އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ތާރީހު އެކުލެވޭ ފޮތެއް ނެރެފި

މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިއުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާ ކޮށްފި އެވެ.

މި ފޮތް އެ މަނިކުފާނަށް އަރުވާފައި ވަނީ އެކަމަށް ހާއްސަ ކޮށްގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ. މި ފޮތް އެމަނިކުފާނަށް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް ޝާއިއު ކޮށްފައިވާ ފޮތެކެވެ. މި ފޮތުގައި އެ ކުންފުނީގެ 25 އަހަރުގެ ދިގު ތާރީހުގައި ހާސިލު ކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީ އަށް 25 އަހަރު ފުރުމާއި ގުޅިގެން މިއަދު ވަނީ އެ ކުންފުނީގެ ލޯގޯ އަށް ވެސް ބަދަލެއް ގެނެސް އެ ލޯގޯ އަލުން އިފްތިިތާހު ކޮށްފަ އެވެ.