ދުނިޔެ

މުސްލިމުން އެމެރިކާއަށް އެތެވުން މަނާވެކޮށްފައި އޮތް އޮތުން ބައިޑަން ބާތިލުކުރައްވަނީ

މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށް ޓްރަމްޕް ސަރުކާރުން އަމަލުކުރެއްވި އުސޫލުތައް ބާތިލުކުރެއްވުމަށްޓަކައި ރިޔާސި އަމުރެއްގައި ބައިޑަން ސޮއިކުރައްވާނެ އެވެ. އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ޓްރަމްޕް އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން ޒިޔާރަތްކުރުން ވަނީ މަނާކޮށްފަ އެވެ.

އެމެރިކާ އަކީ ރައްކާތެރި ގައުމަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުގައި ޓްރަމްޕަށް ހުރަސް ކުރެއްވުނީ ނުބައި އޮޅިގަނޑެކެވެ. މިގޮތަށް ނިންމެވުމުގެ ސަބަބުން ދުނިޔެ އުތުރިއަރައިގަތެވެ. ވަކި ބަޔަކަށް އަމާޒުކުރައްވައި ނެރުއްވި އަމުރުގެ ސަބަބުން، ރުޅިވެރިކަމާއި ނަރުފަތު ފިޔަވައި ޓްރަމްޕަށް ޒައްރެއް ވެސް ލިބިވަޑައިނުގަތެވެ.

ޓްރަމްޕްގެ މި ނިންމެވުން ރަނގަޅު ނޫން ކަމަށް ދަށުކޯޓުން ކަނޑައެޅުމުން ވެސް ހުއްޓާނުލައްވައި ކުރެއްވި މަސައްކަތްތަކުން ސްޕްރީމް ކޯޓުން ރުހުން ލިބިލެއްވި ނަމަވެސް ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އެއީ މުސްލިމުންނަށް ދަތިކުރަން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެއީ އެމެރިކާ ހިމާޔަތްކުރެއްވުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގެންފައި ވާތީ ނެރުއްވި އަމެއް ކަމަށެވެ. މި އަމުރުގައި އެމެރިކާއަށް އެތެރެވުން މަނާވެފައި ވަނީ އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޕޮޓަސް ޓްވީޓާ އެކައުންޓުން ޓްވީޓްކުރައްވައި މަސައްކަތް ފެއްޓެވިކަން ވިދާޅުވަނީ

މިއަމުރު 2020 ގައި ފުޅާކޮށް ސޫދާން އާއި ނައިޖީރިއާ ވެސް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވައި ވާހަކަދައްކަވާއިރު ދެވަނަ މާނައެއް ދޭހަވާ ގޮތަށް ބަސްވިދާޅުވެ ވިދާޅުވެފައި ވަނީ އެމެރިކާ އަކީ މުސްލިމުންގެ ކިިބައިން ސަލާމަތްވެފައި އޮތް ގައުމަކަށް ހައްދަވާނެ ކަމަށެވެ.

ބައިޑަންގެ ޓީމުން ޚަބަރުލިބޭ ގޮތުން އަދި އިތުރު 16 އަމުރެއްގައި ވެސް ބައިޑަން ސޮއިކުރައްވާނެ އެވެ. އޭގެ ތެރޭގައި ކޮވިޑުން އަރައިގަތުމާއި އިގުތިސޯދާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ. ބައިޑަން ހުވާކުރައްވާ ފުރަތަމަ ދުވަހު ވެސް ޔޫއެސް-މެކްސިކޯ ބޮޑު ފާރު ރޭނުން ހުއްޓުވާނެ ކަމަށްވެ އެވެ.

ޓްރަމްޕް ސަރުކާރުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލުތައް ވެސް ބައިޑަން އުވާލައްވާނެ ކަމަށްވެ އެވެ.