ބަނދަރު ޕްރޮޖެކްޓް

ދަރަނބޫދޫ އާއި ލަންދޫ ބަނދަރުގެ އަޕްޑޭޓް ދީފި

ފ. ދަރަނބޫދޫ ބަނދަރާއި ނ. ލަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

އެމްޓީީސީސީން ބުނީ ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި 38،600 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 2،500 އަކަ މީޓަރަށް ޕޭމަންޓު ހަދާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިން ވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަަމަށް އެ ކުންފުނިން ބުންޏެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ކުރިޔަށް ގެންދާ މަސައްކަތް ތަކުގެ ތެރެއިން ދަރަނބޫދޫ ބަނދަރުގެ ބޮޑު ޕަސެންޓެއްގެ މަސައްކަތް ނިމިފައިވާ އިރު އެމްޓީސީސީން ބުނީ ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 32 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި އެ ރަށު ބަނދަރަށް އަލަށް އިތުރު ކުރާ ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ 96 ޕަސެންޓު ނިމިފައިވެއެވެ. އެރަށު ނެރު ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގައި 25،000 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 401 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 256 މީޓަރުގެ އެއްގަމުތޮށި ލުމާއި 60 މީޓަރު ރިވެޓުމަންޓު ޖެހުމުގެ އިތުރުން 1،280 އަކަ މީޓަރަށް ޕޭމަންޓު ހަދާނެ އެވެ. އަދި މަގު ބައްތި އާއި ނެރު ބައްތި ވެސް ހަރުކުރާނެ އެވެ.

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.