(ފަހުބައި)
އަހަރެން ހުއްޓައިލީ އަޑު ކެހެމުންދާހެން ހީވުމުންނެވެ. މޭޒުމަތީގައި ހުރި ފެންފުޅި ނަގައި އަހަރެންގެ ތަށްޓަށް ފެން އަޅައިދިނީ ރައްޔާއެވެ. ފެންތަށްޓަށް ބަލައިލަމުން ފެންކޯވަރެއް ބޮއެލީމެވެ. ބަދަލުގައި ރައްޔާ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. އަހަރެންގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. އޭނާގެ ދެ ލޮލަށް އަހަންނަށް ބަލައިލެވުނެވެ. ހަތަރު ކަޅި ހަމަވުމާއެކު އަހަރެންގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް އޮހިގަތެވެ. ކޯތާފަތް ހުރަސްކޮށް ތުނބުޅީގެ ތެރެއަށް ކަރުނަތައް ފޭދެމުން ދިޔައެވެ. އަހަންނަށް އެތެރެއަށް ނޭފަތް ދަމައިލެވުނެވެ. ރައްޔާގެ ދެލޮލަށް ވެސް ކަރުނަތައް ގިނަވަމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ.
"ރައްޔާ ޕްލީޒް ބުނެބަލަ. ވާހަކަދައްކަބަލަ، އަހަރެން ދޫކޮށްލައިފައި ރައްޔާ ދިޔައީ ކޮންތާކަށްތަ؟ މި ފާއިތުވެ ދިޔަ ފަސް އަހަރު އަހަރެން އެކަނި ކޮށްލައިފަ ރައްޔާ ދިޔައީ ކޮން މަޖުބޫރެއް އޮވެގެންތަ؟ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ވެސް އަހަންނަށް އަންގައިނުލައި ރައްޔާ ތި އުޅުނީ ކީއްވެތަ؟ ބުނެބަލަ، އަހަރެންގެ މި ސުވާލުތަކަށް ޖަވާބުދީބަލަ؟" އަހަރެން އާދޭހުގެ ރާގުގައި ރައްޔާއަށް ސުވާލު ކުރަމުން ދިޔައީމެވެ.
ނަމަވެސް އެއްވެސް ސުވާލަކަށް ރައްޔާ ޖަވާބެއް ނުދެއެވެ. އޭނާ ބަލަހައްޓައިގެން އިނީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލަ ދިރުވާލައެވެ. ދެތިން ފަހަރަކު އޭނާގެ ލޮލުގައި އިނގިލި ޖައްސާލިއެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތަ ހިފަހައްޓައިލަމުންނެވެ. އަހަންނަށް ވެސް ހިންދިރުވާލެވުނެވެ.
"އަހަރެން ނުބުނާނަމޭ ރައްޔާ އަހަންނަށް ބޭވަފާތެރިވީއެކޭ. އަހަރެން ނުބުނާނަމޭ ރައްޔާ އަހަންނަށް އޮޅުވާލީއެކޭ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެއް. ހަމަ އެންމެ ސުވާލެއް، "ފުން ނޭވާއެއް ދޫކޮށްލަމުން އަހަންނަށް ބުނެލެވުނެވެ. "ރައްޔާ އަހަންނާ ވަކިވެ ފިލައިގެން ތިޔަ އުޅެނީ ކޮން މަޖުބޫރެއް އޮވެގެން؟ މި ސުވާލަށް ޖަވާބުދިނުމުން އިތުރު އެއްވެސް ސުވާލެއް، އެއްވެސް ވާހަކައެއް ނުދައްކާނަން."
"މަންމީ ގުރޭންޑްމާ ގުޅައިބަ." އަހަރުމެންގެ ދެމެދުގައި އޮތް ހިމޭންކަން ފޫ އަޅުވާލީ ރައްޔާގެ ދަރިފުޅުގެ ނިޔަނެތި އަޑުންނެވެ.
އޭނާ ފޯނު ގެނެސް ރައްޔާއަށް ދިއްކޮށްލިއެވެ. ރައްޔާ ލުއި ގޮތަކަށް ހިނިތުންވެލަމުން އެ ކުއްޖާގެ ކޮލުގައި ހިފައިލިއެވެ. ގޮނޑިންތެދުވެ އަހަންނާ ދިމާ ބަލައި ވެސް ނުލައި ހިނގައިގަތެވެ. އަހަންނަށް ވެސް ކޮޅަށް ތެދުވެވުނެވެ. ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކާއެކު ޝަކުވާގެ އޮއިވަރެއް ސިކުނޑިއަށް ގިނަވުމުންނެވެ.
"ކޮއްކޯ މަޑުކޮށްލަބަލަ." އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަރެން ތިރިވެލީ ރައްޔާގެ ދަރިފުޅާ ދިމާއަށެވެ.
ރައްޔާއަށް ލިބުނު ކުއްލި ސިހުމާއެކު އޭނާއާއި ދަރިފުޅު ހުއްޓުނެވެ.
"ކޮން ނަމެއްތަ ކޮއްކޮއަށް ކިޔަނީ؟" ކުރަކި ވެފައިވާ އަޑަކުން އަހަންނަށް އަހައިލެވުނެވެ.
"ކޮއްކޮގެ އަސްލު ނަމަކީ މަރިޔަމް ރަމްސާ. ލޯބިވާ ކުދިން ކިޔާނީ ރަމް. މަންމީ ކިޔާނީ ދޫނިގަނޑު." ހިނިތުންވެލަމުން ރަމްސާ ބުނެލިއެވެ.
"އެހެންތަ؟ އަންކަލް ވެސް ކިޔަންވީ ދޫނިގަނޑު ތަ؟" ރަމްސާއާ ދިމާއަށް ތިރިވެލަމުން އޭނާގެ ލޯބިލޯބި ކޮލުގައި ހިފައިލީމެވެ.
"އަންކަލް ބޭނުންގޮތެއް ދޯ މަންމީ."
"އަންކަލް ވެސް ކިޔާނީ ދޫނިގަނޑު،" އަހަރެން ބޭނުވާ ދިމާއަށް ރަމްސާގެ ވާހަކަ ބައްޓަންކުރާން ބޭނުންވިއެވެ. "ކޮއްކޮ ބޭނުންވަނީ ކޮން އެއްޗެއް؟"
"އައިސްކުރީމް އޯ މެގްނަމް." ރަމްސާ ބަލައިލީ ރައްޔާގެ މޫނަށެވެ.
ރައްޔާ ދެތުންފަތަށް ބާރުކޮށްލަމުން ދެފަރާތަށް ބޯހޫރައިލިއެވެ.
"މަންމި ހުއްދަ ނެތިއްޔާ ރަމްއަށް އެއްވެސް އެއްޗެއް ނުލިބޭނެ." ރަމްސާ މާޔޫސްކަމާއެކު ބުނެލިއެވެ.
"ކޮއްކޮގެ މަންމިއަށް ކިޔަނީ ކޮން ނަމެއްތަ؟" އަހަރެން ބަލައިލީ ރައްޔާގެ މޫނަށެވެ.
"އާމިނަތު ރަމްސާ. އެކަމަކު ކޮއްކޮ ކިޔަނީ މަންމި." ރަމްސާ ހިނިތުންވެލިއެވެ.
"ކޮއްކޮއަށް ވެސް ރަމްސާ، މަންމިއަށް ވެސް ރަމްސާ؟" އަހަންނަށް ސުވާލުކޮށްލަމުން ބަލައިލެވުނީ ރައްޔާގެ މޫނަށެވެ.
"ދެކުދިން ނަން ވެސް ކިޔަނީ އެއް ނަމެއްދޯ މަންމީ. އެކަމަކު މީ މަންމިގެ ދޫނި، އެއީ ކޮއްކިގެ މަންމި،" ރަމްސާ އަތުން އިޝާރާތްކޮށްލަމުން ބުނެލިއެވެ. "އަންކަލްއަށް ކިޔަނީ ކޮން ނަމެއްތަ؟"
"ބޭބެއަށް ކިޔަނީ ނިޝާން." އަހަރެން ރައްޔާގެ މޫނަށް ބަލައިގެން ހުރެ ބުނެލީމެވެ.
"ކޮބާ ކޮއްކޮގެ ބައްޕި؟"
"ރަށުގަވީ؟ ކޮއްކޮ އިންޑިޔާއިން އައީ އެހެންވީމަ. ކޮއްކިއަށް އަދި ބައްޕި ނުވެސް ފެނޭ. ބައްޕި ހުންނަ ގޮތެއް ވެސް ނޭނގޭ. މަންމި ބުނީ އަދި ބައްޕި ފެންނާނޭ. އެކަމަކު ކޮއްކިގެ ކުލާސް ކުދިން ބުނީ ބައްޕި ނުފެންނަނީ މަރުވީމައޭ. އެހެންވާނެތަ؟" ރަމްސާ ފެންކަޅިވިއެވެ.
އަހަރެން ވެސް ހިތުގައި ޖެހުނެވެ. ރަމްސާގެ ދެލޯ ފޮހޮލަމުން އަހަރެން ތެދުވެ ހިންދެމިލީމެވެ. އޭނާގެ އަތުގައި ހިފައިގެން ކައުންޓަރު ކައިރިއަށް ގޮސް މެގުނަމެއް ދިނުމަށް އެދުނީމެވެ. ރަމްސާ ބަލައިލީ ރައްޔާގެ މޫނަށެވެ. އޭނާ ހިންދިރުވާލިއެވެ.
"ހިނގާ ބޭރަށް މެގުނަމް ބޯން ދޯ." އަހަރެން ހިނގައިގަތީ ރަމްސާގެ އަތުގައި ހިފައިގެންނެވެ.
ރައްޔާ ވެސް އަހަރެންގެ ފަހަތުން ހިނގައިގަތެވެ.
"ދޫނި ގޮނޑީގައި އިށީނދޭ. މަންމި މިތާ މަޑުކޮށްލާނަން." ރައްޔާ އިޝާރާތްކޮށްލީ ބަގީޗާ ތެރޭގައި ހުރި ގޮނޑިއަކަށެވެ.
ރައްޔާގެ ވޮލެޓު ނެގިއެވެ. އައިޑީ ކާޑު ނަގައި އަހަންނަށް ދިއްކޮލިއެވެ. އަހަންނަށް ބަލައިލެވުނީ ރައްޔާގެ މޫނަށެވެ. އޭނާ ނިތުން އިޝާރާތްކޮށްލީ އެއަށެވެ. އައިޑީ ކާޑުގައިވާ ނަމާއި އެޑްރެސް އަހަންނަށް ކިޔައިލެވުނެވެ. އެއީ ރައްޔާއެއް ނޫނެވެ. ރަމްސާއެވެ. ނަމަވެސް އެއީ ރައްޔާގެ އެޑުރެހެވެ. އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނީ ރަމްސާގެ މޫނަށެވެ.
"އުއްމީދުކުރަން ހުރިހާ ހަގީގަތެއް ސާފުވެއްޖެ ކަމަށް،" ރަމްސާ ކުރިއަށް ޖެހިލަމުން ބުނެލިއެވެ. "ރައްޔާއަކީ އަހަރެންގެ ދޮންތަ، އަހަރުމެންމީ އެއް ނިބޫ ދެމީހުން. ހުރިހާ ދުވަހު އަހަރެން އުޅުނީ ރާއްޖެއިން ބޭރުގައި، އިންޑިޔާގައި."
"ދެން ކޮބާ ރައްޔާ؟" އަހަންނަށް ކެތެއް ނުވެވުނެވެ.
"ނިޝާން އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ގޮސް ހުއްޓާ ދޮންތަ ވަރަށް ބޮޑަށް ބަލިވި. އެކަން ނިޝާނަށް ނާންގާ ޓެސްޓުތައް ހެދީ. ދޮންތައަކީ ޑޮކުޓަރުން އިންޒާރުދީފަ ހުރި މީހެއް." ރަމްސާގެ އަޑު ކުރަކިވަމުން ދިޔައެވެ.
"ކޮން ޓެސްޓެއް؟ ކޮން އިންޒާރެއް؟" އަހަންނަށް ކެތެއް ނުކުރެވުނެވެ.
"މާބަނޑުވެއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ." ރަމްސާ އަޑު ބެދުނެވެ.
"މާނައަކީ ބަލިވީ، މާބަނޑުވުމުންނޭތަ؟" އަހަންނަށް ރޮވޭގޮތްވިއެވެ.
"އާނ! ދޮންތަ ބޭނުންވީ މިކަން ސިއްރުކުރާން. ނިޝާނަށް އެއްވެސް އެއްޗެއް ނާންގާ މިކަން ފޮރުވާން. އެހެންވެ އޭނާ ފުރައިގެން އަހަރުމެން ގާތަށް އައީ،" ރަމްސާ ގިސްލަމުން ގިސްލަމުން ކިޔައިދިނެވެ. "އަހަރެން ބުނިން އެއީ ގޯހެކޭ ވެސް. އެގޮތަށް ކަންތައް ކުރީމަ ނިޝާނަށް ކުރާނެ އަސަރާމެދު ވިސްނަންވާނޭ ވެސް. އެކަމަކު ދޮންތަ ބޭނުންވީ ނިޝާނަށް އެއްވެސް ކަމެއް ނާންގަން. ސިއްރުކުރާން. އޭނާ މާލެ އައީ ވެސް އަހަރުމެންނާ ސިއްރުން. ކާވެންޏަށް ބައްޕަ އެއްބަސްވީ ވެސް އެނޫން ގޮތެއް ނެތުނީމަ. މި ދުވަސް އަންނާނެކަން އެނގޭތީ. އެކަމަކު މިއިން އެއްވެސް ކަމެއް ނިޝާނަށް ނޭނގޭނެކަން ވެސް އަހަންނަށް އެނގޭ."
"މާނައަކީ؟" އަހަންނަށް ސާފު ނުވުމުން އަހައިލެވުނެވެ.
"ދޮންތަ ބޭނުންވަނީ އޭނާ ދުނިޔޭގައި އުޅުނު ކަމުގެ ނިޝާނެއް. އޭނާ މަރުވެ ދިޔުމުގެ ކުރިން ދަރިއަކުން އުފަން ކުރާން." ރަމްސާ އަހަންނާ ދިމާއަށް އެނބުރުނެވެ.
"މާތްކަލާކޯ، ކޮންފަދަ އިމްތިހާނެއް؟ ކޮންފަދަ މަތިވެރި ގުރުބާނެއް؟" އަހަންނަށް ތަކުރާރުކޮށްލެވުނެވެ.
"ނިޝާން ޕްލީޒް، ދޮންތައަށް މައާފުދީ. އެފަކީރު ވަރަށް ހާލުގައި، ވަރަށް ވޭނުގައި އުޅުނު. ނިޝާންގެ ހަނދާންތަކާއެކު އެތައް ދުވަހެއް ވަންދެން ކެތްތެރިވި، ހޮސްޕިޓަލުގައި އެޑްމިޓްވެ އޮވެ ވަރަށް ހާލުގައި އުޅުނު ފަހުން ދަރިއަކު އުފަންވީ. މިހުރިހާ ކަމެއް، މިހުރިހާ މަންޒަރެއް ފެނުނު މީހަކީ އަހަރެން. ދޮންތައަށް ބަދުބަހެއް، ނިކަމެތި ލަފުޒެއް ބުނާއަޑު އިވެން އަހަރެން ހިތަށް ކެތެއް ނުކުރެވޭނެ. ޕްލީޒް ދޮންތައަށް މައާފުދީ." ރަމްސާ ގިސްލެވެން ފެށުނެވެ.
އަހަންނަށް ބޭއިހުތިޔާރުގައި އޭނާގެ ކޮނޑުގައި ހިފައިލެވުނެވެ. އަހަރެންގެ މޭގެ ތެރޭގައި ރަމްސާ ލައްކޮށްލެވުނެވެ. ރަމްސާ ވެސް އަހަރެންގެ މޭގެ ތެރެއަށް ބޮނޑިވެލިއެވެ.
"ރައްޔާ ނެތް ދުނިޔެއެއްގައި އަހަރެން ބޭނުންވަނީ ރަމްސާ. އަހަރެންގެ ދަރިފުޅަށް މަންމައެއްގެ ލޯބިދިން މީހާ. އަހަރެންގެ އަންހެނުން ކުރި ހަނގުރާމައިގައި މަދަދުވެރިވި މީހާ. ދޮންތައަށް ޓަކައި އާއެކޭ ބުނޭ. ދޮންތަގެ ދަރިފުޅުގެ ހައްގުގައި އާއެކޭ ބުނޭ." އަހަރެން ލޮލުން ކަރުނަތައް އޮހިގަތެވެ.
ރަމްސާ ވެސް އަހަރެން މޭގައި ބޮނޑިވެގެން އޮވެ ރޮމުން ގިސްލަމުން ދިޔައެވެ. ތުއްތު ތުއްތު ރަމްސާ އަހަރެންގެ ފައިގައި ހިފައިލިއެވެ. އަހަންނަށް ބަލައިލެވުނީ އެ މޫނަށެވެ. އެއީ ސީދާ އަހަރެންގެ ދެ ލޮލެވެ. ރައްޔާގެ ދެ ތުންފަތެވެ. އަހަންނަށް ބޭއިހުތިޔާރުގައި ތިރިވެ ރަމްސާގެ މޫނަށް ބޮސްދެވުނެވެ.
އެންމެ ފުރަތަމަ އެ މޫނު ފެނުމުން ވެސް އަހަރެން ވިންދުތަކުން އެ ބުނެދިން ވާހަކައަކީ އެއީއެވެ. އަހަރެންގެ ސިކުނޑި ކިޔައިދިން ފަސާނާއަކީ އެއީއެވެ. އަހަންނަށް އެކަން ތަރުޖަމާކުރަން ނޭނގުނީއެވެ.
"ދަރިފުޅާ މީ ދަރިފުޅުގެ ބައްޕައޭ. ދަރިފުޅުގެ ބައްޕައޭ." ރަމްސާގެ މޫނުގައި ބޮސްދެމުން އޭނާގެ ބުރަކަށީގައި ފިރުމަމުން އަހަންނަށް ބުނެވުނެވެ.
އިރުކޮޅެއް ފަހުން އަހަރެން ތެދުވެ ރަމްސާގެ މޫނަށް ބަލައިލީމެވެ. ފެންކަޅިވެފައިވާ ދެ ލޮލުން އަހަންނާ ދިމާ ބަލައިލިއެވެ. އަހަރެން މަޑުމަޑުން ރަމްސާގެ ދަތްދޮޅީގައި ހިފައި ހިއްލައިލީމެވެ.
"ކޮބާ ޖަވާބަކީ؟" ކުރަކިވެފައިވާ އަޑަކުން އަހަރެން ބުނެލީމެވެ.
"ލޯބީގެ ނަމަކީ.." ރަމްސާ ކިޔައިލީ ރައްޔާގެ ޖުމުލައެކެވެ.
"ކޮފީ." އަހަރެން ޖުމުލަ ފުރިހަމަކޮށްލީމެވެ.
އަހަރުމެން ދެމީހުންނަށް ވެސް އެއްބަސްވެވުނު އެއްކަމެއް އޮތެވެ. އަހަރުމެންގެ ދިރިއުޅުމުގެ ބިންގަލެއްގެ ގޮތުގައި ރައްޔާގެ ހަނދާންތައް ހެދުމެވެ. ރައްޔާގެ އަސަރުތައް އަހަރުމެންގެ ދިރިއުޅުމުން ކުލަ ކުރާށެވެ. އެހެންވެ އަހަރުމެންގެ ލޯބީގެ ނިޝާނަކަށް ހެދީ ރައްޔާގެ ހޮވުންތަކެވެ. އޭނާގެ ރަހަތަކެވެ. އެއީ ލޯބީގެ ކޮފީއެވެ. މިއީ ވެސް ހަމަ އެ ކޮފީއެވެ. ލޯބީގެ ނަމަކީ ކޮފީއެވެ. (ނިމުނީ)