ދުނިޔެ

ގުދުސްގައި ސީސީޓީވީ ހަރުކުރަނީ މަކަރުވެރި ރޭވުމަކުން: ފަލަސްތީން

ގުދުސް (ރޮއިޓާސް) ގުދުސްގެ މަސްރަހު ފިނިކުރުމަށް ކަމަށް ބުނެ އެމެރިކާއިން ހުށަހަޅައި އިޒްރޭލުން ތާއީދު ކޮށްފައިވާ "ހައްލަކީ" މަކަރުވެރި ރޭވުމެއް ކަމަށް ފަލަސްތީނުން މިއަދު ބުނެފިއެވެ.

ފަލަސްތީނުގެ ރައީސް އާއި އުރުދުންގެ ރަސްގެފާނާއި ބައްދަލު ކުރެއްވުމަށްފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެފައި ވަނީ އުރުދުން އިން ހުށަހެޅި ހިޔާލަށް އިޒްރޭލުން އިޖާބަ ދީފައިވާ ކަމަށެވެ. މި ހިޔާލަކީ ގުދުސްގައި 24 ގަޑިއިރު ސީސީޓީވީ ސަވައިލަންސް ގާއިމް ކުރުމެވެ. އެމެރިކާއިން ހުށަހެޅި އުސޫލުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ފިޔަވަޅަކީ ވެސް މިއީއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދް އަލް މާލިކީ މިއަދު ވިދާޅުވީ "މިއީ އާ މަޅިއެއް" ކަމަށެވެ. އަދި މި ރޭވުމުގެ ބޭނުމަކީ ވީޑިއޯ ތަކުން ބަލައިގެން އަގްސާ މިސްކިތަށް ނަމާދުކުރަން ދާ މީހުންނަށް އިޒްރޭލުން ފާރަލުން ކަމަށާއި އަދި އެގައުމަށް ޝައްކު ކުރެވޭ މީހުން ވީޑިއޯގެ އެހީގައި ހައްޔަރު ކުރުން ކަމަށެވެ.

ޖޯން ކެރީ ވިދާޅުވީ ސީސީޓީވީ ކެމެރާ ހަރުކުރުމުން އެ ސަރަހައްދުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ފަރާތްތަކުން ޖެހިލުން ވާނެ ކަމަށެވެ.

އުރުދުން އަކީ ދެގައުމުން އެއްބަސްވާ އަގްސާ މިސްކިތް ބަލަހައްޓާ ފަރާތް ކަމަށްވިއަސް އެ މިސްކިތާއި ގުދުސް ކޮންޓްރޯލު ކުރަނީ އިޒްރޭލުންނެވެ. ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ހިޔާލު ހުށަހެޅީ އުރުދުންއިން ކަމަށް އެމެރިކާ ބުނާއިރު، އިޒްރޭލުން ވަނީ ވަގުތުން މި ހިޔާލަށް ޝައުގުވެރި ވެފައެވެ. އަދި އެމެރިކާއިން މިކަން ސިފަކުރީ މަސްރަހު ބަދަލުކޮށްލާފަދަ "ބަރާބަރު ހިޔާލެއް" ގެ ގޮތުގައެވެ.

އިޒްރޭލުން އަގްސާ މިސްކިތާއި، އިރުމަތީ ގުދުސްގެ އެހެން ސަރަހައްދު ތަކާއި ވެސްޓް ބޭންކް ހިފީ 1967 ގެ ހަނގުރާމައިގައެވެ.
މި މަސް ފެށުނީއްސުރެ ފަލަސްތީނުގެ އާންމުންނާއި އިޒްރޭލު ސިފައިންނާއި ދެމެދު ގުދުސްގައި ކުރިއަށްދާ ހަމަނުޖެހުން ތަކުގައި ފަލަސްތީނުގެ 52 މީހަކާއި އިޒްރޭލްގެ ނުވަ މީހަކު ވަނީ މަރުވެފައެވެ.