އަދާލަތުގެ ރައީސާއި ނާއިބު ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ. އެކަމަށް އެ ޕާޓީން ބާއްވަނީ ވެސް "ރިޔާސީ އިންތިހާބެ" ކެވެ.
އެ "ރިޔާސީ އިންތިހާބު" ބާއްވަން އޮތީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޕާޓީން މިއަދު ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު / އަސާސީ ގަވައިދު ބަދަލުކޮށް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އަދާލަތުގެ އިންތިހާބު ބާއްވަން ތައްޔާރުވެފައިވާއިރު، ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.