ބޮލީވުޑް

ޕްރިޔަންކާގެ ބައްޕަގެ ރޯލު ކުޅެން އަނިލް ދެކޮޅުހެދި

ޕްރިޔަންކާގެ ޗޯޕްޅާގެ ބައްޕަގެ ރޯލު އަނިލް ކަޕޫރު ކުޅެފައިވީ ނަމަވެސް "ދިލް ދަޅަކްނޭ ދޯ" ބެލި ގިނަ މީހުން އޭނާ އެ ރޯލުކުޅެގެން ހިތްހަމައެއް ނުޖެހުނެވެ. ޚުދް އަނިލް ވެސް އެ ރޯލު ކުޅުނީ އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ. އަނިލް ހުންނަލެއް ޒުވާންކަމުން އަދިވެސް ގިނަ ބަޔަކަށް އޭނާ ބައްޕަގެ ރޯލު ކުޅޭތަން ބަލަން އެހާ ފަސޭހަ ނޫނީ އެވެ.

އަނިލް ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި "ދިލް ދަޅަކްނޭ ދޯ"ގައި ޕްރިޔަންކާގެ ބައްޕަގެ ރޯލު ނުކުޅޭން އޭނާ ވަރަށް މަސައްކަތް ކުރި އެވެ.

އަނިލް ބުނި ގޮތުގައި ކޮންމެވެސް ފިލްމެއްގައި ޕްރިޔަންކާގެ ލޯބިވެރިޔާގެ ރޯލު ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. އެހެންވީމާ ޕްރިޔަންކާގެ ބައްޕަގެ ރޯލު ކުޅެން އޭނާ ފަސް ޖެހުނީ އެވެ.

އަނިލް އެ ރޯލު ނުކުޅެން ބަހަނާ ދައްކާކަން އެނގިގެން އެ ރޯލު ކުޅެން އޭނާ އެއްބަސްކުރުވީ ދަރިފުޅު ހަރްޝްވަރްދަން ކަމަށް ވެސް އަނިލްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

"މި ޚަބަރު ހަރްޝް އަށް ލިބިގެން އަހަރެން ކައިރިއަށް އައިސް ބުނި އަހަންނަކީ އަސްލު އޭނާގެ (ޕްރިޔަންކާގެ) ބައްޕައެއް ނޫނެއް ނޫންހޯ. އެއީ ބައްޕަ ކުޅޭ ރޯލެއް ނޫންހޯ. އެ ކަހަލަ ކަންތައްތަކާ ތަންކޮޅެއް ހުޅުވިފައިވާ ސިކުނޑިއަކުންނޯ ވިސްނަން ޖެހޭނީ،" އެ ރޯލު ކުޅެން އޭނާ އެއްބަސްވީ ސަބަބު ކިޔައިދެމުން އަނިލް ބުންޏެވެ.

އަނިލް ބުނި ގޮތުގައި "ލަމްހޭ"ގައި އޭނާގެ އުމުރަށް ވުރެ މާ ދުވަސްވީ މީހެއްގެ ކެރެކްޓާ އޭނާ ކުޅެފައި ވެއެވެ. ވީމާ ޕްރިޔަންކާގެ ބައްޕަގެ ރޯލު ހަގީގަތުގައި އޭނާއަށް ނުކުޅެވެންވީ ސަބަބެއް ނެތެވެ.