ރެއާލް މެޑްރިޑް

ތިންވަނަ ޑިވިޝަން ޓީމެއް އަތުން ބަލިވެ ރެއާލް ކަޓައިފި

ތިން ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްކޮޔާނޯ އަތުން 2-1 ބަލިވެ، ވަރުގަދަ ރެއާލް މެޑްރިޑް ސުޕެނީޝް ކަޕުން ކަޓައިފި އެވެ.

ގަދަ 16 އިގެ ބުރުގައި ރެއާލް ކުޅެން ޖެހުނީ ވެލެންސިއާ ސިޓީއަށް ނިސްބަތްވާ އަލްކައިގައި ހުންނަ ކުޑަ ސްޓޭޑިއަމްގަ އެވެ. ދަނޑުގެ ވިނަގަނޑު އޮތީ ހަލާކު ވެފަ އެވެ. އެ ލެވަލްގައި އޮތް ޓީމެއް އަތުން ރެއާލް ބަލިވެ ކަޕުން ކަޓަައިގެން ދިއުމުން އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ ކުރިމަގާ ބެހޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.

ޒިދާން ބުނީ، އަބަދުވެސް މެޗުން ބަލިވުމުން އޭނާގެ ކުރމަގާ ބެހޭގޮތުން ސުވާލު އުފަދާ ކަމަށެވެ. އޭނާގެ ކުރިމަގާ ބެހޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމަށް ޒިދާން ބުންޏެވެ.

"އަހަރެމެން ބަލިވީމަ އަބަދުވެސް އަހަރެންގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކާނެ،" މެޗަށް ފަހު އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން ޒިދާން ބުންޏެވެ. "އަހަރެން މިހުރީ ހަމަޖެހިގެން.. އަހަންނަށް ހީ ވަނީ ކުޅުންތެރިންގެ އިތުބާރު އަހަންނަށް އެބައޮތް ހެން. އަހަރެމެން މަސައްކަތް ކުރިން. ދަނޑުމަތީގައި ތިބޭއިރު ކުޅުންތެރިންވެސް ބޭނުން ވާނެ މޮޅު ވާން."

ރެއާލް ފުރަތަމަ ހާފުގައި ނެގި ލީޑާ އެކު މެޗުގެ ފަހު 10 މިނެޓާ ހަމައަށް ދިޔައިރުވެސް އޮތީ ލީޑްގަ އެވެ. އަލްކޮޔާނޯ އިން ނަތީޖާ ހަމަހަމަ ކުރީ 80 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ރެއާލް އަށް ލީޑް ނަގައިދިނީ، އެޑާ މިލިޓާއޯ އެވެ. މާސެލޯ ވިއޭރާ އޭރިއާ ތެރެއަށް ނެގި ހިލޭ ޖެހުން މިލިޓާއޯ ބޮލުން ވައްދާލީ ގޯލްގެ ތެރެއަށެވެ. މެޗުގެ 80 ވަނަ މިނެޓްގައި އަލްކޮޔާނޯ އިން ނަތީޖާ ހަމަހަމަ ކުރީ ހޯޒޭ ސޮލްބެސް އެވެ. މެޗު އެއް ވަރުމުން އިތުރު ވަގުތުގެ ދެހާފަށް ގޮސް ދެ ވަނަ ހާފުގައި އަލްކޮޔާނޯގެ ރާމޮން ލޯޕޭޒް އަށް ދެ ވަނަ ރިނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، އަލްކޮޔާނޯއިން މެޗުން މޮޅުވި އެވެ. ރާމޮން އަށް ރަތް ކާޑޫ ދެއްކިތާ ފަސް މިނެޓް ފަހުން ހުއަނާން ވަނީ އަލްކޮޔާނޯ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.