އިޓަލީ

ދުނިޔޭގެ އެއްވަނަ ލީގަކަށް ސެރީ އާ

މިދިޔަ އަހަރު ދުނިޔޭގެ އެއް ވަނަ ލީގުގެ މަގާމު އީޓަލީގެ ސެރީ އާ އިން ހޯދައިފި އެވެ.

އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން އާންމު ކުރި ރޭންކިން ދައްކާ ގޮތުން ގައުމުތަކުގެ ގައުމީ ލީގް ތަކުގެ ތެރެއިން އެންމެ ކުރީގައި މިދިޔަ އަހަރު ހިމެނިފައި ވަނީ ސެރީ އާ އެވެ. އިނގިރޭސި ވިލާތުގެ ގައުމީ ލީގް، މަޝްހޫރު ޕްރިމިއާ ލީގަށް ލިބިފައި ވަނީ ރޭންކިންގެ ދެ ވަނަ އެވެ.

މިއީ 14 އަހަރު ތެރޭ، ދުނިޔޭގެ އެއް ވަނަ ލީގްގެ މަގާމަށް ސެރީ އާ އަށް ދެވުނު ފުރަތަމަ ފަހަރެވެ. އޭގެ ކުރިން އެ ޓީމުން ވަނީ ޖެހިޖެހިގެން 10 އަހަރު ވަންދެން (1991 ން 2006 އަށް) ދުނިޔޭގެ އެއް ވަނަ ލީގްގެ ގޮތުގައި ޑޮމިނޭޓް ކޮށްފަ އެވެ.

ދުނިޔޭގެ ކުލަބު ރޭންކިންގެ ގަދަ ހަތް ކުލަބުގެ ތެރޭގައި އިޓަލީގެ ތިން ކުލަބު މިދިޔަ އަހަރުގެ ހިމެނިފައި ވެއެވެ. ސެރީ އާ އިން ވަނީ ޖުމުލަ 1026 ޕޮއިންޓް ހޮދާފަ އެވެ.

ދެ ވަނަ އަށް ދިޔަ އިނގިރޭސި ޕްރިމިއާ ލީގަށް ލިބިފައި ވަނީ 1003 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ ދެކުނު އެމެރިކާ ބައްރުގެ އެއް ވަނަ ލީގް ބުރެޒިލްގެ ލީގެވެ. "ކޮމްޕެއާނޯޓޯ ބްރެޒިލޭރީ ސެރީ އާ" ގެ ނަން ދީފައިވާ ބްރެޒިލްގެ ލީގުން ވަނީ 964 ޕޮއިންޓް ހޯދާފަ އެވެ. ހަތަރު ވަނަ އަށް ދިޔަ ސްޕެއިންގެ ލަލީގާ އިން ހޯދީ 954 ޕޮއިންޓެވެ. ޖަރުމަންގެ ބުންޑެސް ލީގާއަށް ފަސް ވަނަ އެވެ. އެއީ 864 ޕޮއިންޓެވެ.