އެތުލެޓިކޯ މެޑްރިޑް

ޓްރިޕިއާގެ ސަސްޕެންޝަން ފީފާއިން ތަންފީޒު ކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރު ކިރަން ޓްރިޕިއާ 10 ހަފުތާއަށް ސަސްޕެންޑް ކުރުމަށް، އިނގިރޭސި އެފްއޭއިން ނިންމި ނިންމުން ތަންފީޒު ކުރުމަށް ފީފާ އިން ނިންމައިފި އެވެ.

ބެޓިން ރޫލް އާ ހިލާފުވުމުން ޓްރިޕިއާ ސަސްޕެންޑް ކުރުމަށް އިނގިރޭސި އެފްއޭއިން މިދިޔަ މަހު ނިންމި ނިންމުން، އިސްތިއުނާފު ކުރުމަށް އެތުލެޓިކޯއިން ފީފާއަށް ހުށަހެޅުމުން އިސްތިއުނާފް މައްސަލަ ބަލައި ނިމެންދެން ސަސްޕެންޝަން މަޑުޖައްސާލުމަށް ފީފާއިން އެންގި އެވެ.

އެތުލެޓިކޯ އިން ހުށަހަޅާފައިވާ މައްސަލަ އިސްތިއުނާފު ކުރެވެން ނެތް ކަމަށް ފީފާއިން އިއްޔެ ނިންމުމުން އަނެއްކާވެސް ޓްރިޕިއާގެ ސަސްޕެންޝަން ތަންފީޒު ވާނެ އެވެ. އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ސަސްޕެންޝަންގެ ސަބަބުން އޭނާއަށް ދެ މެޗު އޭރު ގެއްލުނެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފީފާއިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ސްވިޒަލޭންޑް ލުޒާންގައި ހުންނަ ކުޅިވަރުގެ އާބީޓްރޭޝަން ކޯޓު (ކާސް) އަށް ހުށަހެޅުމަށް އެތުލެޓިކޯއިން ދަނީ ތައްޔާރު ވަމުންނެވެ.

އޭރުން އަނެއްކާވެސް، ޓްރިޕިއާގެ އަދަބު މަޑު ޖެހޭނެ އެވެ. ފީފާއިން ކުރިން ސަސްޕެންޝަން މަޑު ޖައްސާލަން އެންގުމުން، މިދިޔަ ހަފުތާއި ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ކުޅެން ނުކުމެ އެތުލެޓިކޯގެ ފުރަތަމަ ލަނޑު ޖަހަން އެސިސްޓް ވެސް ކޮށްދީފަ އެވެ.

ޓްރިޕިއާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖުލައި 2019 ގައި ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ބައެއް ގައުމުތަކުގައި ބެޓިން ކުރުން މަނާ ކޮށްފައިވީ ނަމަވެސް މެޓީރިއަލިސްޓިކް މަުޖުތަމައުތަކެއް އޮންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބެޓިން ކުރުން ވަނީ ހުއްދަ ކޮށްފަ އެވެ.

ޓްރިޕިއާގެ ޓްރާންސްފާ އަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ. އެ ބެޓާ އެއްގޮތަށް އޭނާގެ ޓްރާންސްފާ ހަމަޖެހިގެން ދިއުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރްޕިއާ އެހީވެ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ. އޭނާ ބުނީ އޭނާގެ ޓްރާންސްފާއަށް އެހެން ފަރާތަކުން ކުރި ބެޓަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށް ދީފައި ނުވާނެ ކަމަށެވެ.

ޓްރާންސްފާ ބެޓިން އަށް އެހީތެރި ވުމަކީ ދޭތެރެ ދޭތެރެއިން ކުޅުންތެރިން ކުރާ ކަމެކެވެ. އެކަން ކުރަނީ ބެޓް ދިމާވާ ފަރާތަށް ލިބޭ ފައިސާގެ ތެރެއިން ބައެއް ކުޅުންތެރިޔާއަށް ދޭން ހުށަހަޅާތީ އެވެ.

މިފަދަ މައްސަލައެއްގައި މީގެ ކުރިން އަދަބު ލިބިފައިވާ ކުޅުންތެރިޔަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. ލިވަޕޫލް ދޫކޮށް، 2018 ވަނަ އަހަރު އޭނާ ސެވިއްޔާ އަށް ބަދަލުވިއިރު އެ ޓްރާންސްފާ އަށް ބެޓް ކުރި އޭނާގެ ބޭބެއަށް އެތެރޭގެ މައުލޫމާތު ފޯރުކޮށްދިކަން އޭނާ މައްޗަށް ސާބިތު ވި އެވެ. އެކަމާ ގުޅިގެން ހަތަރު މަހަށް އޭނާ ސަސްޕެންޑް ކުރި އެވެ.