(19 ޖަނަވަރީ 2021 އާ ގުޅޭ)
ފަސްބުރިއަށް ހުރި އެގޭގައި ލިފްޓެއް ނުހުރެއެވެ. އެހެންވެ ސިޑީގެ ހަރުފަތްތަކުން މަޑުމަޑުން ފައިބައިގެން ނޯޔާއައީ ފުރަތަމަ ފަންގިފިލާއަށެވެ. ހިނިތުންވެލައިގެން ހުރެ ތިރިއަށް ފޭބީ އޭނާ ކިޔަވަން ފުރުމުގެ ކުރީން އެގޭގައި ދިރިއުޅުނު ދުވަސްތަކުގެ ހަނދާންތައް ކުރަމުންނެވެ. ސަބީނާއާއި ނޯޔާގެ ޢާއިލާއާ ދެމެދު ގުޅުން އެހާ ބަދަހި އިރު ވެސް އެގޭ ކުއްޖަކަށް ނޯޔާމެންގެއަށް އައިސް ހެދީ ރިދާން އެކަންޏެވެ. އެހެންވެ ކިރިޔާ ވެސް އެކުވެރިކަމެއް އޮތީ ހަމައެކަނި ރިދާންއާއެވެ.
"ނޫމާ ނިންދަވަނީ ދޯ." ނޯޔާ ވަދެގެން އަންނާތީ ފެނި ރޫމާ ބުންޏެވެ.
"އިތުރު މީހަކު އިނީމަ ނުނިދަފާނެތީ މިއައީ."
ވާހަކަދައްކަމުން ނޯޔާ އައިސް މަންމަ ހިފައިގެން ހުރި ރިހަ ބޯތަށީގައި ހިފުމަށް އަތްދިއްކޮށްލިއެވެ. ދެމައިން ވެގެން ގޭގެ އެހެން މެންބަރުން ހަމަވާންވާއިރަށް ކާމޭޒުމަތި ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރިއެވެ. ގިނައިރެއްނުވެ މިސްކިތުން އިޔާނާއި އައްޔޫބު ވެސް ގެއަށް އަތުވެއްޖެއެވެ. މަންމައަށް ގޮވާލާފައި އިޔާން ނުކުތީ ނެހާ ގޮވައިގެން އަންނާށެވެ.
އިޔާންއަކީ ނެހާގެ ފިރިމީހާއެވެ. އެމީހުންގެ ކައިވެންޏަށް ހަތަރު އަހަރުވަނީއެވެ. ނޫމާއަކީ އެތައް ފަރުވާއަކާއި ދުޢާއަކަށްފަހު އެ ދެމަފިރިންނަށް ލެއްވި ރަޙުމަތެކެވެ. މީހަކާ އިންއިރު ވެސް ނެހާއަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް ހުންނަ އަންހެނެވެ. އެހެންވެ ދަރިމައިވުން ފަސޭހައެއްނުވިއެވެ. އަނެއްކޮޅުން އަންހެނާގެ ބިސް އުފައްދައިދޭ މިންވަރު ވެސް ނެހާގެ މަދީއެވެ. އަވަހަށް ދަރިއަކު ހޯދުމުގެ ވިސްނުން ނެހާ ގެންގުޅުނީ އެހެންވެއެވެ. "ޕީކޯސް" ތިބޭ އަންހެނުންނަށް ދަރިން ލިބުން ފަސޭހައެއް ނުވާނޭ އަޑުއިވި، އެތައް ތަނަކުން އެފަދަ އާޓިކަލްތައް ނެރެފައި ހުންނާތީ ކިޔާ ހަދައެވެ. ޑަކްޓަރަށް ދެއްކުމުން އިޔާންގެ ދަރިފަނީގައި ވެސް މައްސަލަ ހުރިކަން އެނގުނެވެ. ބަނޑުބޮޑުވި ދެ ފަހަރު ވެސް ތިން މަސް ނުވަނީސް ނެހާ ބައިގެން ދަނީއެވެ. އެއިން ކޮންމެ ފަހަރަކު ނެހާގެ އުންމީދު ފުނޑުފުނޑުވެއެވެ. އެއިން ކޮންމެ ފަހަރަކުމެ އޭނާގެ ގާތުގައި ތިބޭ ބަޔަކީ މައިންބަފައިންނާއި ލޯބިވާ ފިރިމީހާއެވެ. ހިތްވަރު ދޫކޮށްލަން އިޔާން ބޭނުންނުވާއިރު އެސަބަބާ ހުރެ ނެހާއަށް ވެސް ކުރިއަށްދާން އާހިތްވަރެއް ލިބެއެވެ. އައިވީއެފްއަށް ނެހާ ތައްޔާރުވީއިރު އޭނާ ހިޖާމާ ވެސް ޖަހަންފެށިއެވެ. މައްސަރުކަންތައް މުޅިން ރަނގަޅުވިއެވެ. ހޯމޯންގެ މައްސަލަތަކަށް ލުއި ލިބެންފެށިއެވެ. އިޔާން ވެސް ހިޖާމާ ޖަހަންފެށުމުން ދުވަސް ކައިރިވީއިރު ދަރިފަނީގެ ދުޅަހެޔޮކަން ރަނގަޅުވެފައި ވާކަން ޑަކްޓަރުންގެ ފަރާތުން އެނގުނެވެ. ﷲއަށް ދެންނެވުން އެ ދެމަފިރިން ވެސް ގިނަކުރިއެވެ. އަންނަ އޭޕްރީލް މަހު ތުއްތު ނޫމާއަށް ތިން މަސް ފުރޭނައެވެ.
"ނިދީތަ؟" ކޮޓަރިއަށް ވަން އިޔާން އަހާލީ ސިއްރުންނެވެ.
ވާހަކަދައްކާއަޑަށް ނޫމާ ހޭލަފާނެތީ ނެހާ ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ. ކުޑައެނދުގައި ނޫމާ ބާއްވާލައި އިރުކޮޅަކު މަޑުކޮށްލުމަކީ ނެހާގެ އާދައެކެވެ. އިޔާން އައިސް ނެހާގެ ފުރަގަހުން ގާތްވެލިއެވެ. ނިދިފައި އޮތް ދަރިފުޅަށް ބަލާލިއެވެ. އެކުޑަކުޑަ މޫނު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އާދަޔާ ޚިލާފު ލޯތްބެއްގެ އަސަރު ފާޅުވެލައެވެ. ނެހާދެކެ ވާ ލޯބި އިތުރުވެއެވެ.
* * * * *
ހަފްތާއެއް ފަހެވެ. ހަވީރުގެ ވަގުތެވެ. ދަރިފުޅު ގޮވައިގެން މަންމަމެން އުޅޭ ބަޔަށް ނެހާ އައިސް ވަނެވެ. މެންދުރުގެ ކެއުމަށްފަހު ރޫމާ ހެދިކާ ހަދަން ތައްޔާރުވާނެއެވެ. އެކަމަކު މިއަދު އެފަދަ މަންޒަރެއް ނުފެނެއެވެ. ހަވީރު ވެގެން އައިއިރު ސަބީނާއެއް ވެސް އެގެއަކުން ނުފެނެއެވެ.
"ކާފަގެ ދޮންކަނބުލޮތަ މިއައީ." ނޫމާ އުރާލަން ދެއަތް ދިއްކޮށްލަމުން އައްޔޫބް ބުންޏެވެ.
ސޯފާގައި މަންމައާއި ބައްޕަ ތިބިގޮތުން އެމީހުން ތިބީ ވާހަކައެއްގައިކަން ނެހާއަށް ވިސްނުނެވެ. އަދި އެ ވާހަކަ ހުއްޓުމަކަށް އައީ ނެގާ އައުމުންކަން ވެސް އެނގުނެވެ. ބައްޕަގެ އަތަށް ދަރިފުޅު ދީފައި ނޯޔާ ކޮބައިތޯ ނެހާ އަހާލިއެވެ. އެއްޗެހި ތަރުތީބުކުރަން ނޯޔާ އުޅޭކަން ރޫމާ ބުނެލިއެވެ. ކާފަދަރިފުޅު އުރާލައިގެން އައްޔޫބު ނުކުތީ ބެލްކަންޏަށެވެ. ފުރުޞަތުގެ ބޭނުން ހިފައި މަންމަގެ ގާތުގައި ނެހާ އިށީނެވެ.
"ސަބިއްތަ ބަލިވީތަ؟" ނެހާ އަހާލިއެވެ. މަންމަގެ މޫނު ވަގުތުން މިލައިގެން ދިޔަތަން ނެހާއަށް ފެނުނެވެ.
"އިންސާނުންވީމަ ބަލި ވެސް ވާނެތާ." ރޫމާގެ ޖަވާބުން ގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާކަން ނެހާ ދެނަގަތެވެ. އިތުރު ސުވާލެއް ކުރާނޭ ފުރުޞަތެއް ވެސް ރޫމާ ނުދިނެވެ. ކޮއްކޮއަށް ގޮވާލަން އެ ކޮޓަރިއަށް ނެހާ ދާން ރޫމާ އެދުނީއެވެ. މަންމަގެ އެފަދަ އާދަތަކަކީ ނެހާއަށް އާ ކަންކަމެއް ނޫނެވެ.
"ނެހާ ދިޔައީތަ؟" ބެލްކަނީގައި ހުރެފައި އެތެރެއަށް ވަން އައްޔޫބު އަހާލިއެވެ.
"ނޯޔާ ކައިރީ." ރޫމާ ބުނެލީ ގަޔާނުވެފައި އިނދެއެވެ.
"އަދިވެސް ތި ވިސްނަނީ ސަބީނާ ދެއްކި ވާހަކައާ މެދު ދޯ." ރޫމާގެ ގާތުގައި އައިސް އިށީންނަމުން އައްޔޫބު ބުންޏެވެ.
"ފިކުރު ބޮޑުވެގެން ސަބީއަށް އެހެން އެވީ، ހިތަށް ކުޅަދާނަ ނުވީމަ ރޮވޭނެ، ވަރަށް ދުވަސްވެއްޖެ އެކަމާ އޭނާ ކެތްކުރާތާ... ނޫންތަ؟" ރޫމާއަށް ބުނެވުނެވެ.
"މުސްޠަފާ ވެސް ނެތުމަކީ އޭނާ ވަރަށް އެކަނިވާނޭ ކަމެއް، އަހަރެމެން ދެމެދު ވެވުނު ވަޢުދުގެ މަތިން ހަނދާންވަނީ." ދެއަތުގެ ތެރޭ އޮތް ނޫމާގެ މޫނަށް ބަލަން އިނދެ އައްޔޫބު ވާހަކަދެއްކިއެވެ. އޭނާ އެ ދައްކަނީ ކޮންވާހަކައެއްކަން ރޫމައަށް އެނގެއެވެ.
* * * * *
މަންމަގެ ކުރިމަތީ އަސްލަންއަށް ރޮވުނީ ގަސްދަކާ ނުލައެވެ. މަންމަގެ ވާހަކަތަކުން ކުރި އަސަރުންނެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން މަންމަ ހާސްވެ އިތުރަށް ކަންބޮޑުވާނޭކަން ވެސް އަސްލަންއަށް އެނގެއެވެ. އެހެންވިޔަސް ހިތުގައި ފޮރުވަމުން އައި ހިތްދަތިކަން ކަރުނައިގެ ސިފަ ޚިޔާރުކުރީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. މަންމައާ މެދު ނުރުހުންވެވުނީ ވެސް އެފަދައިންނެވެ. އަލުން ދިރިއުޅުމެއް ފެށުމަކީ އަސްލަންއަށް ވާނޭކަމެއްނޫނެވެ. ވީއިރު މަންމަ އެފަދަ ވާހަކައެއްދެއްކީތީ ރުޅި އާދެވުނީއެވެ. ލޯބިވާ އަނބިމީހާގެ ހަނދާންތައް އެއްފަރާތްކުރަން އަސްލަން ތައްޔާރެއްނޫނެވެ. ގާތުގައި ތިބި ތިން ކުދީންނަކީ އެ ލޯބީގައި އެޅި މޭވާއެވެ. އެކުދީންނީ މައިރާގެ ހަނދާންތައް އާކޮށްދޭނެ ނިޝާންތަކެކެވެ. އެ އަމާނާތައް އެހެން އަންހެނަކު ރައްކާތެރިވެ ލޯބި ދޭނޭކަމުގެ އެއްވެސް ޔަގީންކަމެއް އަސްލަންއަކަށް ނެތެވެ. ނަފްސު ތައްޔާރުނޫން އިރު އަލުން ކައިވެންޏެއް ކުރާނީ ކިހިނެއްކަމެއް ޚުދު އަސްލަންއަށް ވެސް ނޭނގެއެވެ.
"މީހަކު ހޯދާނަން... މިގޭ އެކަކަށް ވެސް އަހަރެންގެ ބުރައެއް ނުޖައްސާނަން، އެއީ އަހަރެންގެ ކުދީން..." ކުރެހިފައި އަޑަކުން އަސްލަން ވާހަކަދެއްކީ އިސްޖެހިފައި އިނދެއެވެ.
"މަންމަ ނުބުނަމެންނު އެކުދީން ނުބެލޭނޭ، ބުރައެކޭ ވެސް... މީ ޝަކުވާއެއްނޫން، މައިރާއަށް މަޑުކުރިޔަސް އޭނާ އެނބުރި އަހަރެމެންގެ ގާތަކަށް ނާންނާނެ، ނުވެސް އާދެވޭނެ، އެހެންނޭ ކިޔާފަ ހަޔާތުން އެންމެ ހިނދުކޮޅެއް ވެސް އިންސާނަކަށް ޓަކައި މަޑެއްނުކުރޭ، އަސްލަންގެ ހިތުގައި ޖެއްސުމުގެ ނިޔަތަކުނޫން އެ ޚިޔާލު ދިނީ. މަންމައަށް ވެސް އެނގޭ ހަޔާތުގެ ބައިވެރިޔާ ވަކިވެގެން ދިއުމަކީ ކިހާ ހިތްދަތި އިޙްސާސެއްކަން..."
"މަންމަ ވެސް އިތުރު މީހަކާ ނީންނަމެންނު، އޭރު ކުދީން ވެސް ކުޑަ، އެހެންނޭ ކިޔާފަ..." އަސްލަންއަށް ރެއަކާލީ ދުލުން ބަސްތައް ބޭރުވި ފަހުންނެވެ. ވާހަކަ ފުރިހަމަނުކޮށް ހުއްޓާލީ އެހެންވެއެވެ. އެފަދަ ގޮތަކަށް ދުވަހަކުވެސް މަންމައާ އަސްލަން ވާހަކަނުދައްކައެވެ. އަމިއްލަ ހިތުގައި ޖެހުނީތީ މަންމަގެ ހިތުގައި ވެސް ޖެއްސުނީކަން އަސްލަންއަށް މޭރުންވިއެވެ. ވަގުތުން ދޫ ހިމޭން ކުރުވީ ފާފައިގެ އިޙްސާސް ޟަމީރު ބުނެދިނީތީއެވެ.
ރޭގަނޑުގެ އެގާރަ ޖަހަނީއެވެ. ސަބީނާ އިނީ ގޭގެ ހަތްވަނަ ފަންގިފިލާގައެވެ. އަސްލަންގެ އެޕާޓްމެންޓްގައެވެ. ތިން ކުދީން ނިދާ ގޭތެރެއަށް ހިމޭންކަން ވެރިވެފައި އޮތް ވަގުތެވެ. ސަބީނާ އައީ ނިދަން ދިއުމުގެ ކުރީން އަސްލަންގެ ހާލު ބަލާލާށެވެ. ފަހަކަށް އައިސް ސަބީނާގެ ސިކުނޑިއަށް ވަން ޚިޔާލާ އަމިއްލަ ހިތް ވެސް ދެކޮޅު ނުހަދާތީ އެ ވާހަކަ އަސްލަން ގާތު ދެއްކުނީއެވެ.
މަންމަ ނުކުމެގެން ދިޔައިރު އަސްލަން އިސްއުފުލާ ބަލާ ނުލިއެވެ. ނުކެރުނީއެވެ. މަޢާފަށް އެދެން އަވަސްވުމަށް ޟަމީރު އެދެމުންދިޔައެވެ. ނަމަވެސް އަސްލަންއަށް ދަތްކުނޑިވިކާލެވުނީއެވެ. އިށީނދެ އިން ދިގު ސޯފާގައި އޭނާ ހަށިގަނޑު ދަމާލީ ބޯދަށަށް ކުށަންއެއް ލައްވާލަމުންނެވެ. މަޑުމަޑުން މޭގައި ފިރުމާލިއެވެ. މޭމަތީ ވައަތްތިލަ ބާއްވާލައި ކަނާއަތް އަޅުވާލީ ލޯ މަތީއެވެ.
"މައި..." އަސްލަންގެ ހިތް މައިރާއަށް ގޮވާލިއެވެ.
މައިރާއަކީ އޮތޮޅު ތެރެއަށް އުފަން ކުއްޖެކެވެ. ކިޔެވީ މާލެއިންނެވެ. އެނބުރި ދިރިއުޅެން ދިޔައީ ރަށަށެވެ. ނަމަވެސް ގިނަ ދުވަހު ރަށުގައި ނުހުރެވުނެވެ. ރަށު ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓިވްއެއްގެ ވަޒީފާގައި ހުރެފައި ވަކިވީއެވެ. އެނބުރި މާލެ އަންނާށެވެ. އެއްބަނޑު އެއްބަފާ ދައްތަ، މިދުހާ ކައިވެނިކޮށް ދިރިއުޅުން މާލެއަށް ބަދަލުކުރީއެވެ. މައިންބަފައިން ނެތްއިރު ތިމާގެ މީހުން ކައިރީ އުޅުމަށްވުރެ މިދުހާ ބޭނުންވީ ކޮއްކޮ ގޮވައިގެން މާލެ އަންނާށެވެ. އޭނާގެ ކައިރީގަ ހުރުމުން އޭނާއަށް ވެސް ފަސޭހަވާނޭތީއެވެ.
އަސްލަންއަށް އެންމެ ފުރަތަމަ މައިރާ ފެނުނީ އޮފީހަށް ދާ މަގުމަތިންނެވެ. މައިރާ މަސައްކަތްކުރަނީ އަމިއްލަ ކުންފުންޏެއްގައެވެ. ފުރަތަމަ ނަޒަރުން އަސްލަންއަށް މައިރާ ޚާއްޞަވީއެވެ. ފާޅުކޮށް ފެނުނީ ހަމައެކަނި މައިރާގެ މޫނެވެ. އޮޅަލިކުލައިގެ އައިބެއްނެތް އޮމާން މޫނެކެވެ. ކިއްސަރު ފުރިހަމަ އެ މޫނުން އަސްލަންގެ ހިތް ޝޯހުކޮށްލީ މައިރާގެ ތޫނު ކަޅިރަވައެވެ. ދިގު އެސްފިޔަތަކާއެކު ޢާއްމުކޮށް ދިވެހީންގެ ތެރެއިން ނުފެންނަ އަޅިކުލައަކާއި މަޑުފެހި ކުލައެއް އެއްވެފައި ހުރި ލޮލުގެ ކަޅިއެވެ. އަދުނުން ފަވާލާފައި ހުންނަ އެ ލޮލުގެ ޖާދޫގައި ރަނގަޅަށް ވެސް އަސްލަން ޖެހުނީއެވެ. ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު އަސްލަންއަށް ހެނދުނު މައިރާ ފެނެއެވެ. އެ އަންހެންކުއްޖާދެކެ ސިއްރުންވީ ލޯބީގައި ކުލައެއް ޖެހޭނީ ގާތްކަން އުފެދިގެންކަން އަސްލަންއަށް އެނގެއެވެ. އެކަމަށް ނިމުން ގެނައުމަށް އޭނާ މަސައްކަތް ފެށީ އޭގެ ދެ ހަފްތާ ފަހުންނެވެ.
މައިރާގެ ރުހުން ލިބުނު ހިސާބުން ކައިވެންޏަށް އަސްލަން ތައްޔާރުވަމުން އައެވެ. ހަޤީޤީ ލޯބީގެ މީރުކަން އޮތީ ކައިވެނީގަކަން ދެ މީހުން ވެސް ޤަބޫލުކުރާތީއެވެ. މައިރާގެ ދައްތަ މިދުހާ ގަޔާވާ މީހަކަށް އަސްލަން ނުވިޔަސް ދެމީހުން ގުޅުމަށް ހުރަހެއް ނޭޅިއެވެ. އަސްލަންއާއި މައިރާއާ ދެމެދު ހުރީ އެންމެ އަހަރެއްގެ ތަފާތެވެ. އުމުރުން ފަންސަވީސް އަހަރުގައި އަލަތު ކައިވެނި މައިރާއާއެކު އަސްލަން ފެށީއެވެ. ކައިވެނީގެ ފުރަތަމަ އަހަރު ހޭދަވެގެން ދިޔަގޮތް ވެސް ދެމަފިރިންނަށް ނޭނގުނެވެ. ފުރަތަމަ ދަރިފުޅު ސާރާއަށް ބަލިވެ އިނުމުން މައިރާ ވަޒީފާއިން ވަކިވީ ހުރިހާ ވަގުތެއް ދިރިއުޅުމަށް ހުސްކުރަން ބޭނުންވާކަން ބުނެފައެވެ. ގިނަ ދަރީންތަކެއް ހޯދުމަކީ މައިރާގެ ވަރަށް ބޮޑު އެދުމެކެވެ. އެ ދެމަފިރިންގެ އެފަދަ ތަނަވަސްކަން ވެސް ހުރީމައެވެ. ނަމަވެސް ހުރިހާ ފަހަރަކު އިންސާނުން ތަދުބީރުކުރާ ގޮތާ ތަޤުދީރު އެއްބައެއް ނުވެއެވެ. ދެވަނަ ދަރިފުޅު މަލްސާ ލިބުމުން ޑަކްޓަރުން ލަފާ ދިނީ އިތުރު ކުއްޖަކު މައިރާ ނުހޯދުމަށެވެ. ރަހިމު ތުނިވެފައިވާތީއެވެ. ހަމައެއާއެކު ތަފާތު އިންފެކްޝަންތައް ކުޑަކަމުދާ ނިޒާމުގައި އުފެދޭތީ އެކަމަށް އަބަދު މައިރާ ޖެހެނީ ފަރުވާކުރާށެވެ. ޑަކްޓަރުންގެ ލަފާ އަޑު އެހީ އަސްލަންއެވެ. ދަރިއަކު ނުހޯދަން އަސްލަން ނިންމައިގެން ހުއްޓާ ވެސް އެކަން ބަދަލުކުރީ މައިރާއެވެ. މާބޮޑަށް އަނބިމީހާދެކެ ލޯބިވެވުމަކީ ވެސް އަނިޔާއެއްކަމުގައި އަސްލަންއަށް ހީކުރެވުނެވެ. އަސްލަންއަށް ހިލަމެއްވީއިރު މައިރާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެއެވެ. އަމިއްލަ ހިތުގައި ހިފަހައްޓައިގެން ދަރިފުޅު ވައްޓަލަން އަސްލަން ބުނީ މައިރާއާމެދު ވިސްނާފައެވެ. ދެކުދީން ތިބިއިރު، އެވަރުން ފުދޭކަން ބުނެދެމުންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ހުރެ ތިންވަނަ ކުއްޖަކު ހޯދުމުގެ ބޭނުމެއް ނެތްކަން އަސްލަން ޤަބޫލުކުރެއެވެ.
ދެމަފިރިންގެ ދެމެދުގައި ފުރަތަމަ ފަހަރަށް ދެބަސްވާން ޖެހުނީއެވެ. އަމިއްލައަށް ދަރިފުޅު ބައިގެން ނުގޮސްފިނަމަ އެކުއްޖާ އުފަންކުރަން މައިރާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އެކަމާ އަސްލަންއަށް އެއްބަހެއްނުވެވުނެވެ. ލޯބިން ދެހިތް ވިރެމުންދާއިރު ވެސް ދެމެދަށް ދުރުކަމާއި ހުސްކަން ވެރިވަމުންދިޔައެވެ. ބޭއިޚްތިޔާރުގައި ވެސް ދެމީހުންނަށް ހަރުކަށިކޮށް ބަސްބުނެވެން ފެށީއެވެ. މައިރާގެ ރުއިން ގިނަވެ ހަށިގަނޑު ބަލިކަށިވާން ފެށުމުން އެކަމާ އަސަރުކޮށް ގޮތްދޫކުރީ އަސްލަންއެވެ. ދުވަހަކުވެސް ވަކިވާން ނޭދުނަސް އަސްލަންގެ ކުރިމަތީ މަޑުމަޑުން އަނބިމީހާގެ ދިރުން ގެއްލި، އަބަދަށް އެ ފުރާނަ ވަކިވީ ބަލަބަލާ ހުއްޓައެވެ. މައިރާ އަމިއްލައަށް ވަކިވާން ބޭނުންވީކަމުގައި ނިންމާ ރުޅިއާއި ޝަކުވާގައި އަސްލަންއަށް އުޅެވުނެވެ. ނަމަވެސް އެއިންކަމަކުން މައިރާދެކެ ވީ ލޯބި އަސްލަންގެ ހިތުން ފަނޑެއްނުވިއެވެ. އަނބީމީހާގެ ހަނދާންތައް ތާޒާކަމާއެކު ސިކުނޑީގައި ރައްކާކުރެވިފައި ހުއްޓެވެ. އެ ހަނދާންތައް ދުވަހަކުވެސް ފަނޑުވެގެން ނުދާނެއެވެ. އަލުން އެ ދަރަޖައަށް ލޯބިވެ އާ ހަޔާތެއް ފަށާކަށް އަސްލަން ބޭނުމެއްނޫނެވެ. ދަރީންނަށް އަޅާނުލެވޭ ދަރަޖައަށް ހިތާމަތައް ބޮޑުވެގެންދިޔަ ނުދީ އަސްލަން އަމިއްލަ ނަފްސަށް ވިސްނައިދިނީއެވެ. އެއީ އޭނާއާއި މައިރާގެ ދަރީންނެވެ. ހިނގައިދިޔަ އެއްވެސް ކަމެއްގައި އެކުދީންގެ ކުށެއްނެތްކަން އަސްލަންގެ ޟަމީރު އެއްބަސްވެއެވެ.
* * * * *
ނިދިފައި އޮތް އައްޔޫބަށް ކުއްލިއަކަށް ހޭލެވުނެވެ. އެނދުގައި އޭނާއާ ޖެހިގެން އޮތް ރޫމާއަށް އެނބުރި ބަލާލިއެވެ. މަޑުން އެނދުން ތެދުވެ އިށީނެވެ. ގަޑިން ވީއިރެއް ބަލާލީ ފޯނުންނެވެ. މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ދަމު ނަމާދަށް އޭނާ ތެދުވާ ވަގުތު ހުރީ ކައިރިވެފައެވެ. ފޯނު ބާއްވާލާފައި ދެން ވެސް އައްޔޫބު އިނީއެވެ. މުސްޠަފާގެ ނަން އޭނާގެ ހިތުން ކިޔާލިއެވެ.
"އެ ވާހަކަ ދެއްކީމަ ފެނުނު ހުވަފެނެއް އެއީ." އައްޔޫބުގެ ހިތް ނިންމިއެވެ. އޭނާއަށް ހޭލެވުނީ ހުވަފެނުން މުސްޠަފާ ފެނިގެންނެވެ. އެކަމާ ވިސްނުނެއްކަމަކު ޚިޔާލު ގިނަނުކުރިއެވެ. މަޑުމަޑުން ތެދުވެގެން ގޮސް ފާޚާނާއަށްވަނީ އިރުކޮޅަކުން އަނބިމީހާއަށް ގޮވާލަން ގަސްދުކޮށްގެން ހުރެއެވެ.
އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެއަށް އެޅި ފަނޑު އަލިކަމެއް އުދަރެހުން ފާޅުވާން ފެށިއެވެ. ރޫމާ ގެނެސްދިން ކޮފީތަށި ހިފައިގެން އައްޔޫބު ހުރީ ބެލަކަނީއެވެ. ބަސްމަދުވެފައި ހުންނަކަށް ރޫމާއަށް ފާހަގަވީ ދެނެވެ. ހެނދުނު ސައިތައްޔާރު ކުރާއިރު އޭނާއަށް ކުދިކުދި ކަންކަން ކޮށްދޭން ގާތުގައި އައްޔޫބު އުޅޭނެއެވެ.
"ނޯޔާ އައީމަ ޗުއްޓީ ނެގީތަ؟" ކޮފީ ޖޯޑު ހިފައިގެން އައްޔޫބުގެ ގާތަށް ބެލްކަންޏަށް ނުކުތް ރޫމާގެ އަޑުގައި ހުރީ ސަމާސާގެ ރާގެވެ.
"ކޮން ޗުއްޓީއެއް؟" އައްޔޫބަށް އަހާލެވުނީ ރޫމާގެ ވާހަކަ މޭރުންނުވެގެންނެވެ.
"މިބުނީ... އަހަންނަށް އެހީވާން ނޯޔާ ހުންނާތީ އައްޔޫބު އެކަން ހުއްޓާލީހޭ." ރޫމާ ބުންޏެވެ. އެހިނދު މެދުމިނަކަށް ބަހައްޓާފައި ހުރި ތުނބުޅިމަތިމަހުގެ ތެރެއިން އައްޔޫބުގެ ތުންފަތަށް ދުރުވެލައި ލުއި ހީނލުމެއްގެ އަޑު އިވުނެވެ.
"ނޯޔާ ވެސް އަބަދަކު ނުހުންނާނެއެއްނު، ވަޒީފާ ލިބުނީމަ އަނެއްކާވެސް އަހަރެމެން ދެމީހުން ތިބޭނީ." އައްޔޫބު ބުނެލިއެވެ.
"ކަމަކާ ވިސްނާހެން ހީވޭ." އައްޔޫބުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ރޫމާ އަހާލިއެވެ.
"މުސްޠަފާ... ރޭގަ މަށަށް ހުވަފެނުން ފެނުނު." އައްޔޫބު ބުންޏެވެ. އެއާއެކު ރޫމާގެ ޖަވާބު ވެސް އައީ އައްޔޫބު ނިންމައިގެން ހުރި ގޮތަށެވެ. މުސްޠަފާއާއި ސަބީނާގެ ވާހަކަ މާގިނައިން އެމީހުންނަށް ދެއްކުނީ ކަމެވެ. އެހެންވިޔަސް އައްޔޫބުގެ ސިކުނޑިން އެ ހުވަފެނުގެ މަންޒަރުތައް ފިލުވައެއްނުލެވުނެވެ.
"ރޫމާ އެގެއަށް ދައްޗޭ، ސަބީނާއަށް ބޭނުންވާކަމެއް އޮތްތޯ ވެސް ބަލައިލާތި، މިހާރު އުޅޭނީ ހޭލާ، އެއްޗެއް ތައްޔާރުކޮށްލައިގެން އެގެއަށް ގެންދަންވީނު." ވިސްނުމަކަށް ގެއްލި ހުރެފައި އައްޔޫބު ވާހަކަދެއްކިއެވެ.
މުސްޠަފާއާއި މާހިރުއަކީ ދެ ހަށިގަނޑުގައިވާ އެއްފުރާނައެވެ. އެ ދެމީހުންގެ ވެސް އެންމެ ގާތް މީހަކީ އައްޔޫބެވެ. ޚާއްޞަކޮށް މުސްޠަފާއާއި އައްޔޫބުގެ ގުޅުން މާބޮޑަށް ވެސް ބަދަހިއެވެ. އެމީހުންގެ މެދުގައި ކުރެވުނު އެންމެ ބޮޑު ވަޞިއްޔަތުގެ މަތިން އައްޔޫބު ހަނދާނެއްނުނެތެވެ. އެކުވެރިންގެ ތެރެއިން ފުރަތަމަ ވަކިވާނީ ކާކުކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެހެންވެ ކުރެވުނު ވަޞިއްޔަތެކެވެ. އަނގަބަހުން ވެވުނު އެ ވަޞިއްޔަތުގައި ހިފަހައްޓާނޭކަން އެ ތިން މީހުން ވެސް ވަޢުދުވިއެވެ.
"މަންމާ... ބައްޕާ..." ފަހަރަކު މީހަކަށް ނޯޔާ ގޮވާލިއެވެ. ދެން އޭނާ ވަނީ ބަދިގެއަށެވެ. ބެލްކަނީގައި ހުރެފައި ރޫމާ ވެސް އެތެރެއަށް އައީއެވެ. ދަރިފުޅަށް ބޭނުންވަނީ ކޯއްޗެއްތޯ އޭނާ އެއްސެވެ.
"މަންމަ މިއަދު ކޮފީތަ، އަހަރެން ވެސް ކޮފީއެއް ބޯނީ." ރޫމާގެ ޖޯޑުން ދުވި ކޮފީ ވަހުން ނޯޔާ ބުނެލިއެވެ.
ބެލްކަންޏާއި ގޭތެރެ ވަކިކުރުމަށް ދަމާލެވޭގޮތަށް ހުންނަ ދޮރުފަތްތައް ގެނެސް ދެ ފަރާތުގެ ފާރުގައި ޖައްސާފައި ހުއްޓެވެ. ބަދިގޭގައި ހަރަކާތްތެރިވާ ދެމައިން ފެންނާނޭ ހެން ބެލްކަނީގައި އައްޔޫބު ހުއްޓެވެ. އޭނާގެ ނަޒަރު ހަމައެކަނި ނޯޔާއަށް ހުއްޓުނެވެ. އެކުއްޖާގެ މުސްތަޤުބަލާމެދު އައްޔޫބަށް ޚިޔާލުކޮށްލެވުނެވެ. މިވަގުތު ނޯޔާއަށް އެންމެ މުހިންމު ކަމަކީ ވަޒީފާއެއް ހޯދުންކަން އެނގެއެވެ. އައްޔޫބު ދެބުމަ ގުޅުވާލިއިރު އެ ދެ ލޮލުން އިހު ފާޅުވި އަސަރު ވެސް ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ޚިޔާލުތަކުގެ ތެރެއިން ކޮންމެވެސް ގޮތަކުން އެނާއަށް އުނދަގޫވެއްޖެއްކަން ގައިމެވެ. ހުރި ގޮތް ވެސް ބަދަލުކޮށްލިއެވެ. ބެލްކަނީގައި އަތްއަޅުވާލައި މަގުމައްޗަށް ބަލަންފެށިއެވެ. އެވަގުތު ސަބީނާގެ ބައިން މަގުމައްޗަށް ހުންނަ ބެލްކަންޏަށް ނުކުތްތަން ފެނުނީ ރިދާން އެވެ. މަގުގެ ދެފަރާތުގައި ދެ ގެ ހުންނަނީ ކުރިމައްޗަށެވެ. ރިދާންއަށް އައްޔޫބު ފެނުމުން ހިނިތުންވުމެއް ދެމުން ބޮލުން އިޝާރާތެއްކޮށްލިއެވެ. އައްޔޫބު ވެސް ކަންތައްކުރީ އެފަދައިންނެވެ. ގިނައިރަކު އޭނާ މަޑެއްނުކުރިއެވެ. އައްޔޫބު ފެނުނީމާ ކަންނޭނގެއެވެ. ރިދާން އެތެރެއަށް ވަދެއްޖެއެވެ.
"ރޫމާ ނުރުހޭނެކަންނޭނގެ." އިރުކޮޅަކު ހުރެފައި ފުންނޭވާއެއް އައްޔޫބު ދޫކޮށްލިއެވެ. ކުރެވުނު ޚިޔާލާ ސިކުނޑިއާއި ހިތުގައި ޚިލާފުތަކެއް އުފެދުނު އިރު އަނބިމީހާ ވެސް އޭނާއާ އެއްބައި ނުވާނޭ އައްޔޫބަށް ހީކުރެވުނެވެ.
(ނުނިމޭ)