ބޮލީވުޑް

ޕްރިޔަންކާއަށް މިސް ވޯލްޑް ލިބުނު ގޮތާ މެދު ސުވާލު އުފައްދައިފި

ޕްރިޔަންކާ ޗޯޕްޅާ އަށް މިސް ވޯލްޑް މުބާރާތުން އެއްވަނަ ލިބި އޭނާގެ ބޮލުގައި މިސް ވޯލްޑްގެ ތާޖު އަޅުވާފައިވަނީ 2000 ވަނަ އަހަރު އެވެ. އެ އަހަރު އެ މުބާރާތުގައި ބައިވެރިވި ރީތީގެ ރާނީންގެ ތެރޭގައި މިސް ބާބަޑޯސް އަށް ހޮވުނު ލީލާނީ ނަމަކަށް ކިޔާ ޒުވާނަކު ހިމެނެ އެވެ.

މި މުބާރާތް ބޭއްވިތާ 22 ވަރަކަށް އަހަރު ފަހުން ޕްރިޔަންކާ އަށް ވަރަށް ބޮޑު ތުހުމަތެއް ކޮށް މިސް ބާބަޑޯސް 2000 ދާދިފަހުން ސޯޝަލް މީޑިއާގައި ސުވާލުތަކެއް ކޮށްފައިވެ އެވެ.

ޔޫޓިއުބާ އެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ލީލާނީ ބުނެފައިވާ ގޮތުގައި ޕްރިޔަންކާ އަށް މިސް ވޯލްޑްގެ މަގާމު ލިބުނީ މަކަރު ހަދައި އޮޅުވާލައިގެންނެވެ.

ލީލާނީ މި ވާހަކަތައް ދެއްކީ މިސް ޔޫއެސްއޭ 2022އާ ގުޅޭ ގޮތުން މިހާރު ފެތުރެމުންދާ ވާހަކަ ތަކަކާ ގުޅިގެންނެވެ. މިފަހަރު މިސް ޔޫއެސްއޭ އިންތިޒާމު ކުރި ފަރާތާއި ޝޯގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި މީހުންނަށް ބޮޑު ތުހުމަތެއްކޮށް އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. ގިނަ ބަޔަކު ބުނަނީ އެ ޝޯގައި ވެސް މަކަރުހެދުމާއި އޮޅުވާލުމުގެ ކަންތައް ގަނޑެއް ހިނގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިސް ބާބަޑޯސް 2000 ބުނީ އޭނާގެ ހަނދާނަށް އަންނަނީ 2000 ވަނަ އަހަރު އެމީހުން މިސް ވޯލްޑް މުބާރާތުގައި ވާދަކުރި ދުވަސްވަރު ކަމަށެވެ. އެ ދުވަސްވަރުގެ ތަޖުރިބާ ކިޔައިދެމުން އޭނާ ބުނީ 1999ގެ މިސް ވޯލްޑަކީ ވެސް އިންޑިއާ ކުއްޖެއް ކަމަށާއި 2000ގެ މިސް ލްޑް ވެސް ގެންދިޔައީ އިންޑިއާ ތަމްސީލުކުރި ރީތީގެ ރާނީ ކަމަށެވެ. އެގޮތަށް މިސް ވޯލްޑް އިންޑީއާ އަށް ލިބުނު ސަބަބެއް ކަމަށް ލީލާނީ ބުނީ އެ ދެ ފަހަރު ވެސް މިސް ވޯލްޑް މުބާރާތުގެ އެއް ސްޕޮންސަރަކީ އިންޑިއާގެ ޒީ ޓީވީ އަށް ވާތީ އެވެ.

"އަހަރެން މިވަނީ ވަރަށް ގާތުން މި ހުރިހާ ކަމެއް ދެކެފައި. އެފަހަރު އަހަރެން ވަނީ މިސް ބާބެޑޯސްގެ ހައިސިއްޔަތުން މިސް ވޯލްޑް މުބާރާތުގައި ބައިވެރިވެފައި. އޭގެ ކުރީ އަހަރު މިސް ވޯލްޑް ލިބުނީ އިންޑިއާގެ ޔުކްތާ މުކީ އަށް. އަދި 2000 ވަނަ އަހަރު ޕްރިޔަންކާ އަށް. އެ ދެ އަހަރުވެސް މި މުބާރާތުގެ އެއް ސްޕޮންސަރަކީ ޒީ ޓީވީ. އެއީ އިންޑިއާގެ ކޭބަލް ސްޓޭޝަނެއް. އަހަރެމެންގެ ސޭޝްތަކުގެ މަތީގައި ވެސް ޒީޓީވީ ޖަހާފައި ހުރި. އޭގެ ފަހުން އަހަރެމެންގެ ގައުމާއި ނަން ޖަހާފައި ހުރީ،" އަމިއްލަ ޔޫޓިއުބު ޗެނަލްގައި ޝެއާކުރި ވީޑީއޯއެއްގައި މިސް ބާބަޑޯސް ބުނެފައި ވެއެވެ.

އެ ފަހަރުގެ މިސް ވޯލްޑް މުބާރާތުގައި ޕްރިޔަންކާ ކޮޅަށް އެންމެން ޖެހިފައިވާ މިންވަރުގެ މިސާލުތަކާއި ވާހަކަތައް ވެސް މިސް ބާބެޑޯސް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ޕްރިޔަންކާ ލައިގެން ހުރި ގައުން ވެސް ހުރީ އެހެން މީހުންގެ ގައުން އަށް ވުރެ މާ ރީތިކޮށެވެ. އޭނާއަށް ކާއެއްޗެތި ވެސް ކޮޓަރިއަށް ފޮނުވައިދެ އެވެ. އޭނާގެ ބޮޑު ފޮޓޮއެއް ނޫސްތަކުގައި ޖަހާފައި ހުރިއިރު އެހެން ހުރިހާ ކުދިންގެ ހުރީ ކުޑަކުޑަކޮށް ހުރި ގްރޫޕް ފޮޓޯ އެކެވެ.

ސްވިމްސޫޓް މުބާރާތުގައި ވެސް ޕްރިޔަންކާއަށް ފޮތިގަނޑެއް އަންނަން ހުއްދަ ލިބުނުއިރު އެހެން އެއްވެސް ކުއްޖަކަށް އެ ހުއްދައެއް ނުލިބުނެވެ. އަދި ސްކިން ޓޯން ކްރީމެއް ޕްރިޔަންކާ އެ މުބާރާތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް މިސް ބާބެޑޯސް ތުހުމަތު ކުރި އެވެ. ނަމަވެސް އެ ކްރީމް ބޭނުންކުރުމުން ވެސް ޕްރިޔަންކާގެ ކުލަ ރީތި ނުވެގެން އޭނާއަށް ސްވިމް ސޫޓު އެކަނި ލައިގެން ހުންނަން ނުކެރުނީމަ ފޮތިގަނޑެއް އަންނަން ހުއްދަ ދިނީ ކަމަށް މިސް ބާބެޑޯސްގެ ތުހުމަތުތަކުގައި ބުނެފައި ވެއެވެ.

މުބާރާތްތަކުގައި ވަކި ބައިވެރިޔަކަށް ފޭވާ ކުރުމަކީ އެ ބައިވެރިޔަކުގެ ކުށެއް ނޫން ކަމަށް ލީލާނީ ވެސް ގަބޫލު ކުރެ އެވެ. އަދި އެއީ ޕްރިޔަންކާގެ ކުށެއް ނޫން ނަމަވެސް އޭނާއަށް އެ މުބާރާތުން އެއްވަނަ ލިބުން ހައްގު ނޫން ކަމަށް ލީލާނީ ގަބޫލު ކުރެ އެވެ.

މި ވީޑީއޯ ބަލާފައި އިންޑިއާގެ ގިނަ ބަޔަކު ވަނީ ޕްރިޔަންކާ ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. އަދި ކުރިން މި ވާހަކަ ނުދައްކާ 22 ވަރަކަށް އަހަރު ހުރެފައި ކުއްލިއަކަށް ދެން މިސް ބާބެޑޯސް 2000 މި ވާހަކަތައް ދައްކާ ސަބަބެއް ނޭނގޭ ކަމަށް ބުނެ އިންޑިއާ މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެމީހުންގެ ނަޒަރުގައި މިސް ވޯލްޑް މުބާރާތުގެ ހުރިހާ ސެގްމެންޓް ތަކެއްގައި ވެސް ކުރީގައި އުޅުނީ ޕްރިޔަންކާ އެވެ.