މެންޗެސްޓާ ޔުނައިޓެޑް

ލިވަޕޫލަށް ޔުނައިޓެޑް ގަންބައެއް ނުލެވުނު

އަމިއްލަ ދަނޑު އެންފީލްޑްގައި ލިވަޕޫލަށް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނަތީޖާ ނުނެރެވި، ތާވަލުގެ އެއް ވަނައިގައި ޔުނައިޓެޑް އޮތް އޮތުމަށް ބަދަލެއް ނައިސް މެޗު ނިމިއްޖެ އެވެ.

ދެ ޓީމު ޕޮއިންޓް ހިއްސާ ކުރަން ޖެހުމުން ޔުނައިޓެޑް ވަނީ ލިވަޕޫލާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓްގެ ދަމަހައްޓާފަ އެވެ. ޔުނައިޓެޑަށް ނަތީޖާ ނުނެރެވުނީ، ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާގެ ހުށިޔާރު ކަމުންނެވެ.

ފުރަތަމަ ހާފުގައި މާ ވަރުގަދަ ހަމަލާއެއް ނުފެނުނެވެ، ވަރުގަދަ ހަމަލާއަކަށް ވާގޮތަށްވެސް ދިޔައީ ޔުނައިޓެޑްގެ މިޑްފީލްޑާ ބުރުނޯ ފެނާންޑޭޒް ފޮނުވާލި ހިލޭ ޖެހުމެެ. އެހެންނަމަވެސް އެ ބޯޅަ ދިޔައި ބޭރަށެވެ. ދެ ވަނަ ހާފުގައި މެޗު އިތުރަށް އޯޕަންވެ ލިވަޕޫލްގެ ބުރެޒިލްގެ ކީޕަރު އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ.

މެޗުގެ ފަހު ކޮޅުގައި ފެނާންޑޭޒް އަދި ޕައުލް ޕޮގްބާއަށް ލިބުނު ފުރުސަތުތަކުގައި މެޗުން ތިން ޕޮއިންޓް ޔުނައިޓެޑަށް ލިބިދާނެ ކަމަށް ހީކުރެވުނު ނަމަވެސް އަލިސަން ވަނީ އެ ހަމަލާތައް ދިފާއު ކޮށްފަ އެވެ. ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ޓެސްޓް ކޮށްލެވޭ ވަރުގެ ފާހަގަ ކުރެވޭ ހަމަލާއެއް ލިވަޕޫލްގެ ޓީމުން ފޮނުވާލީ ތިއާގޯ އެވެ.

މެޗުން ނަތީޖާ ނުރެވުމުން ލިވަޕޫލް ވަނީ ތިން ވަނައިގައި މަޑު ކުރަން ޖެހިފަ އެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އާ ޔުނައިޓެޑާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ.