ބޭރު ކުޅިވަރު

ބެކަމްގެ އިންޓަ މިއާމީގެ ކޯޗަކަށް އެކުވެރި ނެވިލް

އެމެރިކާގެ މާޖާލީގް ސޮކަގައި ވާދަ ކުރާ، ޑޭވިޑް ބެކަމްގެ އޯނާޝިޕް އޮންނަ އިންޓަ މިއާމީގެ ކޯޗަކަށް ބެކަމްގެ އެކުވެރި ފިލް ނެވިލް ހަމަޖައްސައިފި އެވެ.

އިނގިރޭސި ގައުމީ އަންހެން ޓީމުގެ ކޯޗްކަން ދޫކޮށްލުމަށް ފަހު ނެވިލް ވަނީ އިންޓަ މިއާމީގެ ހުށަހެޅުމަށް އާނ ބަސް ބުނެފަ އެވެ. އޭނާ ބުނީ އިންޓަ މިއާމީ އަށް ކޯޗް ކޮށްދޭން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ވަރަށް ޒުވާން ކުލަބެއް ވަރަށް ޕޮޒިޓިވްކޮށް އަހަންނަށް ފެންނަނީ، ފުޓްބޯޅައަށް އާދަޔާ ހިލާފު ލޯތްބެއް އޮތް މި މާކެޓް ހައްގުވޭ އެއްވަރެއްގައި ޕާފޯމް ކުރުމާއި މޮޅުވުމުގެ މެންޓަލިޓީއެއް އޮތުން. އަަހަރެން އެކަމަށް މަސައްކަތް ކުރާނަން."

ބެކަމް އާއި ނެވިލް އަކީ މެންޗެސްޓާ ޔުނައިޓެޑްގެ އެކެޑެމީން 1991 އަދި 92 ގައި ނުކުތް މަޝްހޫރު ކްލާސް 92 ގެ ދެ ތަރިންނެވެ. އެކުގައި ޔުނައިޓެޑަށް ކުޅުނު ބެކަމް އާއި ނެވިލް އަކީ އިނގިރޭސި ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ ސަލްފޯޑް ސިޓީގެ ދެ ވެރިން ވެސް މެއެވެ.

ބެކަމް ބުނީ، ފުރާވަރު އުމުރުން ފެށިގެން އޭނާ އާއި ފިލް އުޅުނީ ޔުނައިޓެޑްގެ އެކެޑެމީގައި އެކުގައި ކަމަށާއި އެހެންވެ އޭނާ އަށް ނެވިލް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. "ފުޓްބޯޅައިގެ ޑީއެންއޭ އަހަރެމެން ދެ މީހުންނަށް ވެސް ލިބުނީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ލީޑަރުންގެ ކިބައިން،" ބެކަމް ބުންޏެވެ. "އަހަންނަށް އެނގޭ އޭނާ ކޮލިޓީ، އޭނާގެ ކިބައިގައި ހުރި އާަދަޔާ ހިލާފް ވޯކް އެތިކްސްއަކީ ކޮބައިކަން އަހަންނަށް އެނގޭ."