(17 ޖެނުއަރީ 2021 އާ ގުޅޭ)
"ރިދާން އެއައީ..."
"ސަބިއްތަ ގެންގުޅޭ މޮޔަ ކުއްޖެއް އެއީ." ނެހާ ބުނެލިއެވެ. އެއާއެކު ސަބީނާ ކައިރިއަށް ހިނިއައެވެ. ނެހާ އެހެން އެބުނީ ކީއްވެކަން އެނގޭތީއެވެ.
ސަބީނާގެ ދުލުން ރިދާންގެ ނަން ކިޔާލި ހިނދުން ފެށިގެން ނޯޔާގެ ސަމާލުކަން އެ ނަމަށް ހުއްޓުނެވެ. އެ ނަމަކީ އޭނާއަށް ވެސް އާ ނަމެއް ނޫނެވެ. ވާހަކައެއް ދައްކާލަން ނުކެރިފައި ނޯޔާ އިންދާ ސަބީނާ އެގެއިން ނުކުމެއްޖެ އެވެ. ރިދާންގެ ނަމަށް ނޯޔާއަށް ދެވުނު ސަމާލުކަން، ސަބީނާއާއެކު ނުކުމެގެން ދިޔަ ކުޑަ ދެ އަންހެން ކުދީންނަށް ހުއްޓުނެވެ. އެއީ ކޮން ބައެއްކަމެއް ނޭނގިގެންނެވެ. ފުރަތަމަ ވެސް ހިތަށް އައީ ސަބީނާގެ އަންހެން ދަރިފުޅު އަރީނެވެ. އޭނާގެ ދާދި އެއްވަރެއްގެ ދެ އަންހެން ކުދީން ތިބޭކަން ނޯޔާއަށް ހުރީ ފެނިފަ އެވެ. ނަމަވެސް އެކުދީން މިހާރު ބޮޑުވެދާނޭ ނޯޔާގެ ހިތަށް އެރި އެވެ. ކަމަކާ ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް ނެހާ އަނެއްކާ ވެސް ނޯޔާގެ ގައިގާ ބައްދާލި އެވެ. އަނެއް ފަރާތުން ނޯޔާގެ އަތުގައި މަންމަ ހިފާލި އެވެ. މަންމައާއި ނެހާގެ ވާހަކަތައް ހުހެއް ނުވި އެވެ. އިޔާންއާއި އައްޔޫބު އައިސް އެބަޔަށް ވަނެވެ. ސިޓިންރޫމުގައި ނޯޔާގެ ސާމާނުތައް ބެހެއްޓުމުގެ ބަދަލުގައި އެމީހުން އެ ވެއްދީ ނޯޔާގެ ނިދާ ކޮޓަރިއަށެވެ.
* * *
ސަބީނާއަށް އައިސް ގެއަށް ވަދެވުނު އިރު ކާ މޭޒުދޮށުގައި ރިދާން އިނެވެ. އޭނާ އަމިއްލައަށް ކާއެއްޗެހި އަޅައިގެން ކާށެވެ. ވައަތުން ޓީވީގެ ރިމޯޓު ހިފަހައްޓައިލެގެން އިނގިރޭސި ފިލްމެއް ބަލަނީ އެވެ. ސަބީނާމެން ފެނުމުން ވަގުތުން ޗެނަލް ބަދަލު ކޮށްލީ އެވެ. ސާރާއާއި މަލްސާގެ ސަބަބުންނެވެ. ރިދާން ހަމައެކަނި ސަބީނާއަށް ގުޅާލާފައި ބުނީ ގެއަށް އަތުވެއްޖައިމެވެ. އެވަރުން ސަބީނާ ގެއަށް އަންނާނެއޭ ހިޔެއް ނުކުރެއެވެ.
"މަންމަ އިނީ ރޫމާ ދައްތަމެންގޭގަކަން އެނގޭ." ރިދާން ބުނެލި އެވެ.
"އެގޭ ނޯޔާ މިއަދު އަތުވެއްޖެ، އެހެންވެ މަޑުކޮށްލީ އެ މަންޖެއާ ބައްދަލުކޮށްލާފަ އަންނަން، ރިދާން ގުޅިކަން ރަނގަޅޭ، ނަމާދަށް ގޮވަންވާއިރަށް އަންނަން ވެގެން އިނީ." ސަބީނާ ބުންޏެވެ. އަސްލަން ހެނެއް ރިދާން ނުވާނެކަން ސަބީނާއަށް އެނގެ އެވެ. ކައްކާފައި ހުރިއްޔާ ރިދާން އަމިއްލައަށް އަޅައިގެން ކާނެ އެވެ. ސަބީނާ ގާތު ބުނާނީ ފެންނަ ހިސާބުގައި ހުރީ ވިއްޔާ އެވެ.
ރިދާންއަކީ ސަބީނާގެ ފިރިމީހާގެ ކޮއްކޮ، މާހިރުގެ ދަރިފުޅެވެ. މުސްޠަފާއާއި މާހިރުގެ ދެމަފިރިން ނިޔާވީ އެކީގައެވެ. އަވަށްޓެރި އިންޑިއާއަށް ގޮސް ތިއްބައި ދިމާވި އެކްސިޑެންޓެއްގަ އެވެ. އެ ދަތުރުގައި އެމީހުން ދިޔައީ ސަބީނާގެ ގާތުގައި ރިދާން ބަހައްޓާފަ އެވެ. އޭރު އަދި ރިދާންއަށް އެންމެ ހަތަރު އަހަރެވެ. މައިންބަފައިން ނިޔާވުމުން ރިދާންގެ މަންމައަށް ސަބީނާވީ އެވެ. އެކުއްޖާގެ ހުރިހާ ކަމެއް އެ ދުވަހުން ފެށިގެން ކޮށްދެމުން އައީ ސަބީނާއެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. ހުރި ފިރިހެން ދަރިފުޅު އަސްލަން އެކޭ ރިދާންއެކޭ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. ސަބީނާއަށް މަންމަ ކިޔަސް އެއީ ރިދާންގެ އުފަން މަންމަ ނޫންކަން ޚުދު ރިދާނަށް އެނގެ އެވެ.
ސާރާއާއި މަލްސާ ފެންނައިރަށް އެކުދީންނަށް ރިދާންގެ އާއްމު ސަކަ ގޮތުގައި ގޮވާލި އެވެ. އަރީންގެ ކުދީންނަށްވުރެ އަސްލަންގެ ކުދީންނާއެކު ރިދާން ގިނަ ވަގުތު ހޭދަކުރެ އެވެ. އެކުދީންދެކެ އޭނާ މާބޮޑަށް ލޯބިވާހެން ހީވެއެވެ. އަސްލަންގެ ކުދީންނަށް ރިދާން ކޮށްދޭ ކަންކަން ވެސް ގިނަ އެވެ. މަލްސާ އައިސް ރިދާންގެ ކުރިމައްޗަށް ހުރި ކާމޭޒު ގޮނޑީގައި އިށީނެވެ. ހީވީ ރިދާން ގޮވާ ނުލައިގެން ހުރިހެންނެވެ. އޭނާގެ ބޮޑު ވާހަކަ ފަށަން ކެތްތެރިކަން ކުޑަވެފަ އެކުއްޖާ ހުރި ފަދައެވެ. ރިދާންއަކީ އެކުދީންގެ ދިންބެއެވެ. އެއީ ސަބީނާ އެކުދީން ލައްވާ ދޮންބެ ކިޔުއްވަން އުޅުމުން ހަރުލި ނަމެވެ.
"ދިންބޭ، މިއަދު މަލް ނޫބޭބީ އުރާލީމަ ހަމަ ހެނީ، އަކަމް ދައްތި އުރާލިއިރަށް ބާރަކަށް ރޯން ފެށީ، މަލް އުރީމަ އެކަނި ހެނީ... މަލްއާ އަސްލު އެންމެ ފްރެންޑީ، ދިންބެއަށް އެނގޭތަ؟... ނޫބޭބީ އަނގަ ވަރަށް ޕިންކް... ދޫ ވެސް ވަރަށް ކުޑަ... ބޭބީއަށްވުރެ މާކުޑަ، މަލްއަށް ފެނުނީ" މަލްސާގެ ވާހަކަ ފެށުނެވެ. އޭނާ ނޫބޭބީއޭ ކިޔަނީ ނެހާގެ ދަރިފުޅު ނޫމާއަށެވެ. މަލްސާ އެ ކުއްޖާގެ ވާހަކަ ދެއްކި ފުރަތަމަ ފަހަރު ރިދާނަށް ވެސް އެކިޔާ އެއްޗެއް ނޭނގިގެން ސުވާލު ކުރެވުނެވެ. ކާކުގެ ވާހަކަކަން އެދައްކަނީ ބުނެދިނީ ސަބީނާ އެވެ. އެހެންވެ މިހާރު މަލްސާ ނޫބޭބީއެއްގެ ވާހަކަ ދެއްކިޔަސް އެ ދައްކަނީ ކޮންވާހަކައެއްކަން ރިދާނަށް ފަހުމްވެއެވެ.
މަލްސާގެ ވާހަކަތަކުން ނެހާގެ ހަނދާން ރިދާން ވިއެވެ. ކާން އިންއިރު ވެސް ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ ހަނދާންތަކާއެކު މާދުރަށް ފީނުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ރިދާންގެ ވައަތުގައި އޮތް ރިމޯޓު މޭޒުމަތީ ބާއްވާލި އެވެ. އޭނާ ކައިނިމުނީ އެވެ. މޭޒުދޮށުން ތެދުވުމުން އޭނާއާއެކު މަލްސާ ވެސް ތެދުވި އެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް ފޫހި ކަމެއްނެތި ރިދާން އަޑުއަހާނެކަން މަލްސާއަށް ވެސް އެނގެނީ އެވެ. އެހެންވެ އޭނާގެ ވާހަކަ ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ.
"އަސްލަންބެ ނާދޭތަ؟" ބަދިގޭ ސިންކު ކައިރިއަށް ދަމުން ސަބީނާ ގާތު ރިދާން އަހާލި އެވެ.
"އެބައުޅޭ... މިއަދު އަތުވެއްޖެ ތަންކޮޅެއް ކުރީން، އަނެއްކާ ޗުއްޓީ ނެގީއޯ." ސަބީނާއަށް ބުނެވުނެވެ.
"މިއަދު މީ..." ރިދާން ބުނަން އުޅެފައި ވެސް ހުއްޓާލި އެވެ. ސަބީނާ ބޯ ޖަހާލީމައެވެ. އޭނާއަށް ރިދާން ބުނަން އުޅުނު އެއްޗެއް ދޭހަވި އެވެ.
"އާން! އޭގެ ފަހުން ހަ މަސްވީ... އެހެންވެ ކުދިވެރީން ނުފޮނުވަން މިހުރީ، ދެން މިރޭ ކާންދީފަ ގެން ދާނީ." ސަބީނާ ބުންޏެވެ.
"މަންމަ ބުނަންވީނު ބޭބެގާތު އަލުން ދިރިއުޅުމެއް ފަށަން." ސިންކު ކައިރީ އަތް ދޮނަން ހުރެ ރިދާން ވާހަކަ ދެއްކި އެވެ.
"ބޭބެގެ ވާހަކަ ދައްކާއިރު، ރިދާން ކޮންއިރަކުންތަ މީހަކާ އިންނާނީ، އަށާވީސް އަހަރުވީ... އުމުރު ނުދަނީސް މީހަކާ އިންނަންވާނެ." ސަބީނާގެ ވާހަކަ އިވުމުން ރިދާން ފެށީ ހޭނށެވެ.
ރިދާންގެ ޓީޝާޓު ފަސްބައިގަ ހިފައި ދަމާލަމުން މަލްސާ ޝަކުވާ ކޮށްލި އެވެ. އޭނާގެ ވާހަކަ އަޑު ނާހާ ސަބީނާއާ ރިދާން ވާހަކަ ދައްކާތީ އެވެ. އެއާއެކު ދެއަތް ފުހެލި ރިދާން ގުދުވެލައި މަލްސާ އުރާލައިފި އެވެ. އެ ކުޑަކުޑަ މޫނުން ފުޅާ ހިނިތުންވުމެއް ފާޅުވެލި އެވެ.
* * *
ހަތަރުފާރުގެ ތެރޭގައިވަނީ ފަނޑު އަލިކަމެވެ. ވެރިފައި އޮތް ހިމޭން ކަމުގެ ތެރޭ ކުޑައެނދުގައި ހޭލާ އޮތް އަނުމްގެ އަޑު އިވިލައެވެ. ބާލީހެއްގައި ބައްދާލައިގެން އަރިއަކަށް އަސްލަން އޮތެވެ. ދެ ލޯ މަރާލައިގެން އޮތްއިރު އެ ދެ ލޮލުގެ އެސްފިޔަތައް ވަނީ ތެމިފައެވެ. މެރިފައިވާ ދެ ލޮލުގެ ތެރެއިން އަސްލަންއަށް ސިފަ ވަނީ މައިރާ އެވެ. އޭނާގެ ތިން ކުދީންގެ މަންމައެވެ. އެ ޚިޔާލުތަށް އޭނާއާ ދުރަށްދާ ވަގުތެއް ނާދެއެވެ. ލަސްގޮތަކަށް ދެ ލޯ ހުޅުވާލި އެވެ. އެސްފިޔަ ޖަހާލުމުން އިޙްސާސް ކުރެވުނު ކަރުނައިގެ އަސަރު ލޮލުން ފުހެލި އެވެ. ބާލީހުގައި ހިފަހައްޓާ ލައިގެން އޮތް ކަނާއަތުންނެވެ. މަގަށް އެނބުރިލީ ދެނެވެ. އެނދުގައި ޖައްސާފައި ހުރި އަރިމަތީ ކަބަޑުގެ މަތިން ޗާޖަށް ޖަހާފައި އޮތް ފޯނު ނެގި އެވެ. އަލިވެގެންދިޔަ އިސްކުރީނަށް ބަލަން ވަގުތުކޮޅަކަށް އޮވެފައި އެނދުން ތަދުވަމުން އިހު އޮތް ކަބަޑު މަތީ ފޯނު ބޭއްވި އެވެ. އެނދުގެ އަނެއް ފަރާތުން ފާރުގައި ޖައްސާފައި ހުރި ކުޑައެނދުގެ ކައިރިއަށް އަސްލަން އައެވެ. ބައްޕަ ފެންނަ އިރަށް ކުޑައެނދުން ނަގަން އަނުމް އެދެން ފެށި އެވެ. ފުމެފުމެފައި އެނދުގެ ތޭރިތަކުގައި ހިފައިގެން ކޮޅަށް އެކުއްޖާ ތެދުވި އެވެ. އެއްއަތް ބައްޕައަށް ދިއްކޮށްލައި ނަގާށޭ ބުނާހެން އިޝާރާތް ކުރިއެވެ. އަސްލަން ގުދުވެލައި ދަރިފުޅު އުރާލީ ދެނެވެ. ކޮނޑުމައްޗަށް ވާހެން ދަރިފުޅު ހިފަހައްޓައިލާ ބުރަކަށީގައި ފިރުމާލި އެވެ.
އަނުމް އުރާލައިގެން އަސްލަން ކޮޓަރިން ނުކުތެވެ. ސާރާއާއި މަލްސާ އަދި ވެސް ވީ މަންމައާއެކުކަން އެނގެ އެވެ. ގޮވައިގެން އަންނަން ހިތަށް އަރާފައި ވެސް ޚިޔާލު ބަދަލުވި އެވެ. އެކަނިވެލަން އަދިވެސް އޭނާ ބޭނުންވެފައި ހުރީ ކަހަލައެވެ. އެހެންވިޔަސް ޚިޔާލާއި ފިކުރުގެ ދުނިޔޭގައި ހުރެވެން ނެތްކަން ސިކުނޑި ބުންޏެވެ. އަނުމްއަށް ކާންދޭން މަންމަގެ އަތަށް ގެންދާކަށް އަސްލަން ބޭނުމެއް ނޫނެވެ. ހިތްވަރު ކުރަން ޖެހިފައި އޮތީ ދަރީންނަށް ޓަކައެވެ. އެކުދީންގެ މައްޗަށް އިހުމާލެއްވާން އަސްލަން ނޭދެ އެވެ.
* * *
ފަވާދަށް ގެއަށް އާދެވުނީ ރޭގަނޑު ހަތެއް ޖަހަނިކޮށެވެ. އޭނާ ދިރިއުޅޭ ފަންގިފިލާއަށް ވަންއިރު އަނބިމީހާއާއި ކުދީން ވެސް ފެންނާކަށް ނެތެވެ. ފުރަތަމަ ވެސް އައީ ކުދީންގެ ކޮޓަރި ހުޅުވާށެވެ. ދޮށީ ކުއްޖާ ފަލަކްއަށް 9 އަހަރެވެ. ހަގުކުއްޖާ ރީވާއަށް 8 އަހަރެވެ. ދެބެން އުޅެނީ ވަކި ކޮޓަރީގައެވެ. އެހެންވެ ފުރަތަމަ ފަވާދު އައިސް ހުޅުވީ ދޮށީ ކުއްޖާގެ ކޮޓަރި އެވެ. އެކޮޓަރީގައި ހުރީ އެކިދިމާއިން ހަރުކޮށްފައި ހުރި ފެއަރީ ލައިޓްސް ތަކުގެ އައްޔެވެ. ސިންގަލް އެނދުގެ ހުރަހަށް ފާރުގައި ލެނގިލައިގެން ފަލަކް އިނެވެ. ބޮލުގައި އަޅާފައިވާ ހެޑްސެޓުން ދެ ކަންފަތް ފޮރުވާލައިގެން އަތުގައި އޮތް އައިޕެޑަށް ގެއްލިފަ އެވެ. ފަވާދު އެތެރެއަށް ވަނުމުގެ ކުރީން ދޮރުގައި ޓަކިޖަހާލި އެވެ. ނަމަވެސް ފަލަކަށް ހިލަމެއް ނުވިއެވެ. އެކުއްޖާއަށް ފަވާދު ފެނުނީ ކޮޓަރިއަށް ވަންފަހުންނެވެ. އަވަހަށް ހެޑްސެޓު ދަމައިގެންފަ "ޑެޑީއޭ" ގޮވާލި އެވެ.
"ނަމާދު ކޮށްފިންތަ؟" ފަވާދު އަހާލި އެވެ.
"ތަންކޮޅެއް ލަހުން އިޝާ ނަމާދަށް ގޮވަނީ، އަދި ޓައިމް އެބައޮތެއްނު... ފަހުން ކުރާނަން." ފަލަކް ބުނެލި އެވެ.
"ފަލަކް..." ފަވާދުގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. އެނދުމަތިން ފަލަކް ފޭބީ އޭނާގެ އައިޕެޑް އަލުން ބައްޕަ ގެންގޮސްދާނޭތީ ކަންބޮޑުވެގެންނެވެ. ކުރިން ވެސް އޭނާ ނަމާދު ނުކޮށް ހުރެގެން ބައްޕަ ވަނީ އެހެން ކަންތައްކޮށްފައިކަން ހަނދާނެއް ނުނެތެވެ.
ފަލަކް ފާޚާނާއަށް ވަނުމުން ފަވާދު ކޮޓަރިން ނުކުމެ ދޮރު ލައްޕާލި އެވެ. ދެން އައިސް ހަގު ދަރިފުޅު ރީވާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ޖަހާފައި ހުރި ލަވައިގެ އަޑު ކޮޓަރިން ބޭރުވީ ދެނެވެ. ދޮރުގައި ފަވާދަށް ޖެހުނީ ތަންކޮޅެއް ބާރަށެވެ. ދެއުޅަންބޮށި ކޮޅު ޖައްސައިގެން އެނދުމަތީ ބަންޑުން އޮތް ރީވާ ހީނހީނފައި ކޮންމެވެސް އެއްޗެއް ބަލަނީ އެވެ. ބާލީސް މަތީ އޭނާގެ އައިޕެޑް އޮތެވެ. ކޮރިއަން މިއުޒިކު ގުރޫޕްތަކަކީ ރީވާއަށް މާ ކަމުދާ ބައެކެވެ. އެމީހުންގެ ބަސް ނޭނގުނަސް ރީވާ އެމީހުންގެ ލަވަތައް އަޑު އަހައެވެ. އެމީހުންގެ ކެއުންތަކަށް ޝައުގުވެރިކަން ފާޅުކުރެއެވެ. ފަވާދު ނުރުހޭ ކަމަކަށް ވާތީ ކޮޓަރި ތެރޭގައި އެ ގުރޫޕް ތަކުގައި ހަރަކާތްތެރިވާ ފިރިހެން ކުދީންގެ ފޮޓޯތައް ތަތް ނުކުރެވެނީ އެވެ. ރީވާގެ މި އުޅުން އެއްގޮތަކަށް ވެސް ފަވާދަށް ކަމަކު ނުދެއެވެ. އެ އުމުރުގެ ކުދީން އުޅެންވާނޭ ގޮތްކަމުގައި ފަވާދަށް ޤަބޫލެއް ނުކުރެ ވެއެވެ. އުމުރަށްވުރެ މާބޮޑަށް ދޮށިގެން އުޅޭކަން ފާހަގަވެއެވެ.
"ނަމާދުކޮށްފިން..." ފަވާދު ފެންނައިރަށް ހަށިގަނޑު ސީދާކޮށް އެނދުގައި އިށީން ރީވާ ބުނެލީ ނިކަން އަވަހަށެވެ. ބައްޕަގެ ސުވާލަށް ހޭނިފައި ހުރި ފަދައިންނެވެ.
"ޤުރުއާން ނުކިޔަވަންތަ؟" ފަވާދު އަހާލި އެވެ.
"ޤުރުއާން ކުލާހުގައި ކިޔެވިން، މަންމަ ބުނީ އޯކޭވާނޭ މިގަޑީގަ ދެން ނުކިޔެވިޔަސް." ރީވާ ބުނެލި އެވެ.
"އެހެންވިޔަސް ދެ ނަމާދު ދޭތެރޭ ލަވަ ނުޖަހާ... ނިއްވާލާ!..." ފަވާދު ބުންޏެވެ.
ފަވާދު ނިދާ ކޮޓަރިއަށް ވަންއިރު އަރީން ރީތި ވަނީ އެވެ. އޭނާ އެއުޅެނީ ބޭރަށް ދާންކަން ފަވާދަށް އެނގުނެވެ. ފިރިމީހާ ފެންނައިރަށް ނިކަން ފުޅާ ހިނިތުންވުމެއް އަރީން ބަދަލުކޮށްލި އެވެ.
"ބޭބީ ހާދަ ލަސްވީ؟" އަރީން ބުނެލިއެވެ. އޭނާ އިނީ ރީތިވާ މޭޒުކައިރީ އިސްތަށިގަނޑު އަޔަން ކުރާށެވެ.
ފަވާދުގެ ލެޕްޓޮޕް ދަބަސް ކޮޓަރީގައި ހުރި ގޮނޑީގައި ބާއްވާލުމާއެކު ކަރުން ވަކިކޮށްލި ޓައީ ވެސް ގޮނޑި މައްޗަށް ވައްޓާލި އެވެ. އޭނާ އަރީންއަށް ބަލާލީ ފަރުވާތެރި ކަމާއެކު އެވެ. އަރީންގެ އުމުރުން ތިރީސް ވީއިރު ފަވާދަށް ތިރީސް ދެއަހަރެވެ. ދެމީހުން ގުޅުނީ ލޯބިންނެވެ. އަމިއްލަ ހަށިގަނޑުދެކެ އަރީން ލޯބިވާވަރު އޭނާއަށް ބަލާލި ކޮންމެ މީހަކަށް ފާހަގަވާނެ އެވެ. ދިގު އިސްތަށިގަނޑާއި ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް އޭނާ ނުނަގާ ވިޓަމިނެއް ނޯވެއެވެ. އަބަދުވެސް ކޮންމެ ގަޑިއަކު ފެނުނަސް އަރީން ފެންނަނި ނިކަން ތާޒާ ކޮށެވެ. ރީތި ވެލައިގެން ހުއްޓަ އެވެ. ކައިވެންޏަށް ކުދީން ލިބުމުން، ދެ ކުދީންނަށްވުރެ ގިނައިން ނުހޯދަން ނިންމީ އަރީން އެވެ. އަދި ކައިރިކައިރީގައި ހޯދާ އެކަން ނިންމާލަން ބޭނުންވީ ވެސް އޭނާއެވެ. އަބަދު ދަރީން ބެލުމުގައި ނޫޅެވޭނެއޭ ބުނާ "އަންހެނުން" ގެ ތެރޭގައި އަރީން ވެސް ހިމެނެއެވެ. ޢާއިލާއާ ވަކިން އަމިއްލަ ދިރިއުޅުމެއް އޮންނަންވާނޭކަން އަރީން ޤަބޫލު ކުރެއެވެ. ހުރިހާ ތަނަކަށް ފިރިމީހާ ގެންދިއުމަކީ އަރީންގެ ގޮތެއް ނޫނެވެ. އަދި އޭނާގެ ނަޒަރުގައި ފިރިމީހާއަކީ އަނބިމީހާގެ ހުރިހާ ކަމަކަށް ފާޑުކިޔާ މީހަކަށްވެގެން ނުވާނެއެވެ. އަނބިމީހާއަށް އޭނާ ބޭނުންވާ މިނިކަން އޮތުމަކީ އަރީން ޤަބޫލުކުރާ އުސޫލެވެ.
"އަރީން..." ފަވާދު ގޮވާލީ މަޑުމަޑުންނެވެ. އޭނާ އައިސް އެނދުގެ ފައިލާ ކޮޅުގައި ހުރި ދިގު ގޮނޑީގައި އިށީނެވެ. އަރީން ފެންނާނޭ ހެންނެވެ. ފަވާދުގެ އެ ގޮވާލުން އަރީންގެ މޫނުގެ ކުލަ ބަދަލުކޮށްލައިފިއެވެ. އިށީނދެ އިން ރީތިވާ މޭޒުގެ ގޮނޑިއާއެކު އަރީން އެނބުރިލިއެވެ. ފަވާދާ ކުރިމަތިވާނޭ ހެންނެވެ.
"ކިހިނެއްވީ؟" ހިސާބެއްގެ ނުރުހުމާއެކު އަރީން ބުނެލި އެވެ. ފަވާދު އެ އުޅެނީ ކޮންމެވެސް ކޫސަނި ވާހަކައެއް ދައްކަންށޭ އަރީންގެ ހިތަށް އެރީއެވެ. މިވަގުތު އޭނާ އެއިނީ އެކަހަލަ ވާހަކައެއް ދައްކައި، މޫޑު ޚަރާބުވާން އެދޭ ފަދަ ގޮތަކަށް ނޫނެވެ.
"ކިހާއިރަކު އަންނާނީ؟" ބުނަން އުޅުނު ވާހަކަތައް އޮއްބާލާފައި މުޅިން އެހެން ސުވާލެއް ފަވާދު ކުރިއެވެ. އޭނާ ދައްކަން އޮތީ އާ ވާހަކައެއް ނޫން ވިއްޔާއެވެ. އެތައް ފަހަރަކު އަރީނާ ދެއްކިފަ ހުރި ވާހަކައެވެ. އެހެންވިޔަސް އެއީ އަރީން ސަމާލު ކަމެއްދޭން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އަލުން ދައްކައިގެން ދެމެދުގައި އަރައިރުމެއް ހިނގުމަށްވުރެ އެއިން އެއްވެސް ކަމެއްގެ ވާހަކަ ނުބުނުން މާރަނގަޅުވާނޭ ފަވާދަށް ވިސްނުނީއެވެ. އޭނާ ހުރީ ވެސް ވަރުބަލިވެ ބަނޑުހައި ވެފައެވެ.
"އަދި ނޭނގެ، ޝެހެނާޒްގެ ފެމެލީ ކުއްޖަކު ހުޅުވާ ކޮފީ ޝޮޕަކަށް މިދަނީ، އެމީހުންގެ ސަކަރާތް ހުންނާނޭ ގޮތް އެނގެއެއްނު، އެކަމަކު އަންނާނަން އެގާރަޖަހަންވާއިރަށް." އަރީން ވާހަކަ ދެއްކީ ހިނިތުންވެ އިނދެއެވެ.
"ވަރަށް ބަނޑުހައި." ފަވާދު ބުންޏެވެ.
"ފަލަކް މިރޭ ކާން ނަގާނެ، ތަށިތައް ސިންކަށް އަޅާލާފަ ބަހައްޓާ، މާދަން ހެނދުނުން އަހަރެން ހުރިހާ އެއްޗެއް ދޮންނާނަން." އަރީން ބުންޏެވެ. އިތުރަށް ފަވާދު އަނގަޔަކުން ނުބުންޏެވެ.
* * * * *
ނޫމާގެ ނެޕީ ބަދަލު ކުރަން ނެހާ އިނީ އެނދުގަ އެވެ. އެ ކޮޓަރިއަށް ވަން ނޯޔާ އައިސް އެނދަށް އަރައި ނެހާގެ ބުރަކަށީގައި ބުރަކަށި ޖައްސާލައިގެން އިށީނެވެ.
"ކީކޭ؟..." ކޮއްކޮގެ ގޮތް އެނގޭތީ ނެހާ އަހާލި އެވެ.
ޚާއްޞަ ވާހަކައެއް ދައްކަން ބޭނުންވެއްޖެނަމަ ނޯޔާ ދުވަހަކު ވެސް ނެހާއާ ކުރިމައްޗެއް ނުލާނެ އެވެ. ނަޒަރު ސީދާކޮށް ވާހަކައެއް ނުދައްކާނެ އެވެ. އެހެންވިޔަސް ދައްތައާ އޭނާގެ ސިއްރުތައް ޚިއްޞާކުރެ އެވެ. ކަންކަމުގައި ލަފާ ހޯދައެވެ.
"ސަބިއްތަ ކުޑަކޮށް ފަލަވެއްޖެ ދޯ." ނޯޔާ ވާހަކަ ފެށީ ދުރުދުރުންނެވެ. ނެހާ ޖަހާލީ ހިނިގަނޑެކެވެ.
"ވެދާނެ... އަބަދު ފެންނާތީ ފާހަގައެއް ނުވޭ." ނެހާ ބުންޏެވެ.
"ރިދާން... އަދިވެސް އެގޭގަތަ އުޅެނީ؟" ނޯޔާ އަހާލި އެވެ. އިހުނަށްވުރެ މިފަހަރު ނެހާގެ ހުނުން ބާރު ވެލި އެވެ.
"ދެން ތާތި..." ނޯޔާގެ ބުރަކަށި އަޅައިން ނެހާ ކުޑަކޮށް ކޮށްޕާލި އެވެ.
"އެ މޮޔަގަނޑު ދާނީ ކޮންތާކަށް." ނެހާ ބުންޏެވެ.
"މީހަކާ ވެސް ނީނދޭތަ؟" ނޯޔާ އިތުރަށް އަހާލި އެވެ.
"ނީނދޭ، އިންނާނެ ކުއްޖަކު ނުވެގެން ކަންނޭނގެ." ނެހާ ބުންޏެވެ.
"ތާތި މެރީ ކުރި ފަހުން އޭނާ ނާދޭތަ މިގެއަކަށް." ނޯޔާ އެނގެން ބޭނުންވި އެވެ.
"ނާދޭ މިހާރު، ވަރަށް ނުފެނޭ... ވެދާނެ އޭނަ ހިތު އަޅައިގެން އުޅުނު ކަންތައް ނުވީމަހެން." ނެހާގެ ވާހަކައިން ނޯޔާއަށް ތުންފިއްތާލެވުނެވެ.
"ކާކުގެ ކުދީންނެއް މިއަދު ސަބިއްތައާއެކު އެ ދިޔައީ؟" ނޯޔާ ވާހަކަ ބަދަލު ކޮށްލީ އެވެ.
"އެގޭ އަސްލަންގެ."
"އެއީ އެކައްލަ ސީރިއަސްވެފަ ރުޅި އައިސްފަ ބަލާ މީހާ ދޯ." ނޯޔާ ހަނދާން ކުރަމުން ބުންޏެވެ. އޭނާގެ އެ ސިފަ ކުރުމުން ނެހާ ކައިރިއަށް ހިނިއައެވެ.
ނެހާ އާނއެކޭ ބުނުމުން ނޯޔާ ތެދުވީ އެވެ. ނޫމާ ނިންދަވަން ނެހާ ތައްޔާރުވެލި އެވެ. އެހިނދު މަންމައަށް އެހީވާން ކަމުގައި ބުނެ ނޯޔާ އެބައިން ނުކުތީ ނެހާއަށް އުނދަގޫ ވެދާނޭތީއެވެ.
ފަސްބުރިއަށް ހުރި އެގޭގައި ލިފްޓެއް ނުހުރެ އެވެ. އެހެންވެ ސިޑީގެ ހަރުފަތްތަކުން މަޑުމަޑުން ފައިބައިގެން ނޯޔާ އައީ ފުރަތަމަ ފަންގިފިލާއަށެވެ. ހިނިތުންވެލައިގެން ހުރެ ތިރިއަށް ފޭބީ އޭނާ ކިޔަވަން ފުރުމުގެ ކުރީން އެގޭގައި ދިރިއުޅުނު ދުވަސްތަކުގެ ހަނދާންތައް ކުރަމުންނެވެ. ސަބީނާއާއި ނޯޔާގެ ޢާއިލާއާ ދެމެދު ގުޅުން އެހާ ބަދަހި އިރު ވެސް އެގޭ ކުއްޖަކަށް ނޯޔާމެންގެއަށް އައިސް ހެދީ ރިދާން އެކަންޏެވެ. އެހެންވެ ކިރިޔާ ވެސް އެކުވެރިކަމެއް އޮތީ ހަމައެކަނި ރިދާންއާ އެވެ. (ނުނިމޭ)