ބޮލީވުޑް

ޕްލާސްޓިކް ސާޖަރީ ހެދީމަ 'ޕްލާސްޓިކް ޗޯޕްޅާ"އޭ ކީ: ޕްރިޔަންކާ

ފިލްމު ކުޅޭ މީހުންނާއި މޮޑެލް ކުރާ މީހުން އެމީހުންގެ ސިފަ އިތުރަށް ރީތިކުރުމަށް ޕްލާސްޓިކް ސާޖަރީ ހެދުމަކީ އާއްމު ކަމެކެވެ.

ކެޓުރީނާ ކައިފް، މޯނީ ރޯއީ، ޝްރީދޭވީ، އަނުޝްކާ ޝަރުމާ އަދި ޝިލްޕާ ޝެޓީ ފަދަ ބަތަލާއިން ޕްލާސްޓިކް ސާޖަރީ ހަދައި އެމީހުންގެ ސިފަޔަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައި ވެއެވެ. ޕްރިޔަންކާ ޗޯޕްޅާ ވެސް ނޭފަތް ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހަދާފައިވެ އެވެ.

ގިނަ ބަތަލާއިން ޕްލާސްޓިކް ސާޖަރީ ހެދުމަށްފަހު އެކަން ކުރި ކަމަކަށް އެއްބަހެއް ނުވެ އެވެ. ނަމަވެސް ޕްރިޔަންކާ އެއްބަސްވި އެވެ. އެކަމަކު އޭނާ ބުނީ ނޭފަތުގެ ސާޖަރީ ހެދީ ނޭވާހިއްލުމުގެ މައްސަލަތަކެއް އުޅޭތީ އެކަން ރަނގަޅުކުރަން ކަމަށެވެ.

ސާޖަރީ ހެދުމުގައި ޑޮކްޓަރުން ހެދި ގޯހަކުން އޭނާގެ ސިފަ އަބަދަށްޓަކައި ބަދަލުވެދާނެ ކަމަށް ހީނުކުރާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާގެ އޮޓޯބައިގްރޮފީ "އަންފިނިޝްޑް"ގައި މި ވާހަކަ ވެސް އޭނާ ކިޔައިދީފައި ވެއެވެ.

"އަހަރެންނަށް އޭރު ވަރަށް ގިނައިން ނޭވާލުމުގެ މައްސަލަތައް ދިމާވި. އެއީ އެސްމާ (ނޭވާހިއްލުން) މައްސަލަ ހުންނަ މީހަކަށް ވަރަށް އުނދަގޫވާނެ ކަމެއްކަން އެންމެންނަށް ވެސް އެނގޭނެ. އެހެންވެ އަހަރެން ޑޮކްޓަރަކަށް ދެއްކީ. އެއީ އާއިލާގެ މީހަކު މާމޮޅު ޑޮކްޓަރެކޭ ބުނެގެން ދެއްކި ޑޮކްޓަރެއް. ޑޮކްޓަރު ބުނި އަހަރެންގެ ނޭފަތުގެ ކެވިޓީގައި ޕޮލިޕްއެއް އެބަ އިނޭ. ސާޖަރީ ހަދައިގެން ނަގާށޭ ޖެހޭނީ،" ޕްރިޔަންކާގެ އޮޓޯބައިގްރަފީގައި ވެއެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ސާޖަރީ ހަދައިގެން އެ ޕޮލިޕް ކަހާލުމުގެ ތެރޭގައި ޑޮކްޓަރަށް އޭނާގެ ނޭފަތް މަތި ވެސް ކަހާ ލެވުނީ އެވެ. އެކަން އެނގުނީ ސާޖަރީ އަށް ފަހު ނޭފަތުގައި ތަތްކޮށްފައިވާ ބެންޑޭޖްގަނޑު ނައްޓާލުމުންނެވެ.

"އަހަރެންގެ އަސްލު ނޭފަތުގެ ސިފަ އޭރު ވަނީ މުޅިން ގެއްލިފަ. މަންމަ އާއި އަހަރެން ބިރުން ގޮސް ހަލާކު ނުވީ ކިރިޔާ އެ ވަގުތު. އަހަރެންގެ މޫނުގެ ސިފަ ވަނީ މުޅިން ބަދަލުވެފައި. އަހަރެން ދެރަވެގެން ގޮސް ހަދާނެ ގޮތް ހުސްވި. އަހަރެން ހަނދާން އެބަހުރި އެ ދުވަސްވަރު މީޑިއާ އިން އަހަންނަށް 'ޕްލާސްޓިކް ޗޯޕްޅާ' އޭ ކިޔާ ހަނދާން،" ޕްރިޔަންކާގެ ހަޔާތުގެ ވާހަކަތައް ލިޔެފައިވާ ފޮތުގައި ވެއެވެ.

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި ނޭފަތަށް ލިބިފައިވާ ގެއްލުން ޕޮލިޕެކްޓަމީ ކިޔާ ސާޖަރީއަކުން ރަނގަޅުކުރީ އޭނާއަށް އެކަން ކުރަން މަޖުބޫރުވެގެންނެވެ.