ޣައްސާން މައުމޫން

"ޕީޕީއެމް އޮތީ އެމްޑީޕީގެ ކެހިވެރިކަމުން ސަލާމަތް ކުރަން"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނިކުމެ އޮތީ އެމްޑީޕީގެ ކެހިވެރި ކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ޕީޕީއެމުން ރޭ ބޭއްވި މާލެ-ގުރައިދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޣައްސާން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ކައުންސިލް އިންތިހާބަށް އިދިކޮޅު ޕާޓީއަށް ކިތަންމެ ހުރަސްތަކެއް ކުރިމަތިކޮށް ކެންޕެއިން ކުރުމުގެ ހައްގު ނިގުޅައިގެންފައިވީ ނަމަަވެސް އެ ޕާޓީގެ މެންބަރުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޖަލުގައި ގިނިކަންޏާ ހުންނަވައިގެން ވެސް ރައީސް އަބްދުﷲ ޔާމީން ދައްކަވާ ހިތްވަރާއި ސާބިތުކަން ކަމަށެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޣައްސާން ވިދާޅުވީ ވަރަށް ހީލަތްތެރި ކަމާއި ހެއްލުންތެރި ކަމާއެކު އެމްޑީޕީން ރައްޔިތުން "ޅޮސް އުނދޯންޔަކަށް" އަރުވައިގެން އުޅޭތާ ލައްކަ އަހަރުވެއްޖެ ކަމަށެވެ. މިފަހަރުގެ އިންތިހާބަށް ޕީޕީއެމް ނިކުމެ އޮތީ އެ ކެހިވެރި ކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަަށެވެ.

"އަޅުގަނޑުމެން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ވަރަށް ސާބިތު ކަމާއެކު ތިބެގެން ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް 'މުންޑު އަރުވާ ޖަހާ މި ފޫ ގަޅަނީ'. އެމްޑީޕީ ވަރަށް ހީލަތްތެރިކަމާއި ހެއްލުންތެރިކަމާ އެއްކޮށް ރައްޔިތުން އަރުވައިގެން މިއުޅޭ ޅޮސް އުނދޯލިން ބާލަން. ދިވެހި ގައުމުގެ މިސްރާބު އަނެއްކާވެސް ތަރައްގީގެ މިސްރާބަށް އަބުރާލަން،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މި ގައުމު ފަހަތަށް ޖެހޭ ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުން ނިކުމެ ލާދީނީ ކަންކަން ފަތުރާ ކަމަށެވެ. އަދި އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އެމްޑީއެންއިން ނެރުނު ރިޕޯޓް ލިޔުމުގައި ބައިވެރިވި އެތައް ބަޔަކު މިއަދުވެސް ސަރުކާރުގެ އިސް މަގާމުގައި އެބަ ތިބި ކަމަށް ވިދާޅުވެ ޣައްސާން ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާގައި 2003 ވަނަ އަހަރުން ފެށިގެން ކޮންމެ ފަސް އަހަރަކުން މުޅި ގައުމަށް މާނަވީ ގޮތެއްގައި، ދީނީ ގޮތުން ބެލި ކަމަށްވިޔަސް އިޖްތިމާއީ ގޮތުން އަދި އިގުތިސާދީ ގޮތުން ކަމުގައިވިޔަސް ހީނަރު ކަމެއް އެބަ އާދޭ. ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް ދާތަން އެބަފެނޭ. މި ވެދާނެ ދެން މި ދެންނެވި ގޮތަށް އުސޫލީ ގޮތުންވާ ކަމެއް ކަމަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ގޮތުގައި މިކަމެއް މި ދިމާވަނީ ދިވެހި ދައުލަތް ހިންގުމާ ވަކި ބަޔަކު ހަވާލުވާ ދަނޑިވަޅެއްގައި،" އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.

ދިވެހި އިގްތިސާދު މި އޮތީ އޮއިނަނަށް އެއްލާފައި. ކަންނެލި ބޮލެއް އަޅާފައި އެއްލާފަ ދެން ބާއްވަނީ. ހިބަރެއް ގަތިއްޔާ ގަތީ. އެކަމަކު ފެންނަނީ ރޮނޑު ކައި ހުސްކުރާ މަންޒަރު
ޣައްސާން މައުމޫން | ޕީޕީއެމްގެ ނާއިބު ރައީސް

މި ޖަލްސާގައި ޣައްސާން ވަނީ ރައީސް ޔާމީންގެ އިގުތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި މި ސަރުކާރަށް ގައުމުގެ އިގުތިސާދު ކުރިއަށް ގެންދިއުމަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓްގެ ލިސްޓް ތަރުތީބުކޮށް ދެ އަހަރު ވެގެންދިޔައިރުވެސް ހަވާލުކުރެވިފައިނުވާ ކަމަށް ވިދާޅުވެ އިތުރަށް ތަރައްގީ ކުރަން ފެށުނު ފްލެޓް މަޝްރޫއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު މުޅީން ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހި އިގްތިސާދު މި އޮތީ އޮއިނަނަށް އެއްލާފަ. ކަންނެލި ބޮލެއް އަޅާފައި އެއްލާފަ ދެން ބާއްވަނީ. ހިބަރެއް ގަތިއްޔާ ގަތިއްޔާ. އެކަމަކު ފެންނަނީ ރޮނޑުކައި ހުސްކުރާ މަންޒަރު،" މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޣައްސާން ވިދާޅުވިއެވެ.