"ސްޓީވް ޖޮބްސް" އަކީ ޔަގީނަށް ވެސް އެ ފިލްމަކަށް މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ފިލްމެވެ. ނަމަވެސް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ހިސާބުތަކަށް ބަލާލާއިރު މި ފިލްމެއްގެ ވާހަކަ މިހެން ކިޔަައި ދެވޭކަށް ނެތެވެ.
ފާޑުކިޔުންތެރިންނަށް ފިލްމު ކަމުގޮސްގެން ތައުރީފު އޮއްސައި އޮސްކާގެ ފެވަރިޓަކަށް ވެސް މި ފިލްމެއް އެ ވަނީ ހަދައިފަ އެވެ. ނަމަވެސް ވޯލްޑްވައިޑްކޮށް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަހުރީބެއް އަދި ނުލިބެ އެވެ.
ފިލްމުގެ ލިމިޓެޑް ޝޯތަކެއް މި މަހުގެ ކުރީކޮޅު ފެށިއިރު އޭގައި ފޯރިއެއް ހިފިހެން ހީވި އެވެ. އެހެން ނަމަވެސް ރަސްމީ ޝޯތަކާ އެކު ފިލްމުގެ ވިޔަފާރި ވަނީ އެއްކޮށް އަޑިއަޅާލައިފަ އެވެ.
ބޮކްސް އޮފީހުގައި ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 10 މިލިއަން ޑޮލަރެވެ. މިއީ 30 މިލިއަން ޑޮލަރު ހޭދަކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. އެހެންވީމަ އަަހަރުގެ އެންމެ ރިވިއު ރަނގަޅު ފިލްމަށް މިވީ ކިހިނެތް ހެއްޔެވެ؟
އެޕަލްގެ ކުރީގެ ސީއީއޯ އަދި އެއް ފައުންޑާ ކަމުގައިވާ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް ވޯލްޓާ އިސާކްސަން ލިޔެފައިވާ ރަސްމީ ބަޔޮގްރަފީގެ އަސްލަށް މި ފިލްމެއް އުފެއްދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސޮނީ ޕިކްޗާސް އިންނެވެ. އެމީހުން އެންމެ ފުރަތަމަ ޖޮބްސްގެ ރޯލަށް ގެންނަން މަސައްކަތްކުރީ ލިއަނާޑޯ ޑިކެޕްރިއޯ އެވެ.
އޭނާ ނުލިބުމުން ދެން ބޭނުންވީ ކްރިސްޓިއަލް ބޭލް އެވެ. އެންމެފަހުވަގުތު ބޭލްއެއް ވެސް އެ ރޯލަކަށް ނުލިބި ފިލްމުގެ މަސައްކަތް ވެސް ދިގުލައިގެން ދިޔައީ އެވެ.
ސޮނީ އިން އަދި އެންމެފަހުން މި ފިލްމަކީ އެމީހުން ހަލާކެއްގެ ތެރެއަށް ގެންގޮސްފާނެ ފިލްމެއް ކަމަށް ހީވެގެން އެންމެފަހުން ފިލްމުގެ ރައިޓްސް ޔުނިވާސަލް އަށް ވިއްކާލީ އެވެ. އެއަށް ފަހު ސްޓީވް ޖޮބްސްގެ ރޯލު ފިލްމުގައި ކުޅެފައި ވަނީ މިކައެލް ފަސްބެންޑާ އެވެ.
އޭނާގެ އިތުރުން މި ފިލްމުގައި ދެން ތިބީ ވެސް މުޅިން އޮސްކާގެ ފެވަރިޓުންނާއި އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނުންނެވެ. ޑައިރެކްޓަރަކީ "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޮޔޭލް އެވެ.
އެހެންވީމަ މި ފެންވަރުގެ ފިލްމަކަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ނުލިބުމަކީ ޔުނިވާސަލް އަށް ވެސް ލިބިގެން ދިޔަ ހައިރާން ކަމެކެވެ. އެހެން ނަމަވެސް އެ ސްޓޫޑިއޯ އިން ބުނަނީ ފަހުން އަދި ރަނގަޅުވާނެ ކަމަށެވެ.
ފިލްމު ފްލޮޕްވިޔަ ނުދީ ހިފެހެއްޓުމަށް މި ފިލްމަށް ބޮކްސް އޮފީހުގައި މަދުވެގެން 120 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ. ފިލްމުގެ ވިޔަފާރި މިހާރު ކުރިއަށް ދާ ގޮތަށް ބަލާއިރު އެއީ އަވަހަކަށް ހާސިލުކުރެވިދާނެ އަދަދެއް ނޫނެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް އެވޯޑް ސީޒަނާ އެކު މި ފިލްމު އެވޯޑްތަކުގެ ފެވަރިޓަކަށް ބަދަލުވެ އޭގެ ވިޔަފާރި ރަނގަޅުވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވެސް ބުނެ އެވެ.