ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މަޖުބޫރު ނުކުރާނެ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީން ގެންދަނީ ކޮވިޑް ވެކްސިނަށް އާންމުން ހޭލުންތެރި ކުރުމަށް އެކި މައުލޫމާތުތައް އާންމު ކުރަމުންނެވެ. އެގޮތުން މިއަދު އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށެވެ. ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށެވެ.
"ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ،"
ރާއްޖޭގައި ޖަހަން ނިންމާފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިނެވެ. އިންޑިއާއިން މިހާރުވެސް ވަނީ ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. އެ ވެކްސިން ވަނީ ރައްކާތެރިކަމާއެކު ގުދަން ކޮށްފައެވެ. އިންޑިއާ އިން ހަދިޔާކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 މީހުންނަށް ވެކްސިން ދެވޭނެ އެވެ.
އެޗްއީއޯސީން ބުނީ މި ވެކްސިން ހިޔާރުކުރީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަން ދެނެގަނެވިފައިވާ ވެކްސިނަކަށްޗވާތީ ކަމަށެވެ. އަދި މިއީ ފަސޭހައިން ފިނިހޫނުމިން ބެލެހެއްޓޭ ގޮތަށް އާދައިގެ ފްރިޖްތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެެއްޓޭ ވެކްސިނަކަށްވާތީ ކަމަށެވެ.
އެ ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެޗްއީއޯސީން ބުނީ ވެކްސިން މިހާރު ވަނީ ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައި ކަމަށެވެ. ރާއްޖޭގައި ދޭ ހުރިހާ ވެކްސިނަކީވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީޣެ ހުއްދަ ލިބިގެން ކަމަށްވެސް ބުންޏެވެ.
މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.