ކުޅިވަރު

ސަސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗަކަށް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފި އެވެ.

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ، ސަސްގެ ކޯޗްގެ މަގާމުގައ ކުރިން ހުރި، އަހްމަދު ނާޝިދު (ނާދު) އާއެކު ހަދާފައި އޮތް ކޮންޓްރެކްޓް ސަސް އިން ވަނީ އިއްޔަ އުވާލާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް، މޯހަން ހުރީ ކުލަބު އީގަލްސްގެ ކޯޗް ކަމުގަ އެވެ. އޭނާ އެ ޓީމުން ވަކިވީ، ނަތީޖާ ދަށް ވުމުން ކުލަބާ ވާހަކަ ދެއްކުމަށް ފަހު އެވެ. މެޗަކުން ބަލި ނުވެ، ނިއު ރޭޑިއަންޓަށް 2012ގެ ދިވެހި ލީގް ހޯދައިދިން ކޯޗް ވަނީ، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ އީގަލްސްއަށް ހޯދައިދީފަ އެވެ. އެއީ އީގަލްސްގެ ތާރީހްގައި ލީގްގައި އެ ޓީމަށް އެހާ ދުރަށް ދެވުނު ފުރަތަމަ ފަހަރެވެ.

ސަސް، ވެގެންދާނީ ފުރަތަމަ ޑިވިޝަންގައި މޯހަން ކޯޗް ކޮށްދޭ ފަސް ވަނަ ކުލަބަށެވެ. އޭނާ ވަނީ އީގަލްސް އާއި ނިއުގެ އިތުރުން ސްޓެލްކޯ، އާއި ވެލެންސިއާގައިވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑްރޭޝަންތަކުގެ ކޯޗިންގެ އެންމެ މަތީ ސެޓްފިކެޓް 'ޕްރޯ' ލައިސެންސް ހާސިލު ކުރި، މޯހަން ވަނީ ރާއްޖޭއިން ބޭރުގެ ކޯޗިން ކޯސްތަކުގައި ކިޔަވައި ދީފަ އެވެ.

އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ވަނީ، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ހޯދި ޓީމުގެ އެސިސްޓެންޓް ކޯޗް ކަން ކޮށްފަ އެވެ.

އިއްޔަ އާ ހަމައަށް ނާދުގެ ކޮންޓްރެކްޓް ސަސް އިން އުވާލީ ދެފަރްތް އެއްބަސް ވެގެން ކަމަށް އެ ކުލަބުން ބުނެ އެވެ. އެހެންނަމަވެސް ސަސްގެ ކޯޗްގެ ގޮތުގައި ހުރެ އެންމެ ފަހުން މީޑިއާ އާ ވާހަކަ ދައްކަމުން ނާދު ބުނީ، އޭނާ އަމިއްލައަށް ބޭނުންވެގެން މަގާމުން ދުރަށް ނުދާނެ ކަމަށާއި އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުލަބުން ކޮޓްރެކްޓް އުވާލުމުން އިއްޔަ ނާދު އާ އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ ފަހުން ސްޓޭޓްމެންޓެއް އާންމު ކުރާނެ ކަމަށެވެ. އިސްތިއުފާ ދިނީތޯ ނުވަތަ ކުލަބުން އިސްވެ ވަކި ކުރީތޯ ސުވާލު ކުރުމުންވެސް އެއަކަށް ޖަވާބެއް ނުދިނެވެ.