ފުރުސަތު އޮތް ނަމަ، ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން މަސައްކަތް ކުރާނެ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑޯ އަރައުހޯ ބުނެފި އެވެ.
މެސީ ނިސްބަތްވާ އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓިނޯ ކޯޗް ކަމަށް ހަމަޖެއްސުމަށް ފަހު ޕީއެސްޖީން މިހާރު ވަނީ އެ ކުލަބުގެ ސަމާލުކަން ކުޅުންތެރިންގެ ރެކްރޫޓްމެންޓަށް ހާއްސަ ކޮށްފަ އެވެ. ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހު 30 ގެ ނިޔަލަށް ހަމަވާނެ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ބާސާ ދޫކޮށްލަން ބޭނުން ވާކަން މެސީ ހާމަ ކުރުމުން، ގިނަ ބަޔަކު މިހާރު ގަބޫލު ކުރަނީ ޖޫން 30 ގެ ފަހުން ފުރީ އެޖެންޓެއްގެ ގޮތުގައި މެސީ ހުންނާނެ ކަމަށެވެ. އަދި ބާސާގެ އިންތިހާބުގައި ހޮވޭ ކެނޑިޑޭޓެއްގެ ގޮތުން މެސީ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
"މެސީ ކަހަލަ މޮޅު ކުޅުންތެރިން ޕީއެސްޖީގެ ޝޯޓްލިސްޓްގައި އަބަދުވެސް ހިމެނޭނެ ނަމަވެސް މިވަގުތަކީ އެކަމުގެ ހުވަފެން ދެކެންވީ ނުވަތަ އެކަމުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން،" ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުގައި ބުރެޒިލްގެ ލިއޮނާޑޯ ބުންޏެވެ. "މި ކަމުގައި ވަރަށް ކައިރިން ބަލަން އަހަރެމެން މޭޒު ކައިރީގައި އިށީންނާނަން. ފުޓްބޯޅައިގައި ހަތަރު މަހަކީ ވަރަށް ދިގު މުއްދަތެއް. ހާއްސަ ކޮށް މިޒަމާނުގައި. ނަމަވެސް މޭޒު ކައިރީގައި އަހަރެމެންގެ ގޮނޑިތައް ވަނީ ރިޒާވް ކުރެވިފައި."
މެސީ އަށް އާ ކޮންޓްރެކްޓެއް ދިނުމަށް، ބާސާ އަށް ވާހަކަ ދެއްކޭނީ ކުލަބުގެ އިންތިހާބު ބޭއްވުމަށް ފަހު އެވެ. މި މަހު ބާއްވަން ކުރިން އޮތް އިންތިހާބު މިހާރު ވަނީ މާޗް މަހު ހަތަކަށް ފަސް ކޮށްފަ އެވެ. މާލީ ގޮތުން އަދި ސްޕޯޓިންގެ ނަޒަރުން ޝައުގުވެރި ކުރުވަނިވި ޕްރޮޖެކްޓެއް މެސީ އަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އެޔާއެކު އޭނާގެ ރަހުމަތްތެރިޔާ ނާމޭ އާއެކު ޕެރިހުގައި ހޭދަ ކުރަން ގަސްތު ކުރުމަކީވެސް ކައިރީގައިވާ ކަމެކެވެ.