދު ހުރިގޮތް... ޗުއްޓީއެއް ނުނަގާ ކިހިނެއް އުޅޭނީ." އަސްލަންގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ.

"މަންމަމެންނަށް ވެސް އަސްލަންގެ ކުދީން ނުބެލޭތީ ދޯ." ސަބީނާ ތެދު ހާމަކުރީ މޮޅިވެފައި އިނދެއެވެ.

"އެހެނެއްނޫން، މިހާރު ވެސް އެނގޭ މަންމަކަން ހުރިހާ ވަގުތަކު އެކުދީންނާއިގެން ތިއުޅެނީ، އެކަމަކު މަންމަ ވެސް ވަރުބާލިވާނެއެއްނު، ނަމާދުކޮށްލައިގެން ކިޔަވާލަން ވެސް މަންމައަށް ނީދެވޭ، މިހާރު މީ މަންމަ ދަރީން ބަލަންވީ އުމުރެއްނޫންކަން އަހަރެންނަށް ވެސް ވިސްނޭ..."

"އެހެންވީރު ދެން މަންމައަށް ކުދީންގެ ކަންކަމުގައި އެހީވާނޭ ކުއްޖަކު ގެނެސްދޭންވީނު." އަސްލަންގެ ވާހަކަ މެދުކަނޑާލާފައި ސަބީނާ ވާހަކަދެއްކިއެވެ.

"އެހެން ގެންނަ މީހަކަށް ކިހިނެއް އިތުބާރުކުރާނީ، ދެން އިހަށް އަދި އެކަން ބާއްވާ، އަހަރެންނަށް ވާނެ މަންމާ." އަސްލަން ބުނެލީ އަމިއްލަ ނަފްސަށް ވެސް ޔަގީންކޮށްދޭން ބޭނުންވެފައި އިން ފަދައިންނެވެ.

"މަންމައަށް އެނގުނު އަސްލަންއަށް އޮފީހުގައި މިއަދު ނީދެވޭނެކަން... ކާން ބޭނުންނޫނިއްޔާ ދޭ ފެންވަރާލައިގެން ނަމާދުކޮށްލަން، އަސުރުން ފައިބައިގެން މަންމަ ރޫމާމެންގެއަށް ދާއިރު އެކުދީން ގޮވައިގެން ދާނީ." އަސްލަން އެކަނިވާން ބޭނުންވާނެކަން އެނގޭތީ ސަބީނާ އެ ފުރުޞަތު ފަހިކޮށްދިނެވެ.

"ކޮންމެދުވަހަކު ގެންދަންޏާ އެމީހުންނަށް ވެސް އުނދަގޫވާނެ." އަސްލަންއަށް ބުނެވުނެވެ.

"އެވެސް މި މަންމަ ފަދަ މަންމައެއް، އަސްލަންގެ ހާލު އޭނާއަށް އެނގޭ... އެއީ މަންމަގެ ހުރި އެންމެ ޒަމާންވީ އެންމެ އިތުބާރުކުރެވޭ ރަޙުމަތްތެރިޔާ، ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އަދި މިހާރު މިއޮންނަ ވަރަށްވުރެ ވެސް ގާތް ގުޅުމެއް އެ ޢާއިލާއާ ބާއްވާނެ... ދެން ތިހެން ނީނދެ ދޭ، މަންމައަށް އެނގޭ އަދި މެންދުރު ވެސް ނުކޮށްކަން ތިއިނީ." ސަބީނާ ގޮނޑި ފަހަތަށް ޖައްސާލައި މޭޒުދޮށުން ތެދުވިއެވެ.

* * * * *

އިރުއޮއްސުމުގެ ދަޅަތަކުން އުޑުމަތި ޖަރީވެފައިވެއެވެ. ހޭލަމޭލަވާ މީހުން މަދެވެ. ދުއްވާ އެއްޗަކަށް މަގުން ފެންނަނީ ސައިކަލުތަކެވެ. ދެކޮޅަށް ދުއްވާ އެ މަގުގެ ދުވާރު ކައިރި ހުރީ ބަރިއަށް ޖަހާލާފައިވާ ސައިކަލުތަކުން ފުރިފައެވެ.

އިރުން ހުޅަނގަށް ވަދެގެން އައިސް ފެހިއާބާދުގޭ ކުރިމައްޗަށް މަޑުކޮށްލި ޓެކްސީގެ ކުރީ ސީޓުން ފޭބީ އިޔާންއެވެ. އޭނާ އައިސް ގެއާވީ ފަރާތުން ފަހަތު ދޮރުފަތް ހުޅުވާލިއެވެ. އޭރު އަނެއްފަރާތުން އައްޔޫބު ފައިބަނީއެވެ.

"ނޯޔާ ދޭ އެތެރެއަށް، ބައްޕަމެން ވައްދާނަން ފޮށިތައް."

ބައްޕަ ދިން އިރުޝާދުން މަޑުނުކޮށް ދޮރޯށީން ނޯޔާ ވަދެއްޖެއެވެ. ފަސްބުރިއަށް ނަގާފައި ހުރި އެގެއަށް އެއްވެސް ބަދަލެއް އައިސްފައި ނެތްކަން އެނގެއެވެ. ދޮރޯށިން ވަންގޮތަށް ކުރިމަތިން ފެންނަން ހުރި ސިޑިން ނޯޔާ އަރަންފެށިއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު ކޮލުގައިވާ އަޑުކޮޅު ފާޅުވެލިއެވެ. ކަނާތައްވުރެ ބޮޑަށް ވައަތްފަރާތު ކޯތާފަތުން ފާޅުވާ އަޑިކޮޅު ފެންނަން ހުންނަލެއް ބޮޑެވެ. ސިޑީގެ ހަރުފަތްތަކަށް ސަމާލުވެ ކަނާއަތުން ދިގު ހެދުން ހިސާބަކަށް ހިއްލާލަމުން ނޯޔާ އެރިއެވެ.

ހުޅުވުނު ދޮރާއެކު ސިޓިންރޫމު ސޯފާގައި ތިބި އެންމެން އެދިމާ ބަލާލައިފިއެވެ. އިންތިޒާރުގައި ތިބިހެންނެވެ. އެންމެ ފުޅާ ހިނިތުންވުމެއް ފާޅުވީ ރޫމާގެ މޫނުންނެވެ.

"މާޝާﷲ، މިކުއްޖާ ހީވަނީ ފަހަރަކަށްވުރެ ފަހަރެއް ރީތިވާހެން." ސަބީނާ ބުންޏެވެ.

"ފިއުޗާ ލޯޔާ." ނެހާގެ އަޑުގައީ ހުރީ ދިމާކޮށްލުމުގެ ރާގެވެ.

މަންމައާއި ބައްޕަގެ ދޮންކަން ލިބިފައިވާ ނޯޔާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ. ދައްތައާއި ސަބީނާގެ ވާހަކަތަކުންނެވެ. އިސްކޮޅުގައި ފަސްފޫޓު ތިން އިންޗި ހުންނަ އިރު ވެސް މަންމައާއި ދައްތައާ އެއްވަރެއް ނުވެއެވެ. ފުރާވަރުން ފެށިގެން ނޯޔާގެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން ނޭނގޭނެހާ ދޫކޮށް، ދިގުކޮށް ހުންނަ ހެދުމެވެ. އެއާއެކު މޭމައްޗާއި ބުރަކަށި ފޮރުވޭނެ ގޮތަށް ބޮޑުކޮށް އަޅާފައި ހުންނަ ޝޯލްއެވެ.

"މިތިބީ ނޯޔާގެ އިންތިޒާރުގައި." ދަރިފުޅު އަންނަންވާއިރަށް ރޫމާ ތެދުވެގެން އައިސް ނޯޔާގެ ގާތުގައި މަޑުކޮށްލިއެވެ. ނޯޔާގެ ގައިގާ ހިފަހައްޓާލައި ގާތްކޮށްލިއެވެ. މައިވަންތަކަމުގެ ލޯބި އުތުރުއެރި ކަހަލައެވެ. ނޯޔާގެ ބުރުގާ މަތިން ބޮލުގައި ރޫމާ ބޮސްދިނެވެ. ސަލާމަތުން އޭނާއާ ހަމައަށް އެ ދަރިފުޅު އައީތީ ﷲއަށް ހަމްދުކުރިއެވެ.

ނޯޔާގެ އަތުގައި ހިފައިގެން ރޫމާ އައިސް ސޯފާގައި އިށީނެވެ. އައްޔޫބާއި އިޔާން ކޮބާތޯ އަހާލަން ރޫމާ ހަނދާންވީ ދެނެވެ. ފަސް އަހަރު ކިޔަވަން މެލޭޝިއާގައި ހުރެފައި ނޯޔާ އެނބުރި އެއައީ އެއްކޮށް ނިމިގެންނެވެ. ޝަރިއްޔާ އެންޑް ލޯ އިން ޑިގުރީ ނެގުމަށްފަހު، ވިޔަފާރިއާ ބެހޭ ޤަނޫނުން މާސްޓަރސް ހަދައިގެންނެވެ. އުމުރުން ސައުވީސް އަހަރުގައެވެ. ކިޔަވަން އުޅުންއިރު ލިބުނު ޗުއްޓީތަކުން ނޯޔާ މާލެ އައީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުން އަދި އެ އައީއެވެ.

ރިންގުވި ފޯނަށް ބަލާލައިފަ ކޯލަށް ސަބީނާ ޖަވާބު ދިނެވެ. ކޯލު ނިންމާލާފައި ސަބީނާ ތެދުވީއެވެ. ނެހާއާއެކު ސޯފާގައި ތިބި ސާރާއާއި މަލްސާއަށް ގޮވައި ދާންވީކަމުގައި ބުނެލިއެވެ.

"ރިދާން އެއައީ..."

"ސަބިއްތަ ގެންގުޅޭ މޮޔަކުއްޖެއް އެއީ." ނެހާ ބުނެލިއެވެ. އެއާއެކު ސަބީނާ ކައިރިއަށް ހިނިއައެވެ. ނެހާ އެހެން އެބުނީ ކީއްވެކަން އެނގޭތީއެވެ.

ސަބީނާގެ ދުލުން ރިދާންގެ ނަން ކިޔާލި ހިނދުން ފެށިގެން ނޯޔާގެ ސަމާލުކަން އެ ނަމަށް ހުއްޓުނެވެ. އެ ނަމަކީ އޭނާއަށް ވެސް އާ ނަމެއް ނޫނެވެ. (ނުނިމޭ)