ދުނިޔެ

އިޒްރޭލް މީހަކު އައިއެސްއާ ގުޅެން ވައިކުޑައިގައި ސީރިޔާއަށް

ތެލްއަވީވް (ރޮއިޓާސް) - އިޒްރޭލުގެ ރައްޔިތަކު އައިއެސްއާއި ގުޅުމަށް ވައިކުޑައިގާ ސީރިޔާ ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

މި މީހާ އަކީ 23 އަހަރުގެ އަރަތްބެއް ކަމަށާއި މި މީހާ ނިސަބަތް ވަނީ އިޒްރޭލުގެ މުސްލިމުން ގިނަ އަވަށެއް ކަމަށްވާ ޖަލްޖޫލިއާ އަށް ކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުގައި ބައިމަދު މުސްލިމް އަރަބިންގެ ތެރެއިން ބައެއް މީހުން ތުރުކީ ފަދަ ގައުމުތައް ހުރަސްކޮށް ސީރިޔާއަށް އެތެރެވަމުންދާކަމަށް އެގައުމުން ފަހަކަށް އައިސް ރިޕޯޓްކުރަމުން ދެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވީ އެގައުމުން ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ގެންގުޅޭ ޕޮލިސީގެ ދަށުން މި މީހާގެ އިޒްރޭލު ސިޓިޒަންޝިޕް އަތުލާނެ ކަމަށެވެ. އިޒްރޭލުން ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ފާޅުގައި އެއްވެސް ކޮޅެއް ނުނަގައެވެ. އެކަމަކު އަސަދުގެ ވެރިކަން ނިމި ހަތިޔާރުއެޅި ޖަމާއަތެއް ސީރިޔާގެ ވެރިމަކަށް އަތުވެދާނެ ކަމަށް އެގައުމު ކަންބޮޑުވެއެވެ. ސީރިޔާއަށް ދަތުރުކުރުން އިޒްރޭލުގެ ރައްޔިތުންނަށް މަނަލެވެ.

އިޒްރޭލުގެ އާބާދީގެ ވިހި ޕަސެންޓަކީ އަރަބިންނެވެ. މީގެ ތެރޭން ގިނަ އަރަބިންނަކީ މުސްލިމުންނެވެ. ފަލަސްތީނުގެ ގުދުސްގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ސަބަބުން އިޒްރޭލުގެ މުސްލިމުންނާއި ޔަހޫދީންގެ މެދުގައި ވަނީ ނުތަނަވަސްކަން ފެތުރިފައެވެ. މި މަސް ފެށުނީއްސުރެ ގުދުސްގައި ކުރިއަށްދާ ހަމަނުޖެހުން ތަކުގައި ފަލަސްތީނުގެ 52 މީހުންނާއި އިޒްރޭލުގެ 9 މީހަކު ވަނީ މަރުވެފައެވެ.