ލައިފްސްޓައިލް

ދައުވަތުކާޑުގައި ކިއުއާރް ކޯޑު، ހަދިޔާ ދޭނެ މޮޅުގޮތެއް!

ކޮވިޑް-19 އިގެ ސަބަބުން ހުރިހާ އެންމެންގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަން ވަނީ މަޖްބޫރުވެފަ އެވެ. ޚާއްސަކޮށް ކައިވެނި ޕާޓީ ފަދަ ތަންތަނަށް ދާ މީހުން އަމަލު ކުރަން ޖެހޭ އުސޫލުތަކަށް ވަރަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ. މީގެ ކުރިން ކައިވެނި ޕާޓީތަކަށް ދާއިރު މީހުން އެމީހަކަށް ނުހިފޭ ވަރުގެ ބޮޑެތި ޕާރުސަލްތައް ހިފައިގެން ދެއެވެ. އެ ޓްރެންޑް ބަދަލުވެ މި ފަހަކުން ދެން ފެންނަމުން ދިޔައީ ސިޓި އުރަޔަށް ލާފައި ފައިސާ ދޭ ތަނެވެ. ނަމަވެސް ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވާ ދުވަސްވަރެއްގައި އަތުން އަތަށް ސިޓީ އުރަ ދިނުން ވެސް މާ ރައްކާތެރި ކަމަކަށް ނުވެ އެވެ.

އެހެންކަމުން އިންޑިޔާގެ މަދުރާއީގައި ދާދި ފަހުން ކުރި ކައިވެންޏެއްގެ ދައުވަތު ކާޑު އެ މީހުން ތައްޔާރުކުރީ ވަރަށް މޮޅު ޚިޔާލަކަށެވެ. އެއީ އެމީހުންނަށް ހެޔޮ އެދޭ އެމީހުން ދެކެ ލޯބިވާ މީހުންގެ ފަރާތުން ލިބޭ ހަދިޔާ އެންމެ އެކަށީގެންވާ ގޮތެއްގައި އެންމެން ފަސޭހައިން އެމީހުންނަށް ރައްދު ކުރެވޭނެ ގޮތް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެގެން އުޅޭ މި ދައުވަތުކާޑަކީ މަދުރާއީގެ އާއިލާއަކުން އެ އާއިލާގެ ކުއްޖެއްގެ ކައިވެނި ޕާޓީއަށް ތައްޔާރުކުރި ކާޑެކެވެ. މި ދައުވަތު ކާޑު ޗާޕުކުރިއިރު އޭގައި ކިއުއާރު ކޯޑު ޕްރިންޓް ކޮށްފައި ވެއެވެ. މިއީ ގޫގުލް ޕޭ ނުވަތަ އެނޫން ވެސް ގޮތަކަށް އެމީހުން އެ ބުނާ އެކައުންޓަކަށް ފަސޭހައިން ފައިސާ ޖަމާ ކުރުމަށް ހިމަނާފައިވާ ކިއުއާރު ކޯޑެކެވެ.

ކައިވެނި ޕާޓީއަށް އަންނަ މެހެމާނުންނަށް އެމީހުން ދޭން ބޭނުންވާ ހަދިޔާއެއް ގަންނަން ހޭދަކުރާ ފައިސާ ދައުވަތު ކާޑުގައިވާ އެކައުންޓަށް ޖަމާ ކޮށްލުމުން ނިމުނީ އެވެ. ގަންނާނީ ކޮން ހަދިޔާއެއްކަން ވިސްނާކަށް އަދި ފިހާރަ ފިހާރައަށް ހިނގާކަށް ނުޖެހޭނެ އެވެ. ފައިސާ ދޭނަމަ އެ ފައިސާ ލާނެ ސިޓީ އުރަ ހޯދައި އެ ޑެކަރޭޓްކުރާކަށް ވެސް ނުޖެހޭނެ އެވެ. އަދި އެކަކު އަނެކަކާ އެއްގޮތަކަށް ވެސް ކޮންޓެކްޓްނުވެ ހަދިޔާ ވެސް ދެވުނީ އެވެ.

"ޕާޓީއަށް އައި މެހެމާނުންގެ ތެރެއިން 30 ވަރަކަށް މީހުން ކިއުއާރް ކޯޑުން ފައިސާ ޓްރާންސްފާކޮށްގެން ކައިވެނިގެ ހަދިޔާ ދީފައިވޭ،" ކައިވެނިކުރި އަންހެންމީހާގެ މަންމަ ޖަޔަންތީ ބުންޏެވެ. ޖަޔަންތީ އަކީ މަދުރާއީގައި ބިއުޓީ ޕާލާއެއް ހިންގާ މީހެކެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިން އެ މީހުންގެ އާއިލާއިން މިފަދަ ކަމެއް ނުކުރެ އެވެ. ނަމަވެސް ބަލިމަޑުކަން ފެތުރިފައި އޮތްލެއް ބޮޑުކަމުން މިގޮތަށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ހެދީ އެންމެންނަށް ފަސޭހައަކަށް އަދި ރައްކަލަކަށެވެ.

ޖަޔަންތީ ބުނީ ސޯޝަލް މީޑިއާގައި ކާޑު ވައިރަލްވުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ގުޅަމުންދާ ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ކަމެއްގެ ކަމަށް ގިނަ ބަޔަކު ބުނާ ކަމަށެވެ.

މިދިޔަ މަހު އިންޑިޔާގައި އޮތް އެހެން ކައިވެނި ޕާޓީއެއް ވެސް ވަރަށް ތަފާތު ގޮތަކަށް ބާއްވާފައި ވެއެވެ. މި ކައިވެންޏަށް ދައުވަތުދިން ހުރިހާ މެހެމާނުން ވެސް ކައިވެނީގެ ރަސްމިއްޔާތު ބަލަން ޖެހުނީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. އަދި ކައިވެނި ޕާޓީއަށް ތައްޔާރުކުރި ކާނާ ރީތިކޮށް ޕާރުސަލްކޮށްފައި ހުރި ހަތަރު ކޮތަޅުގައި ހުރި ތަށިބަރިތަކެއްގައި ހުރިހާ ގެއަކަށް ވެސް ވަނީ ބަހާފަ އެވެ.

ބާރަ ވައްތަރެއްގެ ކާނާ މި ކެއުމުގައި ހިމެނިފައިވާއިރު ކެއުން ސާވްކުރުމަށް ކެޔޮފަތްވެސް ފޮނުވާފައި ހުއްޓެވެ. އަދި ކޮންމެ ޑިޝް އެއް ހުންނަން ޖެހޭނީ ކެޔޮފަތުގެ ކޮންކޮން ތަނެއްގައި ކަން އަންގައި ލިޔެފައިވާ އިރުޝާދު ހިމެނޭ ގަނޑެއް ވެސް މި ކެއުމާއެކު ފޮނުވާފައި ވެއެވެ.