(21 ޖަނަވަރީ 2021 އާ ގުޅޭ)
ބެލްކަނީގައި އަތްއަޅުވާލައި މަގުމައްޗަށް ބަލަންފެށި އެވެ. އެވަގުތު ސަބީނާގެ ބައިން މަގުމައްޗަށް ހުންނަ ބެލްކަންޏަށް ނުކުތްތަން ފެނުނީ ރިދާން އެވެ. މަގުގެ ދެފަރާތުގައި ދެ ގެ ހުންނަނީ ކުރިމައްޗަށެވެ. ރިދާންއަށް އައްޔޫބު ފެނުމުން ހިނިތުންވުމެއް ދެމުން ބޮލުން އިޝާރާތެއްކޮށްލިއެވެ. އައްޔޫބު ވެސް ކަންތައްކުރީ އެފަދައިންނެވެ. ގިނައިރަކު އޭނާ މަޑެއްނުކުރިއެވެ. އައްޔޫބު ފެނުނީމާ ކަންނޭނގެއެވެ. ރިދާން އެތެރެއަށް ވަދެއްޖެއެވެ.
"ރޫމާ ނުރުހޭނެ ކަންނޭނގެ." އިރުކޮޅަކު ހުރެފައި ފުން ނޭވާއެއް އައްޔޫބު ދޫކޮށްލި އެވެ. ކުރެވުނު ޚިޔާލާ ސިކުނޑިއާއި ހިތުގައި ޚިލާފުތަކެއް އުފެދުނު އިރު އަނބިމީހާ ވެސް އޭނާއާ އެއްބައި ނުވާނޭ އައްޔޫބަށް ހީކުރެވުނެވެ.
"މިއަދު ހަދާ ހެދިކާއިން ގެޔަށް ބައެއް އަޅައްޗޭ، އެ ގަޑިއަށް އަންނާނަން މަންމައަށް އެހީވާން." ސައި މޭޒުދޮށުގައި އުޅުނު ނޯޔާ ބުންޏެވެ.
"ހެދިކާ ކާ މީހަކު މިގޭގަ އެބައުޅޭތަ؟" ނޯޔާގެ ވާހަކައާ މެދު ރޫމާ ސުވާލު އުފެދުނީ އެވެ.
"ޔަޝާ އަންނާތީ." ނޯޔާ ބުންޏެވެ.
"މަންމަ ކައިރިއަށް ގޮސްފަތަ އެ އައީ." ރޫމާއަށް އަހާލެވުނެވެ.
"ހޫމް!... މެލޭއަށް ފުރީއްސުރެ ފާތުން ދައްތަ ވަރަށް ގުޅާ، އަހަރެމެންނަށް ހަދިޔާ ވެސް ފޮނުވާދޭ، ފާތުންދައްތަ ޓިކެޓު ވެސް ހަމަޖައްސައި ދިނީ، ޔަޝާ ބުނި ފާތުން ދައްތަ އިނދެގެން އުޅޭ ބޭބެ ވެސް ވަރަށް ރަނގަޅޭ، ކޮއްކޮމެން ވެސް އުޅެނީ ވަރަށް ވަރަކުންނޭ ބުނި."
"ޔަޝާ ބައްޕައަށް އެނގޭތަ؟" ނޯޔާގެ ވާހަކައިގެ ތެރެއިން ރޫމާއަށް އަހާލެވުނެވެ.
"އެނގޭނެހެން ހީވަނީ، ބައްޕައަށް ނޭނގި ޔަޝާއަށް ފިޔަވަޅެއް ވެސް ނޭޅޭނެ." ނޯޔާ ބުންޏެވެ.
"ލައްކަ ވާހަކަ ހުންނާނެ މިގެއަށް އައިސް، ތިވީ ގޮތުން ހަނޑުލުގުޅަ ބަހައްޓަން ޖެހޭނެ ކޮންމެހެން ވެސް." ކުޑަކޮށް ހިނިއައިސްފައި ހުރެ ރޫމާ ބުންޏެވެ.
* * * * *
އަނުމް ފެންވަރުވަން ތަށީތެރެއަށް ލައިގެން އަސްލަން އިނެވެ. އޭނާގެ ކަނާއަތް ފަރާތުގައި ކުޑަތުވާލި ކޮޅު ހިފަހައްޓާލައިގެން ސާރާ ހުއްޓެވެ.
"މީ ފަޅުގެއެއްތަ؟" ކޮޓަރި ތެރެއިން ރިދާންގެ އަޑު އިވުނެވެ.
"މިއަދު ޑެޑީގެ ދުވަހެއްތަ؟" ފާޚާނާ ދޮރުމަތީ ހުރެފައި ރިދާން އަހާލި އެވެ.
އަނުމް ގޮވައިގެން އަސްލަން ތެދުވި އެވެ. ސާރާ އަވަހަށް ތުވާލިކޮޅު ބައްޕައަށް ދިއްކޮށްލި އެވެ. އަނުމްގެ ގައިގާ ތުވާލިކޮޅު އޮޅާލައިގެން ފާޚާނާއިން އަސްލަންއާއެކު ސާރާ ވެސް ނުކުތެވެ.
"ސައިބޯން ނުވޭތަ؟" ރިދާން އަހާލި އެވެ.
"އަނުމް ރީތި ކޮށްލައިގެން މިދަނީ." އަސްލަން ބުންޏެވެ. ރިދާން އިށީނީ ކުޑައެނދުގެ ކައިރީ ހުރި ގޮނޑީގަ އެވެ. ފަރުވާތެރިކަމާއެކު އަސްލަންގެ ހަރަކާތްތަކަށް އޭނާ ބަލަން އިނެވެ.
"އަހުރުމެން ފިރިހެނުންނަށް ވެސް ނުވާނެކަމެއް ނޯންނާނެ." ވަރަށް ވިސްނަން އިނދެފައި ރިދާން ބުންޏެވެ. އޭނާއަށް ބަލާލާފައި އަސްލަން ޖަހާލީ ހިނިގަނޑެކެވެ.
"ކިހިނެއްވީ؟ ރަނގަޅު އެއްޗެއް ނޫންތަ މިބުނީ، އަސްލަންބެ ފިރިހެނަކަށްވެ ހުރެ ތި ޕްރޫވްކޮށްދެނީ ދަރިން ބެލުމަކީ އަންހެނުންނަށް އެކަނި ކުރެވޭނޭ ކަމެއް ނޫންކަން." ޔަގީންކޮށްދޭން އުޅޭ ފަދައިން ރިދާން ބުނެލިއެވެ.
"އަންހެނަކު ބަލާހެން ބެލިދާނެތަ؟." އަނުމް ތައްޔާރު ކުރަމުން އަސްލަން ކޮށްލީ ސުވާލެކެވެ.
"އާން!... ނުބެލޭންވީ ސަބަބެއްނެތް." ރިދާން ވަގުތުން ޖަވާބު ދިނެވެ. އަސްލަން ބަލާލީ ގާތުގައި އެނދަށް އަރާ އިން ސާރާއަށެވެ.
"ސާރާ، ކޮއްކޮ ހޭލާތޯ ގޮސް ގޮވާލަބާ." އަސްލަން ބުންޏެވެ.
"ނުހޭލާނެ... ޑެޑީ ރުޅި ނާންނަނީސް ނުތެދުވާނެ، އަޅުގަނޑު ގޮވައިފިއްޔާ ބޮޑާހާކަން ފަށާނެ." ދާން ބޭނުންނުވެފައި އިންހެން ސާރާ ބުންޏެވެ.
"ޑެޑީ ބުންޏޭ ބުނޭ... ނުތެދުވިއްޔާ ބުނޭ، އޭރުންދެން ޑެޑީއާ ޖެހުނީ." އަސްލަންގެ ވާހަކައަށް ސާރާއަށް ބޯ ޖަހާލި އެވެ. އެނދުން ފައިބައިގެން އެކުއްޖާ ނުކުންނަން ދެން އަސްލަން ދޮރާ ދިމާއަށް ބަލަން ހުއްޓެވެ. ދެން އަނެއްކާ ވެސް އަނުމް ތައްޔާރު ކުރަން ފެށި އެވެ.
"ރިދާންގެ ވާހަކަ ގޯހީކީ ނޫން، މަންމަ ބަލާހެން ބައްޕައަކަށް ނުބެލޭނެ، އަހަރެމެން ކުދީން ބައްޕައަކާ ނުލާ މަންމަ ގެންގުޅުނީ، އެކަމަކު މަންމަގެ ބަދަލުގައި ބައްޕަ ހުރިނަމަ ހީވޭތަ އަހަރެމެން ބޮޑުވާނީ މިހާރު މިތިބަ ގޮތުގަހެން. މަންމަ ހޭދަ ކުރި ވަގުތާ ކައިރިއަށް ވެސް އަހަރެންނަށް އަހަރެންގެ ކުދީން ގާތު ވަގުތު ހޭދަ ނުކުރެވޭ، މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ހުއްޓަސް، ހުރިހާ ވަގުތު ކުދީންނާއިގެން އުޅުމަކީ ހަށިގަނޑަށްވުރެ ސިކުނޑި ވަރުބަލިވާ ކަމެއް، އެކަމަކު މަންމަ ދުވަހަކު ވެސް އަހަރެން ނުދެކެން އަހަރެމެންގެ ކަމެއްގައި ވަރުބަލި ވެގެން އުޅޭތަނެއް."
"ދެން ބޭބެ އެ ކުދީންނަށް މަންމައެއް ހޯދައި ދޭން ނުވިސްނަންތަ." ރިދާން ބުނެލި އެވެ. އަސްލަންގެ މޫނުގައިވި ސީރިއަސް ކަމާއި ހިނދު ކޮޅަކަށް އޭނާގެ ހަރަކާތް ހުއްޓި މަޑުޖެހިލި ގޮތް ފަރުދާކޮށްލީ ލުއި ހީނލުމަކުންނެވެ.
"ތި ޖެހުނީ ބޮޑުތާ... މަންމަ ރިދާން ކައިރީ ވެސް ދެއްކީތަ؟." އަސްލަން ބުންޏެވެ.
"ނޮޓް ރިއަލީ... އަސްލަންބެއާމެދު މަންމަ ވަރަށް ވިސްނާ." ރިދާންގެ އަޑުގައި ވެސް މިފަހަރު ހުރީ ސީރިއަސް ކަމެވެ.
"އެނގޭ... އެކަމަކު..." އަސްލަންގެ ވާހަކަ ހުއްޓުނީ ފޯނު ރިންގުވާ އަޑަށެވެ.
ރީތިކޮށްލި އަނުމް އުރާލައިގެން އަސްލަން ހިންދެމިލި އެވެ. އޭނާގެ އަތުން އެކުއްޖާ އުރާލީ ރިދާނެވެ. އަސްލަން އައިސް އެނދުއަރިމަތީ ހުރި ކުޑަކަބަޑު މަތިން ފޯނު ނެގިއެވެ.
"ހެލޯ... މޯނިންގް، ހާދަ ހެނދުނަކާ." ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އަސްލަން ވާހަކަ ދެއްކި އެވެ.
އަސްލަން ފޯނުގައި ހުރެ ކޮޓަރިން ނުކުތެވެ. މަލްސާ ރުޅިގަދަވެގެން އުޅޭ އަޑު ކަންފަތުގައި ޖެހުނެވެ. ފޯނުކޯލުގައި ހުރި އަސްލަން އައިސް ސާރާއާއި މަލްސާއާ ދެބެންގެ ކޮޓަރި ބަލާލި އެވެ. އަސްލަން ފެނުމާއެކު ސާރާ ހިމޭންވި އެވެ. މަލްސާ ފެށީ ރޯށެވެ. އަސްލަންއަށް ވަގުތުން ނަގައިގަނެވުނެވެ. ދެބެންގެ މޫނަށް ވަކިވަކިން ބަލާލާފައި އަސްލަން ފޯނުކޯލު ކުރުކޮށްލީ އެވެ. މަލްސާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެކަން ޔަގީނެވެ. އެކުއްޖާ ރޯން އެފެށީ އެހެންވެއެވެ. ހެނދުހެނދުނާ މަލްސާ ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ. މައިރާ ހުރިނަމަ މިހާރު ހުރިހާ ކުދީންގެ ކަންކަން ހުންނާނީ ކުރެވިފަ އެވެ. އޭނާ އެކަންކަން ކުރަނީ ކިހިނެއްކަމެއް ވެސް އަސްލަންއަށް ނޭނގޭނެ އެވެ.
"މަލް..." އަސްލަން ގޮވާލި އެވެ. ނޭފަތް ދަމަމުން މަލްސާ އަނގައިން ނުބުނެ އިސް އޮބާލީ އެވެ.
"މަލް ވާހަކަ ނުދައްކަންޏާ ސާރާ ކިޔާދީ ޑެޑީއަށް."
"މަލް ގަސްދުއެއް ނޫން... މަލް ބުނިން ސޮރީ." ސާރާ ވާހަކަދެއްކުމުގެ ކުރީން މަލްސާ ނިކަން އަވަހަށް ކިޔައި ދޭން ފެށިއެވެ. އޭނާގެ ކުށެއްނެތް ކަމެވެ. ބަސްނޭހީއޭ އަސްލަންއަށް ހީވެދާނޭ ކަމަށެވެ.
ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުން އަސްލަން ހައްލު ކުރިއިރު ވަގުތު ކުޑަތަން ވެއްޖެ އެވެ. ރިދާންއާއެކު ސާރާ ފޮނުވާލީ ސަބީނާގެ ބަޔަށެވެ. ހެނދުނު ސުކޫލަށް ގެންދަންވާއިރަށް ސައިދޭށެވެ. މަލްސާ ކުސްތަޅަމުން ފާޚާނާއަށް ވަނީ ބައްޕަ ބަލަން ހުރީތީ އެވެ. ބުރުހުގައި ބޭސް ޖަހައިދީފައި އަސްލަން ފާޚާނާއިން ނުކުތެވެ. މަލްސާ ނުކުންނަންވާއިރަށް ތަންމަތި ރީތި ކޮށްފައި އޭނާ އައީ ހެނދުން ބަދަލު ކޮށްގެންނެވެ. ސާރާ ގޮވައިގެން ސްކޫލު ދޮށަށް ދާންޖެހޭނެތީ އެވެ. ދެން މަލްސާ ނިމިފައި ހުރުމުން އޭނާ ގޮވައިގެން އަވަހަށް އައީ މަންމަގެ ބަޔަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު އޭނާ ޖެހެނީ ތެޅިފޮޅޭށެވެ.
"އަހަރެން އޮފީހަށް ދާ މަގުމަތީ ސާރާ ގެންގޮސްދީފާނަން." ސައިބޯން އިން ރިދާން ބުންޏެވެ.
ކާ މޭޒުދޮށުގައި ރިދާން އާއި އަސްލަންގެ އިތުރުން ކުދީންނާއި ސަބީނާ ވެސް ހެނދުނުގެ ނާސްތާކުރަން ތިއްބެވެ. ރިދާން ފާޅުކުރި ޚިޔާލަށް އެންމެ އަވަހަށް ތާޢީދު ކުރީ ސަބީނާ އެވެ. އަސްލަންއަށް އެގޮތް ކަމުނުދިޔަ ނަމަވެސް މަންމަ ބާރު އެޅިވަރުން ނޫނެކޭ ނުބުންޏެވެ.
* * * * *
ހަވީރުގެ ވަގުތެވެ. އޮފީސްތަކުން ނުކުންނަ މީހުން ގިނަ އެވެ. މިއަދު ގެއަށް ދިއުމުގެ ބަދަލުގައި ލޫނާގެ މިސްރާބު ތަފާތެވެ. އަވަސްވެފައިވާ ހިތާއެކު ފިޔަވަޅު ވެސް ހަލުވިކޮށްލި އެވެ. އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އޮފީހުގައި ވަގުތު ހިނގަމުންދިޔަލެއް ލަސްވެފައި އިންއިރު މަގުމައްޗަށް ނުކުމެވުމާއެކު ވަގުތުގެ ދުވެލި ބާރުވެއްޖެހެން ލޫނާއަށް ހީކުރެވުނެވެ. ހެނދުން ފެށިގެން ތުންފަތަށް ވެރިވި ހިނިތުންވުން އަދި ފަނޑުނުވެ އެވެ. ފުންނޭވާއެއް ލީ ގޮތުން ހީވީ އަމިއްލަ ހިތަށް ހަމަޖެހޭށޭ އަންގާލީ ހެންނެވެ.
މަގުގެ ދެ ކޮޅު ބަލާލައި ލޫނާ ހުރަސްކޮށްލި އެވެ. މެދުމިނުގެ އުސްކަމެއް ހުރި މެރޫންކުލައިގެ ބޫޓު އޭނާ އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ލާފައި ހުރި ދިގު ހެދުމުގެ ފަސްބައިގެ ދަށުން ހާމަވެލައެވެ. ދިވެހިންގެ މެދުގައި ޢާއްމުކޮށް ފެންނަ ފަދަ އޮޅަލި ކުލައިގެ ހަމެވެ. ދިގު މޫނާއި ހަށިގަނޑު ހިމައެވެ. މޭކަޕް ކުރުމަކީ ލޫނާ ދެވިހިފައިފާ ހުންނަ އާދައެއް ކަހަލައެވެ. މޭކަޕްނުކޮށް އޭނާ ގެއިން ބޭރަށް ފިޔަވަޅެއް ނާޅާނެއެވެ. ދޫކޮށް ހުންނަ ދިގު ހެދުން އަޅާއިރު އެ ހެދުންތަކުން ފެންނަނީ ޒަމާނީ ގޮތެވެ. ނަމަވެސް މިއަދު ޢާއްމުކޮށް ފެންނަ ލޫނާއާ އަޅާފައި ހުރި ހެނދުން ނުގުޅެއެވެ. އެއްވެސް ގޮތެއް ނުހަދާ ހުރި ކަޅު ހެދުމެކެވެ. ދެއަތުގައި ފެންނަން ހުރި މާގަނޑަކީ ވަކިން ހަރުމުގެ ބަދަލުގައި ފޮތީގައި ހުރި ގޮތެކެވެ. މާގަނޑުން ފެންނަން ހުރި ފަތްތަކުގެ ކުލައާ ގުޅުވައި ޝޯލް އަޅާފައި ހުރިއިރު ބޯނިވާ ކޮށްލުމަށްފަހު ދެން އޮތް ބައި އޮތީ ކަރުގައި އޮޅާލާފައި ފަހަތަށް ދޫކޮށްލާފަ އެވެ. ހެދުމުގެ އަތް ހުރީ އަތުގެ ކުޑަހުޅަށްވުރެ މަތީގައެވެ. އެ ދެމެދުގައި ކައިވަތެއް ހަމަނުވާނީ ކިރިޔާއެވެ. ދިގު އިނގިލިތަކެއް ލިބިފައިވާ އަތްތިލައެކެވެ. ހިސާބަކަށް ދިގުކޮށްފައި ހުރި ނިޔަފަތިތަކުގެ ދިގުވެފައިހުރި ބައި ވަކިން ފާހަގަވާނޭ ގޮތަށް ހުދުކުލައިގެން ވަފާލާފައި ހުއްޓެވެ.
"ލޫނާ... ލޫނާ..." ދުރުން ފިރިހެނަކު ގޮވާލި އެވެ.
ހޯދާލަމުން ލޫނާ މަޑުކޮށްލި އެވެ. އެވަގުތު ދުވާރުގެ ކައިރިއަށް ސައިކަލެއް އައިސް މަޑުކޮށްލިއެވެ. ދެ ޒުވާނުން ބަދަލު ކޮށްލީ ދެކެފަރިތަކަމުގެ ލުއި ހިނިތުންވުމެކެވެ.
"ހުސެން ދޯ ގޮވީ." ހިނިތުންވެލައިގެން ހުރެ ލޫނާ ބުންޏެވެ.
"އަވިއްސެއްހެން ކޮންދިމާއަކަށް ބަހައްޓާފަ." ހުސެން އަހާލި އެވެ.
"މިދަނީ ރައްޓެއްސެއް ކައިރިއަށް." ލޫނާ ބުންޏެވެ.
"މި ހިސާބުން..."
"ހުސެން ކޮންދިމާލަކަށް ތިދަނީ؟ ސައިބޯން ދޯ." ޖަވާބު ދޭން ބޭނުންނުވެ ހުރެ ލޫނާ ވާހަކަ ދެއްކިއެވެ.
"އަސްލަން ކައިރިއަށް." ހުސެން މިހެން ބުނެލުމާއެކު ލޫނާގެ މޫނުން ހައިރާންކަން ފާޅުވިއެވެ.
"އަސް...ލަން..."
"ލޫނާ ވެސް ތިދަނީ އެ ގެއަށް ދޯ." ޒާތެއްގެ ހިންޏެއް އައިސްފަ އިނދެ ހުސެން ބުންޏެވެ.
"އަރާ، ދެމީހުން ވެސް މިދަނީ އެއްތާކަށް." ލޫނާ ބުނަންވީ އެއްޗެއް ނޭނގިފައި ހުއްޓާ ހުސެން ވާހަކަ ދެއްކި އެވެ. ދެމީހުން އެއްތަނަކަށް ދާއިރު ހުސެންއާއެކު ހިނގައްޖެނަމަ އަވަހަށް ދެވޭނެއޭ ލޫނާގެ ހިތަށް އެރި އެވެ. އެހެންވެ އިތުރު ވިސްނުމެއް ނެތި ހުސެންގެ ސައިކަލު ފަހަތަށް އަރިއަކަށް އަރާ އިށީނެވެ.
"ކޮބާ ހަމަޖެހިއްޖެ، ތިހެން ލޫނާ އިނީމަ ނުވެއްޓޭނެތަ؟ ބާރަށް ހިފަހައްޓައްޗޭ." ސައިކަލު ދުއްވާލުމުގެ ކުރީން ހުސެން ބުންޏެވެ.
"ނުވެއްޓޭނެ." ލޫނާ ބުނެލިއެވެ. ސައިކަލު ދުއްވާލަމުން ހުސެން ޖަހާލީ ހިނިގަނޑެކެވެ.
* * * * *
"ކޮބާ؟ ގެއިން ނުކުމެވޭ ވަރުވެއްޖެތަ؟ ލާނޭ ހެދުމެއް ލިބިއްޖެތަ؟" އެއްފައްޗަކަށް ނޯޔާ ކިޔާލީ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެއެވެ. ޔަޝާ އަންނާނޭ އިރަކަށް ކުރަމުން އައި އިންތިޒާރު ދިގުލާން ފެށުމުން ނޯޔާ ގުޅީއެވެ.
ޔަޝާއަކީ ސުކޫލު ދުވަސްވަރު ނޯޔާއާ ދިމާވި ރަޙުމަތްތެރިއެކެވެ. ސުކޫލު ނިމި ކުރިއަށް ދާނޭ ދާއިރާއެއް ނޭނގިފައި ހުރި ޔަޝާ ޤާނޫނު ކިޔަވަން ނިންމީ ނޯޔާ އެކަމަށް ޝައުގުވެރިކަން ފާޅުކުރީތީ އެވެ. ޔާޝާގެ ފުރާވަރުގައި މަންމައާއި ބައްޕަ ވަނީ ވަރުވެފައެވެ. އެ ދެމީހުން އެކަކުއަނެކަކާމެދު ރުޅިވެރިކަމެއް ނުދެއްކި ނަމަވެސް ވާހަކައެއް ނުދައްކައެވެ. މަންމައާއެކު ދިޔައީ ކުޑައަށްހުރި އަންހެންކޮއްކޮ އެވެ. ޔަޝާ ހުރީ ބައްޕަ ގާތުގައެވެ. ފުރަތަމަ ދެއަހަރު ޔަޝާއަށް ބައްޕަ ގާތުގައި ހުންނަން ޖެހުނަސް ފަހުން މަންމަ ގާތަށް ދިއުމުގެ ފުރުޞަތު ވެސް ޔަޝާއަށް ލިބުނެވެ. ނަމަވެސް ބައްޕައާ މެދު ޔަޝާއަށް ހަމްދަރުދީ ވެވެނީއެވެ. ވަރިވިތާ ދެއަހަރުވީއިރު މަންމަ ހުރީ މީހަކާ އިނދެގެންނެވެ. ދެން ލިބުނީ ޔަޝާއާއި ކޮއްކޮގެ އިތުރުން މަންމައަށް ކުއްޖަކު ލިބެން އުޅޭ ޚަބަރެވެ. އެކަމާ ޔަޝާ ގަޔާ ނުވެގެން ރުޅިގަދަވެގެން އުޅުނުކަން އެނގެނީ ނޯޔާއަށެވެ. އެހެންވިޔަސް މަންމައާއި ބައްޕަގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން އޭނާ ބޭނުމެއްނުވެއެވެ. ދެމީހުން ރަނގަޅު ނަމަވެސް ޔަޝާއަށް ބައްޕަގެ ކޮޅަށް ބުރަވެވެނީ މިއަދާ ހަމައަށް ވެސް ބައްޕަ ދިރިއުޅުމެއް ނުފަށާ ހުންނާތީ އެވެ. ޢާއިލާގެ ހުރިހާ ވާހަކައެއް ނޯޔާއާ ޔަޝާ ޚިއްޞާކުރެއެވެ. ނޯޔާގެ ޢާއިލާއަށް ވެސް ޔަޝާއަކީ މިހާރު ދުރު މީހެއް ނޫނެވެ.
"ލަވް... މި ނައްޓާލީ... މިނުކުތީ ގޭޓުން، މިއަރަނީ ޓެކްސީއަށް." ފޯނުން ޔަޝާގެ އަޑު އިވިއިވި ހުއްޓެވެ.
ކޮޓަރިން ނުކުތް ނޯޔާ އައިސް ބަދިގެއަށް ވަނެވެ. އެންމެ ބޮޑު ކޮފީމަގު ނެގިއެވެ. ޔަޝާއަށް ސައި ހަދަން ޖެހޭނީ ބޮޑު ތަށްޓެއްގަކަން އެނގޭތީ އެވެ. ފޮނި އެހާމެ ގަދަވާން ޖެހޭނެއެވެ. ކޮންމެ އިރަކު ކޮންމެ އެއްޗެއް ކެޔަސް ވަރިހަމައެވެ. ސައިތަށި ހުންނަން ޖެހޭނެއެވެ. ބާޒާރަށް ނުކުންނަ ކޮންމެ ވައްތަރެއްގެ ސައިފަތް އޭނާ ރަހަ ބަލަން ޖެހޭނެ އެވެ.
ހިނިއައިސްފައި ހުރެ ތަށިދޮވެގެން ސިންކު ކައިރީގަ ހުރި ހަރުގައި ނޯޔާ ތަށި ބަހައްޓާލި އެވެ. އަދި ޔަޝާ އަންނަންވާއިރަށް ފެން ހޫނު ކުރަން ޖަގުގައި ފެންހުރިތޯ ބަލައި އެކަމުގައި އުޅުނެވެ. ގޭތެރެއިން އޭނާ ނޫން މީހަކު އެވަގުތު ނެތެވެ. އައްޔޫބުވީ ބާޒާރަށް ގޮހެވެ. ސަބީނާއާއެކު ރޫމާވީ ގޭގެ ތިރީގައި ހެދިކާ ވިއްކާ ބައިގައެވެ. ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެގެއިން ހެދިކާ ވިއްކާނެއެވެ. ސަބީނާއާއެކު އައި ކުދިވެރިންވީ ނެހާއާއި އިޔާންގެ އެޕާޓްމެންޓްގަ އެވެ. އެންމެންނަށް ވެސް ޔަޝާ އަންނަކަން އެނގޭތީ ނޯޔާއަށްޓަކައި ދެއެކުވެރިންނަށް ގެ ހުސްކޮށްދީފައި އޮތް ކަހަލައެވެ.
މއ. ފެހިއާބާދުގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު ފައިސާދީފައި ޔަޝާ ފޭބި އެވެ. އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުން ބައެއް ނަގައި މައްޗަށް ހުޅުއެއްހެން ހަރުކޮށްލާފައި ފަހަތުން ބޮޑު ބައެއް ދޫކޮށްލާފައި އޮތެވެ. ތަރުތީބުކަމެއް ނެތަސް ރީތި ގޮތެއް ހުއްޓެވެ. ލާފައި ހުރީ ފަޔަށް ހިފާފައި ހުރި ނޫޖިންސަކާއި ކުދި މާތަކެއް ދުރުދުރުގައި ޖަހާފައި ހުރި އަތްކުރި ފުޅާ މަޑު ފިޔާތޮށިކުލައިގެ ޓޮޕެކެވެ. އަރާފައި ހުރި ނާޑުވާ ފުރާ ސްނީކާއަކަށެވެ. ބޫޓުގެ ތެރެއިން ކުޑަހުޅުނިވާވަރުގެ އިސްޓާކީނު ފެންނަނީ ކިރިޔާއެވެ. ދޮރޯށީގެ ތަޅުގައި ހިފާލިއިރު ހުޅުވާފައި ހުރުމުން އެތެރެއަށް ވަދެގެން ޔަޝާ އައީ މަޑުކުރުމެއް ނެތިއެވެ. ދާންވީ ކިހާ ހިސާބަކަށް އޭނާއަށް އެނގޭތީއެވެ.
ދޮރުގެ ރަނގަބީލާއެކު ނޯޔާ ހަލުވިކޮށް އައިސް ދޮރު ހުޅުވިއެވެ. ނޯޔާގެ ނަން ކިޔާލުމާއެކު ދޮރުމަތީ ހުރި ޔަޝާ ބައްދައިގަތެވެ. ދެން ބަނޑުހައިވެގެން ރޯންފެށިއެވެ.
"ސައި ހުރީ ރެޑީގަ، ދޫކޮށްލާފަ އެތެރެއަށް ވަދެބަލަ." ގަޔާ ދުރަށް ޔަޝާ ކޮށްޕާލަން މަސައްކަތް ކުރަމުން ނޯޔާ ބުންޏެވެ.
ދޮރުލައްޕާފައި ނޯޔާ އަންނަންވާއިރަށް ޔަޝާ އައިސް ކާމޭޒު ކައިރިއަށް ހުއްޓިލި އެވެ. އަތްދަބަސް ނަގައި ކާމޭޒުގެ ގޮނޑިއެއް މަތީ ބަހައްޓާފައި ސިންކު ދޮށަށް ގޮސް އޭނާ އަވަހަށް އަތްދޮވުނެވެ. ނޯޔާއަށް ބަލާލައި ސައިބޯން އިށީންނަންވީ ކަމުގައި ބުނެލިއެވެ. ހިނިއައިސްފައި ހުރެގެން ނޯޔާސް އައިސް ގިރަން ފަށާފައި ހުރި ސައިމަގު ނަގައި ޔަޝާ އިށީން ދިމާ ކުރިމަތީ ބެހެއްޓިއެވެ.
"މެންދުރު ނުކަން ދޯ." ނޯޔާ އަހާލި އެވެ.
"މެންދުރުވެއްޖެ ހޭލެވުންއިރު، ބައްޕަ ހުރީ ކަޓާފަ... ދަތުރު ވަރުބަލިކަމުންނޭ ބުނީމަ ނަސީބަކުން އެއްޗެއްސެއް ނުގޮވި، ހުސް ގޮހޮރާ އެއްކަމެއް ވެސް ނުވާނެ." ޔަޝާގެ އަތް ފުރަތަމަ ވެސް ދިޔައީ ހަނޑުލުގުޅަ ތަށްޓާ ދިމާއަށެވެ.
"މަންމަތަ ހެދީ." އަނގަޔަށް ގުޅަލާ ހަފާލާފައި ޔަޝާ އަހާލި އެވެ.
"ދެން އެހެން ކާކު؟ އަހަރެން މީ އެއްޗެއް ހަދަން އެނގޭ މީހެއްތަ؟" ނޯޔާ ބުނެލިއެވެ.
"ކެއްކުން ނޫން ކޮންމެ ކަމެއް ވެސް ކުރެވިދާނެ." ޔަޝާ ބުނެލިއެވެ.
"އަހަރެން ޖޮބެއް ހޯދަން ފަށައިފިން." އެކުވެރިޔާއާ ނޯޔާ ޚިއްސާ ކުރިއެވެ.
"ކޯޓުންތަ؟" ޔަޝާ އަވަހަށް އަހާލިއެވެ.
"މިވަގުތު އެއްވެސް ކޯޓަކުން ނެތް ޖާގައެއް، އަދި ލައިސެންސް ވެސް ލިބިގެންނު ޕްރެކްޓިސް ކުރެވޭނީ، ގްރެޖުއޭޝަންއަށް ނިންމާ އަތަށް ސެޓްފިކެޓް އެރީމަ ހަމަޖެހިލެވޭނީ." ކުރިމަގާ މެދު ނޯޔާ ވަރަށް ވިސްނައެވެ.
* * * * *
ހެދިކާ ވިއްކަން މަގުމައްޗަށް ހުޅުވާފައި ހުންނަ ކުޑަދޮރު ލެއްޕުމާއެކު ބަންދު ބޯޓު ރޫމާ ހަރުކޮށްލިއެވެ. ދުވަހަށް ނިންމާލީއެވެ. ނަމަވެސް ރޫމާގާތު ބުނެގެން ސަބީނާ މަޑުކޮށްލީ ވާހަކައެއް ދައްކަންވެފައި އޮވެގެންނެވެ. (ނުނިމޭ)