ރާއްޖޭގެ ފުރަތަމަ ވަން ޝޮޓް ފިލްމު ޑާކް ރެއިން އެންޓައިންމަންޓުން އުފައްދައިފި އެވެ.
ޑާކްރެއިން އެންޓޮލޮޖީގެ ދަށުން ގެނެސްދޭ މި ފިލްމަކީ "ގުޅުން" މި ނަމުގައި ގެނެސްދޭ ފިލްމެކެވެ. ޖުމްލަ 20 މިނެޓްގެ މި ފިލްމުގައި ދައްކުވައި ދޭނީ އެކި މީހުންގެ މެދުގައި އޮންނަ ތަފާތު ގުޅުންތަކެވެ. ގުޅުންތައް އެކި މީހުން ސިފަ ކުރާ ގޮތެވެ. އެކަކު އަނެކަކާމެދު ބާއްވާ ގުޅުންތަކާމެދު ދެކޭ ގޮތެވެ. އެކަކު ދެކޭގޮތާއި އަނެކަކު ދެކޭ ގޮތުގެ ތަފާތެވެ.
ދިވެހި ފުރަތަމަ ވަންޝޮޓް ނުވަތަ ވަންޓޭކް ފިލްމާ ގުޅޭ ގޮތުން ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ މޮގާ ބުނީ "ގުޅުން" ގެނެސް ދޭނެ ވަކި ޕްލެޓްފޯމެއް މުޅީން ޔަގީން ނުވި ނަމަވެސް ބޮޑަށް ލަފާ ކުރެވެނީ ޑާކްރެއިންގެ "ރޫމީ އާ ޖަންނަތު" ގެނެސްދެމުންދާ މީޑިއާނެޓްގެ މަލްޓި - ސްކްރީން އެޕް މެދުވެރިކޮށް ކަމަށެވެ.
"ގުޅުން" ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. ފިލްމުގައި ފެނިގެން ދާނީ ރަވީ ފާރޫގު، އައިޝަތު ރިޝްމީ، އަބްދުﷲ ޝާފިއު (ފުބޫ)، އައިމިނަތު ރިޝްފާގެ އިތުރުން އައިމިނަތު ޝަމާނާ އެވެ. މީގެ އިތުރުން ހާއްސަ ފެނިލުމަކުން އަހުމަދު ސައީދު އަދި އިސްމާއީލް ޖުމައިހު ފެނިގެންދާނެ އެވެ.
ކޮންޓިނުއަސް ވަންޝޮޓް ފިލްމުތަކަކީ ބޭރު ދުނިޔޭގައި ވެސް މަގުބޫލު އުފެއްދުންތަކެކެވެ. ޑޮކިއުމަންޓްރީ ސްޓައިލަށް ވެސް އެފަދަ އުފެއްދުންތައް ގެނެސްދީފައި ހުރެއެވެ. މިވައްތަރުގެ ފިލްމުތައް ދެ ގޮތަކަށް ގެނެސްދީފައި ހުރެ އެވެ. އެއީ އެއް ފަހަރުން ނަގައިގެން ގެނެސްދިނުމާއި އެކި ފަހަރުމަތިން ނެގި ނަމަވެސް އެ އިހުސާސް ކުރެވޭ ގޮތަށް ގެނެސްދިނުމެވެ. ބައެއް ހާދިސާތައް އަސްލާއި އެއްގޮތަށް ގެނެސްދިނުމަށް މިގޮތަށް ކުރު ފިލްމުތައް އުފައްދާފައި ހުރެއެވެ.