ކުޅިވަރު

ނާދުގެ ކޮންޓްރެކްޓް ސަސްއިން އުވާލައިފި

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އިން، ހެޑް ކޯޗް އަހްމަދު ނާޝިދު (ނާދު) އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ނާދު ބުނީ، އިސްތިއުފާ ދޭން ޖެހޭ ހާލަތެއް ނެތް ކަމަށާއި އަމިއްލައަށް ބޭނުންވެގެން މަގާމުން ދުރަށް ނުދާނެ ކަމަށެވެ. ޕްރެސްތަކުގައި އާންމުކޮށް މަޑުމައިތިރި ރާގެއްގައި ވާހަކަ ދައްކާ ނާދު، އެރޭ ޕްރެސްގައި ވާހަކަ ދެއްކި ރާގުގައިވެސް ހިތްހަމަ ނުޖެހުންތަކެއް އެކުލެވެ އެވެ.

ސީޒަން ފެށުމުގެ ކުރިން ވެސް ޓާގެޓްކޮށްފައި ވާނީ ގަދަ ހައެއްގެ ތެރޭގައި ދެމިއޮތުމަށް ކަމަށް ކުލަބުން ފާހަގަ ކުރި ކުރުން ތަކުރާރު ކުރަމުން ނާދު އޭރު ބުނީ، ސަސް ބަލިވީ މާޒިޔާ އަތުން އެކަނި ކަމަށާއި ޓީމު އަދިވެސް އޮތީ ގަދަ ހައެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ނާދު އޭރު ބުންޏެވެ.

"މިހިސާބުން ކޯޗް ވަކި ކުރުމުގެ ފިޔަވަޅު ނަގަން ވެއްޖެއްޔާމު ތަންކޮޅެއް އަވަސް ކަންނޭންގެ. އެކަމަކު ކޯޗެއްގެ ހިއްސިއްޔަތުން އަޅުގަނޑެއް އިސްތިއުފާއެއް ނުދޭނަން. ވަކި ކުރަން ޖެހޭނީ،" އޭނާގެ ކުރިމަގާ ބެހޭގޮތުން އެރޭ ނޫސްވެރިން ސުވާލު ކުރުމުން ނާދު ބުންޏެވެ.

ނާދުގެ ކޮންޓްރެކްޓް އުވާލިކަން ހާމަކޮށް ސަސްއިން ކުރި ޕޯސްޓް

މިއަދު ސަސް އިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ނާދުގެ ކޮންޓްރެކްޓް އުވާލަން ދެފަރާތް އެއްބަސްވެފައިވާ ކަމަށެވެ. މިކަމާ ބެހޭގޮތުން ނާދު އާ ސުވާލު ކުރުމުން އޭނާ ބުނީ ފަހުން ސްޓޭޓްމެންޓެއް އާންމު ކުރާނެ ކަމަށެވެ. އިސްތިއުފާ ދިނީތޯ ނުވަތަ ކުލަބުން އިސްވެ ވަކި ކުރީތޯ ސުވާލު ކުރުމުންވެސް އެއަކަށް ޖަވާބެއް ނުދިނެވެ.

ނާދުގެ ކޯޗް ކަމުން، ސަސް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވީ އެއްވަރެވެ. މޮޅުވީ އެއް މެޗުންނެވެ. ބަލިވީ އެއް މެޗުންނެވެ. އެ ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

ސަސްގެ ކޯޗް ކަމަށް، ކުލަބު އީގަލްސްގެ ކުރީގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އީގަލްސްއިން ވަނީ މޯހަންގެ ކޮންޓްރެކްޓް އުވާާފަ އެވެ. އެދުވަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗް ކަމުން މުހައްމަދު އާދަމްވެސް ވަނީ އިސްތިއުފާ ދީފަ އެވެ. ލީގްގައި އެންމެ ފުރަތަމަ ކޯޗް ބަދަލު ކުރި ކުލަބަކީ މާޒިޔާ އެވެ. އެ ޓީމުގެ ކޯޗް ކަމުގައި ހުރި މުހައްމަދު ނިޒާމް ވަނީ ޑިސެމްބަރު ނިމުގެ ކުރިން އިސްތިއުފާ ދީފަ އެވެ.