ވާހަކަ

ލޯބީގެ ނަމަކީ

(ދެވަނަ ބައި)

ތުއްތުތުއްތު އެ އަޑު ކަންފަތުގައި ޖެހުމުން ހިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. އަހަންނަށް ބަލައިލެވުނީ ގާތުގައި ހުރި ތުއްތު ކުއްޖާއަށެވެ. އެއީ ކުރިން ވެސް އަހަންނާ ވާހަކަދެއްކި ކުއްޖާއެވެ. ބޮޑު ހިނިތުންވުމެއް މޫނުމަތިން ފާއްދާލަމުން އޭނާ ބަލަހައްޓައިގެން ހުރީ ސީދާ އަހަރެންގެ މޫނަށެވެ.

"ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ. "އަނެއްކާ ދޮރު ހުޅުވާލަންވީތަ؟"

"ނޯޕް، ފޯނު ލިބިދާނެތަ؟" އެ މައުސޫމު ކުއްޖާ އަތް ދިއްކޮށްލަމުން ފޯނަށް އެދުނެވެ.

ހީވަނީ ދެކެފަރިތަ މީހަކު ވާހަކަދައްކާހެންނެވެ. އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. އެއްވެސް މީހަކު ބަލަންހުރިތޯއެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. ދެ ފިކުރެއްގައި އިނދެ އެ ކުއްޖާގެ މޫނަށް ބަލައިލެވުނެވެ.

"އެޔޯ؟" ދެ ހިޔާލެއްގައި އިނދެ އަހައިލެވުނެވެ.

"ގޭމް ކުޅެލަން. މަންމަ އަންނަންދެން."

އަހަރެން ގާތަށް ހިނިއަންނަ ގޮތްވިއެވެ. ސިކުނޑިއަށް ގިނަވަމުން ދިޔަ ސުވާލުތައް އެއްކޮށް ކެހުނެވެ. ހިނިތުންވެލަމުން ފޯނު ނަގައި އަންލޮކު ކޮށްލުމަށްފަހު އެ ކުއްޖާއަށް ދިއްކޮށްލީމެވެ. ފޯނު ދިނުމާއެކު އޭނާ ދުއްވާގަތީއެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާ ގޮސް އިށީނީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އަނެއްކާ ވެސް ކޮފީތަށީގައި ތުން ޖަހައިލީމެވެ. ކޮފީ ކޯވަރެއް އެތެރެއަށް ދަމާލެވުނެވެ. ކޮފީގެ މީރު ރަހައާއެކު އެއްކަލަ ހިޔާލުތައް ސިކުނޑީގެ ތެރެއިން ފޭދިގެން މަންޒަރުތަކެއް ސިފައަށް ބަދަލުވިއެވެ. ރައްޔާއާއެކު ހޭދަކުރެވުނު މަޖާ ވަގުތުތަކުގެ މަންޒަރުތަކުން ސިކުނޑި ފުރެމުން ދިޔައެވެ. ފަހަރަކު މަންޒަރެކެވެ. އެއް މަންޒަރު ނިމޭއިރަށް އަނެއް މަންޒަރެވެ.

"އެކްސްކިޔުއުޒްމީ ސަރ. އަޅުގަނޑުގެ ދަރިފުޅާ ހެދި ސަރއަށް ވަރަށް އުނދަގޫ ވެއްޖެދޯ! ހުރިހާ ކަމަކަށް ނިހާޔަތަށް މައާފަށް އެދެން."

ސިއްސައިގެން ގޮސް އަހަންނަށް ބަލައިލެވުނީ އަޑު އިވުނު ދިމާއަށެވެ. އެއީ އަންހެން އަޑެކެވެ. ރީތި ލުއި އަޑެކެވެ. ދަންނަ އަޑަކާ ވައްތަރުކަމުން ސުވާލުތައް އުފެދިގެން ދިޔައެވެ. އެއްފަހަރާ އެތައް ސުވާލެއް ސިކުނޑީގެ ތެރެއަށް އޮހިގަތެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާއަށް އަހަރެން އެނގެނީ ހެއްޔެވެ؟ ނޫނީ އަހަންނަށް އޭނާ އެނގެނީ ހެއްޔެވެ؟

އަހަންނަށް ބަލައިލެވުނީ މޭޒުމަތީގައި އޭނާ އަހަރެންގެ ފޯނު ބޭއްވުމުން ފޯނާ ދިމާއަށެވެ. ހޯލިތަކެއް ފަދަ އިނގިލިތަކަށެވެ. މަޑުމަޑުން މައްޗަށް ނަޒަރު ހިންގައިލީމެވެ. ހިމަ ރީތި ލޯލިތަކުން ޒީނަތްތެރިވެފައިވާ އަތްދަނޑިއެކެވެ. ކުއްލިއަކަށް އޭނާ ފަހަތަށް އެނބުރުނެވެ.

"ދަރިފުޅާ ހިނގާ އަވަހަށްދާން." އޭނާ ހިނގައިގަތީ އެ ކުއްޖާގެ އަތުގައި ހިފައިގެންނެވެ.

އަހަންނަށް މަންޒަރުތަކެއް ސިފަވާހެން ހީވާން ފެށިއެވެ. ވަށައިގެންވާ މާހައުލު އަހަންނާއެކު އެނބުރޭން ފެށިހެން ވެސް ހީވަމުން ދިޔައެވެ. ކުލަ ނުވެ ހުރި މަންޒަރުތަކެއް ކުލަވެ ސިކުނޑީގެ ތެރޭގައި ހަނދާންތަކެއް ތަކުރާރުވާ ހެން ވެސް ހީވާން ފެށިއެވެ. ދެ ލޯ މަރައިލީމެވެ. އަނެއްކާ ވެސް ލޯ ހުޅުވާލީމެވެ. އަހަންނަށް ސިފަވީ ރައްޔާއެވެ. އޭނާގެ ބައްޓަމެވެ. އެ ލޫޅާފަތި ހިމަ ތޮޅި ހަށިގަނޑެވެ. ކަޅުކަން ގަދަ ބުޅި އެއް އިސްތަށިގަނޑެވެ. ދެއަތަށް ބާރުކޮށްލެވުނެވެ. ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ދެ ފިކުރެއްގައި އިނދެ އަހަންނަށް ބެލުނެވެ. އެ ތުއްތު ކުއްޖާ އެނބުރިލިއެވެ. އަހަންނާ ދިމާއަށް ބަލައިމުން ހިނިތުންވެލިއެވެ.

"އެކްސްކިއުޒް މީ، މަޑުކޮށްލެވިދާނެތަ؟" ތުރުތުރުއަޅާ އަޑަކުން އަހަންނަށް ބުނެލެވުނެވެ.

އޭނާ ހުއްޓުނެވެ. އިރުކޮޅަކަށް މުޅި މަންޒަރު ވެސް ހުއްޓުނު ކަހަލައެވެ. އަހަންނަށް ބަލަން ހުރެވުނީއެވެ. އޭނާ ފަސްއެނބުރި އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ރައް... ރައް... ރައްޔާ؟" ބޭއިހުތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.

އަނގަހުޅުވި މީހާ ދެ ލޯ ބޮޑުވިއެވެ. ކުރިމަތީން ފެންނާން އެހުރީ ރައްޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ ރައްޔާއެވެ. އެ ސޫރައެވެ. ހިމަ ދިގު އެ މޫނެވެ. ދިގު ނޭފަތެވެ. ހިމަތޮޅި ދަތްދޮޅިއެވެ. ރައްޔާ އެނބުރިލާ އަހަންނާ ކުރިމަތިލިއެވެ.

"އެކްސްކިއުޒްމީ ސަރ، ކޮފީ ކެންސަލްކޮށްލައްވަނީތޯ؟" ފަހަތުން ވެއިޓަރުގެ އަޑު އިވުނެވެ.

"ދެ ކޮފީ ގެނެސްދީ." ފަހަތަށް ބަލައިލުމެއް ނެތި ދެ އިނގިލި ހިއްލައިލަމުން އަހަންނަށް ބުނެލެވުނެވެ.

އަހަންނަށް ހުރެވުނީ ރައްޔާގެ މޫނަށް ބަލާށެވެ. އެ މޫނުމަތީން ފެންނަމުން ދިޔަ ހައިރާންކަމުގެ ސަބަބުން ހުއްޓުން އަރާފައެވެ. ރައްޔާގެ ދެ ލޯ ބޮޑުވިއެވެ. އިރުގަނޑެއް ވަންދެން އަހަންނަށް އެގޮތަށް ހުރެވުނެވެ. ގަނޑުވެފައެވެ. ގުޑިލާން ވެސް ނޭނގިފައެވެ.
ރައްޔާ ކުރިއަށް ހިނގައިގަތެވެ. އަހަންނަށް އިޝާރާތްކޮށްލެވުނީ ކުރިން އަހަރެން އިން މޭޒާ ދިމާއަށެވެ. ރައްޔާ ގޮސް މޭޒުގައި ކައިރިއަށް މަޑުކޮށްލިއެވެ. އޭނާއާ އެކު އެ ތުއްތު ކުއްޖާ ވެސް ދިޔައެވެ. ރައްޔާގެ ފޯނު އެ ކުއްޖާގެ އަތަށް ދިނުމަށްފަހު ކުޑަކުދިންނަށް ހާއްސަ ދިމާއަށް އިޝާރާތްކޮށްލިއެވެ. އެ ކުއްޖާ ދުއްވާގަތެވެ. އަހަންނަށް ބަލަން ހުރެވުނީއެވެ.

"ސަރ ކޮފީ." ވެއިޓަރ ވައި އަޑުން އަހަރެންގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ ވެއިޓަރގެ މޫނަށެވެ. ލުއިގޮތަކަށް ހިނިތުންވެލަމުން ރައްޔާއާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެން އިށީނދެ ހަމަޖެހިލީމެވެ. ވެއިޓަރ ކޮފީތަށި ބެހެއްޓުމުން ހިނިތުންވެލައި ޝުކުރު އަދާކޮށްލީމެވެ.

ރައްޔާ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. ހައިރާން ކަމާއެކުގައެވެ. އަހަންނަށް ވެސް ބަލަން އިނދެވުނީއެވެ. ރައްޔާގެ މޫނުމަތިން ފެންނަމުން ދިޔަ އާދަޔާ ހިލާފު މަޑުމައިތިރިކަމުގެ ސަބަބުންނެވެ. ރައްޔާ ކަޅި ޖަހައިނުލައި އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. އަހަރެން ލަދު ގަންނަ ގޮތްވާން ފެށިއެވެ. ސިކުނޑި ތެރެއިން އިވެމުން ދިޔަ ބުން އަޑުތައް ކެނޑި މީހާ ހަމައަކަށް އެޅެމުން ދިޔައެވެ.

"ކިހިނެއް؟" އަހަރެން ހިތުގައި ހުރީ ޝަކުވާތަކެކެވެ.

ނަމަވެސް އަހަންނަށް ކުރެވުނީ ލުއި ސުވާލެކެވެ. ރައްޔާގެ މޫނަށް ބަލައިގެން އިނދެއެވެ. ބަދަލުގައި ރައްޔާ ދެތުންފަތަށް ބާރުކޮށްލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

"ކޮންތާކު ހުރިހާ ދުވަހަކު ތި އުޅުނީ؟ އަހަރެން ހާދަ ހޯދައިފީމޭ. ހާދަ އިންތިޒާރެއް ކޮށްފީމޭ. ވީނުވީއެއް ނޭނގި ރައްޔާ ގެއްލުމުން އަހަންނަށް ކުރާނެ އަސަރާއި އަހަންނަށް ލިބޭނެ ދެރަ ކީއްވެތަ އިހުސާސް ނުކުރެވުނީ؟ ކީއްވެތަ؟ ބުނެބަލަ. އެންމެ ފަހަރަކު ވެސް ވީގޮތް އަހަންނަށް އަންގައިލިނަމަ. އަހަންނަށް ހިއްސާކުރިނަމަ. ކީއްވެ ރައްޔާ ތިގޮތަށް ކަންތައް ކުރީ؟ ބުނެބަލަ ވާހަކަދައްކަބަލަ." ހިތުގައި ހުރި ޝަކުވާތައް އެއްފަހަރާ އަހަންނަށް އޮއްސާލެވުނެވެ.

ރައްޔާ ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. އަހަރެން ވާހަކަދެއްކި ގޮތުންނެވެ. އަހަންނަށް ވެސް ފަހުން އެކަން އިހުސާސްކުރެވުނެވެ. މާ ބާރަށް ވާހަކަދެއްކުނު ކަމެވެ. އަހަރެންގެ އަޑު މުޅިތަނަށް އިވުނުކަމެވެ. ނަސީބަކުން އެވަގުތު މާގިނަ ބަޔަކު ކޮފީ ޝޮޕްގައި ނެތެވެ.

ލަތުވެތި ކަމާއެކު އަހަންނަށް އިސްޖަހައިލެވުނެވެ. ކޮށި އަރާގޮތްވެ އަރުބެދޭހެން ހީވާން ވެސް ފެށިއެވެ. ދެފަހަރަކު ކޮށި އަރައިގެން ކަރު ކެހިލެވުނެވެ. މޭޒުމަތީގައި ހުރި ފެންފުޅި ކަނޑައިލަމުން ތަށްޓަށް ފެން އަޅައިދިނުމަށް ފަހު އަހަންނަށް ދިއްކޮށްލަދިނީ ރައްޔާއެވެ.

އަހަރެން އެއްނޭވާއިން ފެންތަށި ހުސްކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރައްޔާގެ މޫނަށް ބަލައިލީމެވެ. ރައްޔާ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. ވާނުވާ ނޭނގިގެން އިންނަ ކަހަލަ ގޮތަކަށެވެ. އޭނާގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އެތައް ސުވާލެއް އެ މޫނުމަތީން ފެންނާން ވެސް ހުއްޓެވެ.

"ކީއްވެތަ ބަސްމަދުވެފަ، އަހަރެންގެ ސުވާލުތަކަށް ޖަވާބުނުދީ ތި އިންނަނީ؟ ބުނެބަލަ. ވާހަކަދައްކަބަލަ،" ވައި އަޑުން އަހަރެން ބުނެލީމެވެ. "ކަންވީ ގޮތް ކިޔައިދިނުމަކުން، އަހަރެން ރައްޔާދެކެ ވީ ލޯތްބަކަށް ބަދަލެއް ނާންނާނޭ. ކޮންމެ ހާލެއް ދިމާވިޔަސް، ކޮންމެ ގޮތަކަށް ކަންތައް މެދުވެރިވިޔަސް، ރައްޔާ ނުބުންޏަސް އަހަރެން ރައްޔާއަށް މައާފު ވެސް ކޮށްފީމޭ. ވާހަކަދައްކަބަލަ."

ރައްޔާ އިސް ޖަހައިލިއެވެ. އޭނާގެ ތިރީ ތުންފަތުގައި އަމިއްލައަށް ދަތްޖައްސާ ބާރުކޮށްލިއެވެ. ކަނާއަތުން ކޮފީތަށި ނަގައި ތުނބުގައި ޖައްސާލިއެވެ.

"ރައްޔާއަށް އެނގޭތަ، އަހަރެން ކޮންމެ ދުވަހަކު، ކޮންމެ ރެޔަކު މިތަނަށް އައިސް، މި ކޮފީ ޝޮޕަށް ވަދެ އިނދެ ކޮފީއަކަށްފަހު ކޮފީއެއް ގެނެސް އޭގެ ވަހުން ރައްޔާ ހަދާންކުރާތާ ކިތައް ދުވަސް ވެއްޖެކަން. ރައްޔާއަށް އެނގޭތަ އެ ހަނދާންތަކާއި އެ އިހުސާސްތަކުން އަހަރެންގެ ނަފުސާއި ހިތް ތެޅިމަރުވާވަރު. ދިރިހުރެމެ އުފަލެއް ނެތި ރެއާއި ދުވާލުގެ ހުރިހާ ވަގުތެއް އަހަރެން މި ހޭދަކުރަނީ ދެވަނަ މީހަކަށް ޓަކައެއް ނޫން. ހަމައެކަނި ރައްޔާގެ ހަނދާނުގައި. ރައްޔާގެ ޚިޔާލުތަކުގައި. ރައްޔާ ވީތަނެއް ހޯދުމުގަ." ދެ ލޮލަށް ޖަމާވަނުން ދިޔަ ކަރުނަތައް ހިފަހައްޓައިލަމުން އަސަރާއެކު އަހަންނަށް ބުނެވުނެވެ. (ނުނިމޭ)