ޗެލްސީ

ޗެލްސީ ބަލިކޮށް ލެސްޓާ އެއް ވަނައަށް

ޗެލްސީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ މަގާމަށް ލެސްޓާ ސިޓީ ޖެހިލައިފި އެވެ.

ލެސްޓާ އަކީ ލީގްގެ ތައްޓަށް ވާދަ ކުރާނެ އެއް ޓީމުގެ ގޮތުގައި މިހާރު ހިމެނޭ ޓީމެކެވެ. އެ މަގާމުގައި އޮންނާނެ ކަމަށް، ސީޒަން ފެށުމުގެ ކުރިން ހީކުރެވުނު ޓީމަކީ، ޓްރާންސްފާ މާކެޓްގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަ ކުރި ޗެލްސީ އެވެ. އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ ދެ މެޗުންނެވެ. އެ ޓީމު އޮތީ އަށް ވަނައިގައި ލެސްޓާ އަށް ވުރެ ނުވަ ޕޮއިންޓް ފަހަތުގަ އެވެ.

ކޯޗް ފުރޭންކް ލަމްޕާޑްގެ ކުރިމަގާ ބެހޭގޮތުން އިތުރަށް ސުވާލު އުފެދުނީ އެވެ. އަވަސް އަވަހަށް ބަދަލު ކުރާ، ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ކެތްތެރިކަން ކިހާހިސާބަކަށް ހިފަހައްޓާލެވޭނެ ބާވަ އެވެ. މި ސީޒަނަށް އަގުބޮޑުކޮށް ގެނައި ދެ ކުޅުންތެރިން ކަމަށްވާ ޓިމޯ ވާނާ އާއި ހާކިމް ޒިޔެޝް ބެންޗަށް ލުމަށް ފަހު ލަމްޕާޑް ވަނީ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކައި ހަވަޓްޒް އަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

ފަސް އަހަރު ކުރިން، ލެސްޓާ ޕްރިމިއާ ލީގް ހޯދިއރު މުހިންމު ދައުރެއް އަދާ ކުރި އެންގޯލާ ކަންޓޭއަށް އަނިޔާވެފައި ވުމުން ޗެލްސީން މެޗަށް ނެގި ސްކޮޑްގައި އޭނާ ހިމަނާފައެއް ނުވެ އެވެ. ލެސްޓާ މޮޅު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރީ ކަންޓޭގެ ބެލެހެއްޓި މިޑްފީލްޑްގެ ރޯލް ފޫބައްދަން ގެނައި ވިލްފުރެޑް އެންޑީޑީ އެވެ.

ލެސްޓާގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެންޑީޑީ ކަމިޔާބު ކުރީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. އޭރިއާ ބޭރުގައި ހުރެފައި އެންޑީޑީ ވަނީ ބޯޅަ ފޮނުވާލާފަ އެވެ. ކުޅުންތެރިންގެ ތެރެއިން ފުރޭނިގެން ދިޔަ އެ ބޯޅަ ގޯލަށް ވަނީ ދަނޑިގައި ޖެހިލާފަ އެވެ. ލެސްޓާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފު ނިމުގެ ކުރިން ކާމިޔާބު ކުރީ ޖޭމްސް މެޑިސަން އެވެ.

މެޗުގައި ޗެލްސީއަށް ދިރުމެއް ލިބުނީ ކެލަމް ހޮޖްސަން އޮޑާއި ފޮނުވާލި ހަމަލައެއް ގޯލްގެ އަރިމަތީ ދާގަނޑަށް އަމާޒު ވުމުންނެވެ. ޗެލްސީއަށް ޕެނަލްޓީއެއް ލިބުނު ކަމަށްވެސް ހީކުރެވުނެވެ. ޖޯނީ އީވަންސް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައ ކްރިސްޓިއަން ޕުލްސިކް ލެސްޓާގެ އޭރިއާ ތެރެއަށް ވެއްޓުނެވެ. ވީއޭއާރް ރިވިއު ކުރުމުން ވެސް ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ ކަމެއް ހިނގާފައިވާކަން ފާަހަގަ ނުކުރެވުނެވެ.

ދެ ވަނަ ހަފުގައި ޗެލްސީން ނެގި ހިލޭ ޖެހުން ޒިޔެޝް އޭރިއާ ތެރެއަށް ނަގައިދނުުމުން، ވާނާ ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ވާނަ އޮފްސައިޑްގައި ހުރުމުން އެ ގޯލް ބަލައެއް ނުގަތެވެ.