ލައިފްސްޓައިލް

ކިރުދީފައި ވައި ނުލައްވާ ބޭއްވި ކުއްޖެއް މަރުވެއްޖެ

އެންމެ މަހެއްވީ ތުއްތު ކުއްޖަކު ނޭވާ ހާސްވެގެން މަރުވި މައްސަލައެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާ ފުލުހުން ވަނީ ބަލަން ފަށައިފި އެވެ.

އެ ރަށުގައި ދިރިއުޅޭ އިންޑިޔާ ދެމަފިރިއެއްގެ މި ކުއްޖާ މަރުވީ މައިމިހާ ގާތުން ކިރުދީފައި އެނދުގައި ބާއްވާފައި އޮއްވައި ނޭވާ ހާސްވެގެން ކަމަށް ޝާރްޖާ ފުލުހުން ކައިރީ އެ ކުއްޖާ މަންމަ ބުނެފައި ވެއެވެ.

ބެލެވޭ ގޮތުގައި ކުއްޖާއަށް ކިރު ދީފައި ވައި ނުލައްވާ ބާއްވާފައި އޮތުމުން ނިދިފައި އޮއްވާ ވަޔަކާއެކު ކިރުފޮދެއް ކުއްޖޭގެ އަނގައިގެ ކަރުތެރެއަށް އަރައި ކުއްޖާގެ ނޭވާލާ ހޮޅީގައި ހުރުމުން އެ ކުއްޖާއަށް ނޭވާ ލާން ދަތިވީ އެވެ.

މި ކުއްޖާ ނޭވާ ނުލެވިގެން އުޅޭ ވާހަކަ އެގެއިން ގުޅާފައި އެންގުމުން ޕެރަމެޑިކްސް ގޮސް ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މިހާރު ކުއްޖާގެ މަރުގެ ހަގީގަތް ބަލަން އޮޓޮޕްސީ ހަދަން ހަމަޖެހިފައވާ ކަމަށް ވެސް ޔޫއޭއީގެ ނޫހަކުން ބުނެފައި ވެއެވެ.