ޣައްސާން މައުމޫން

"ޔާމީން މިނިވަންކޮށް ވެރިކަމަށް ގެންނާނަން"

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް 2023 ގައި ވެރިކަމަށް ގެންނާނެ ކަމަށް

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ ހުކުމަށް އިއްޔެ ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ރައީސް ޔާމީނަށް ދެނީ ނުހައްގު އަނިޔާއެއް ކަމަަށެވެ. ނުހައްގު އަނިޔާއިން އެމަނިކުފާނާއި ޕީޕީއެމްގެ ލަޝްކަރުގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި ޔާމީން ޖަލުން މިނިވަންކޮށް ދެން އޮންނަ އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ދެވޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އިރާދަކުރެއްވިއްޔާ ޖަލުން މިނިވަންކޮށް އެމަނިކުފާނު 2023 ގަ އިންތިހާބުކޮށް ވެރިކަމަށް ގެންނާނަން
ޣައްސާން މައުމޫން | ގުރައިދޫ ދާއިރާގެ މެންބަރު

ރައީސް ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމް މަތީ މަރުހަލާއިން ދަމަހައްޓައިފިނަމަ 2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު މިހާރުވެސް އެމަނިކުފާނުގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނާނެ އެވެ.