ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިނަމާތަކުގައި ގައިދުރު ކުރުމާއެކު ގިނަ ފިޔަވަޅުތަކެއް

Jan 24, 2021

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ސިނަމާތައް، އަހަރެއްހާ ދުވަސް ފަހުން މާދަމާ އިން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އެ ބަލިން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ގޮތަށް އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފި އެވެ.

ރާއްޖޭން ކޮވިޑް-19 އިގެ ކޭސްތައް ފެންނަން ފެށުމާއެކު، އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރަން އެންގީ މިދިއަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، 16 މާޗް 2020 ވަނަ ދުވަހު ސިނަމާތައް ބަންދުކުރަން އެންގި އެންގުން ބާތިލުކޮށް، ރައްކާތެރިކަމާއެކު ސިނަމާ ހޯލްތައް ހިންގުމާއި ބޭނުންކުރުމުގެ އުސޫލާ އެއްގޮތަށް، މާދަމާ އިން ފެށިގެން އަލުން ހުޅުވާލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިހާރު އާއްމުކޮށްފައިވާ އެ އުސޫލުގައިވާ ގޮތުން، ސިނަމާތަކަށް ވަންނަ އެއް އާއިލާއެއް ނުވަތަ އެއް ގުރޫޕެއް ފިޔަވައި، ގޮނޑިބަރިތަކުގެ ހުރިހާ ކޮޅަކުން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސަންޖެހެ އެވެ.

އަދި ކޮންމެ ޝޯއަކަށް ވަންނަ މީހުންގެ ތަފްސީލުތައް ލޮގުކުރަންޖެހޭއިރު، ސިނަމާތަކަށް ވަންނަ ހުރިހާ މީހުން މާސްކު އަޅަންޖެހޭނެކަމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، ސިނާމަތަކާއި ތިއޭޓަރުތަކަށް ވަންނަ މީހުންގެ ހުން ބަލަންޖެހޭއިރު، އެކި ގަޑިތަކުގައި ޝޯތަކަށް އަންނަ މީހުން ބައްދަލުނުވާގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ އަންގައިފަ އެވެ.

މި އުސޫލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ސިނާމަތަކާއި ތިއޭޓަރުތަކުގައި ކާބޯތަކެތި ވިއްކަން ބެހެއްޓުން މަނާކޮށްފައިވާ ބަދަލެވެ. އަދި ކޮންމެ ޝޯއެއް ނިމުމުން، އާއްމުކޮށް އަތްލާ ތަންތަން ރަނގަޅަށް ސާފުކުރުމާއި ވައިދައުރުވާ ގޮތަށް ދޭތެރެ ދޭތެރެއިން ދޮރުތައް ހުޅުވުމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އިގެ އަލާމާތްތައް ހުންނަ ފަރާތްތައް ސިނަމާއަށް ނުދިއުމަށް އިލްތިމާސްކޮށްފައިވާއިރު، އެފަދަ އަލާމަތްތައް ހުންނަ މުވައްޒަފުން މަސައްކަތަށް ނުނެރުމަށް އެ އުސޫލުގައި އަންގާފައިވެ އެވެ.