ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިންޑިއާ ވެކްސިނާމެދު އިދިކޮޅުގެ ކަންބޮޑުވުންތަކެއް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ގަބޫލު ކޮށްފައިވާ ވެކްސިނެއް ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ އިސްކަންދޭ، އެއްކަމަކަށް ވާތީވެ، ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެ ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމިއްޔާއިން ކަށަވަރު ކޮށްދީފައިވާ ވެކްސިނެއް ކަމަށެވެ. އަދި ދުނިޔޭގެ ސިއްގަތު ޖަމިއްޔާއިން ވަނީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ވެކްސިން ތަކެއް ހާމަކޮށްފައި ކަަމަށްވެސް ބުންޏެވެ.

ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާއި ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމުން އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަންސް އާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.

"..ނަމަވެސް، ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއު އެޗް އޯއިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫންކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައި. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މި ވަގުތު ހުރި ވެކްސިން އެއް. އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށްވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވޭ،" ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށާއި ވެކްސިން އެއް ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.