ފެންވެރުމަކީ ބައެއް މީހުންނަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުރަން ޖެހޭ ކަމެކެވެ. އަނެއް ބަޔަކަށް ދުވާލަކު އެއްފަހަރު ފެންވަރާލައިގެން ފުދެ އެވެ. ހަފުތާއެއް ވަންދެން ފެން ނުވަރާ ތިބޭ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ. ނަމަވެސް މި މީހާ ވަރުގެ މީހަކު ދުނިޔޭގައި މިހާރު އުޅެފާނެކަމާ މެދު ޝައްކެވެ. ސަބަބަކީ މިހާރު 87 އަހަރު ވެފައިވާ މި ފިރިހެންމީހާ އެންމެ ފަހުން ފެންވެރީ މީގެ 67 އަހަރު ކުރިން ކަމަށް ވާތީ އެވެ.
އަމޯ ހާޖީ އަކީ އީރާނުގެ ކަރްމަންޝާހް ޕްރޮވިންސްގެ ދެޖްގާހް އަވަށުގައި ދިރިއުޅޭ މީހެކެވެ. ފެން ނުވަރާތާ ގިނަ ދުވަސް ވެގެން ގޮސް މި މީހާ މިހާރު ހީވަނީ ބަދިގޭ ދުމައްޓަކަށް ވެއްޓި އަޅިދެލިގަނޑެއްގައި ވަޅުލެވުނީމަ ފޮޅާލައިގެން އަރާ ހުރި މީހެއް ހެނެވެ. ސަބަބަކީ އޭނާގެ މުޅިގައި ފޮރުވިފައި ވަނީ ކިލަލާއި އަޅިން ކަމަށް ވާތީ އެވެ.
ފާއިތުވީ 67 އަހަރުއްސުރެ މި މީހާ ފެން ނުވަރަނީ ފެން ދެކެ ގަންނަ ބިރަކުންނެވެ. ފެންވަރައިފިއްޔާ ބަލިވާނެ ކަމަށް މި މީހާއަށް ހީވާތީ ފެން ނުވަރަނީ އެވެ.
ފެން ނުވެރުމުގެ އިތުރުން މި މީހާ ކާ ކެއުމަކީ ވެސް އާދައިގެ އިންސާނުންގެ ކެއުމާ ވަރަށް ބޮޑަށް ތަފާތު ކެއުމެކެވެ. އޭނާ ކައި އުޅެނީ ކުނި ވެފައި ހުންނަ ޖަނަވާރުގެ މަހެވެ. ހާއްސަކޮށް ކުނިވެފައިވާ ޕޯކިއުޕައިންސް އެވެ. މި މީހާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވެސް ލޯބިކުރާ މީހެކެވެ. ނަމަވެސް މި މީހާ ދުންފަތުގެ ބާވަތްތަކެއް ނުހޯދަ އެވެ. ދަބަރުޖަހާފައިވާ ޕައިޕަކަށް އަޅައިގެން ޖަނަވާރުގެ ނަޖިހެވެ.
ތެހެރާން ޓައިމްސްގައި މި ހާޖީގެ ވާހަކަ ޝާއިއު ކޮށްފައި ވެއެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެހެން މީހުންނާ މުޅިން ވަކިން މިފަދަ ދިރިއުޅުމެއް ހާޖީ އުޅެން ފެށީ ވަރަށް ޒުވާން އުމުރުގައި ދިމާވި ހިތާމަވެރި ހާދިސާ އަކާ ގުޅިގެންނެވެ.
ފިނި މޫސުމުގައި އޭނާ ހަނގުރާމަވެރިން އަޅާ ކަހަލަ ހެލްމެޓެއް އަޅައިގެން އިންނަނީ ކޮންމެހެން ދުޝްމަނުން އަތުވެދާނެތީ އެއް ނޫނެވެ. ފިނިން ސަލާމަތް ވުމަށެވެ.
ހާޖީ ދިރިއުޅެން ވެސް ޚިޔާރު ކުރަނީ އާދައިގެ އިންސާނުން ދިރިއުޅޭ ކަހަލަ ތަންތަނެއް ނޫނެވެ. ބިންމަތީގައި ކައްވަޅުގޮތަށް ވަޅުގަނޑެއް ކޮނެގެން އެތަނުގައި އެއް ދުވަސްވަރެއްގައި އޭނާ ދިރިއުޅެ އެވެ. އޭނާ އުޅޭ ހާލު ފެނިފައި ބައެއް މީހުން އޭނާއަށް ގަލުން ގެ ރާނާ ވެސް ދެއެވެ. އެފަދަ ތަންތަނުގައި ވެސް އޭނާ ދިރިއުޅެނީ ފުރާޅު ނެތި ހާމަޔަށް ހުންނަ ނަމަ އެވެ.
ހާޖީ މަދުވެގެން ދުވާލަކު ފަސް ލީޓަރު ފެން ބޮއެވެ. އެ ފެން އަޅާފައި ހުންނަނީ ދަބަރު ޖަހާފައިވާ ދަގަނޑު ޓައްޕަކަށެވެ. ބޮލުގެ އިސްތަށިގަނޑު މާ ދިގުވެގެން އުނދަގޫވާން ފަށައިފިނަމަ ބޯ ކޮށާކަށް ނަހަދަ އެވެ. ދިގުވާ ބައި އަލިފާން ޖަހާ އަންދާލަނީ އެވެ.
ބައެއް އިންސާނުންނަކީ އެއްގޮތަކަށް ވެސް އެމީހުން އެކުރާ ކަންތައްތައް އެހެން މީހުންނަށް ވިސްނާލަން ފަސޭހަ ބައެއް ނޫނެވެ. ހާޖީ އަކީ މި އެ ކަހަލަ މީހެކެވެ. އޭނާ ކުރާ ކަންތައްތަކަކީ އިންސާނުންގެ ވިސްނުމާ ފިކުރާ ތަންކޮޅެއް ތަފާތު ކަންކަމެވެ.