ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ބޮޑުތަނުން އިތުުރުވަމުން ދާއިރު ހާލަތު ބަދަލު ނުވާނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
މި އަހަރު ފެށުނީއްސުރެ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ކޮންމެ ދުވަހަކު ވެސް ފަންސާހުން މަތީގަ އެވެ. މަދު ދުވަަހެއްގައި ނޫނީ އެ އަދަދު ދަށް ނުވެއެވެ. މިދިޔަ 24 ގަޑިއިރަކީ ފަހަކަށް އައިސް ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި 24 ގަޑިއިރެވެ. ހޮނިހިރު ދުވަހުގެ އިރޮއްސި 6:00 އިން އާދިީއްތަ ދުވަހުގެ އިރުއޮއްސި 6:00 ނެގި ސާމްޕަލްތަކުގެ ތެރެއިން 108 ސާމްޕަލް ޕޮޒިޓިވްވެފައި ވެއެވެ.
މި އަހަރުގެ ފުރަތަމަ 24 ދުވަސްތެރޭ ކޮވިޑް ޖެހިގެން ތިން މީހަކު މަރުވެފައި ވެއެވެ. ކޮވިޑްގެ ތިން ޕޭޝަންޓަކު އައިސީޔޫގައި ފަރުވާ ހޯދަމުން އެބަދެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ރޭ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގައިޑްލައިނުން ގިނަ ކަންތައްތަކަށް ލުއި ދީފައިވާއިރު ބައެއް މީހުން ގައިޑްލައިނަށް އެއްގޮތަކަށް ވެސް އަމަލު ނުކުރާ ކަމަށެވެ. ކައިވެނި ޕާޓީތަކާއި އޮފީސް ޖަލްސާތަކަށް ހުއްދަ ދީފައިވީ ނަމަވެސް އަދި ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ތިބެ ހިދުމަތް ހޯދަން ފުރުސަތު ދީފައިވިޔަސް އެކަން ކުރަން ޖެހޭނީ ގައިޑްލައިންގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ތިބެ ހިދުމަތް ހޯދާއިރު ކާ ވަގުތު ނޫން ހުރިހާ ވަގުތެއްގައި މާސްކު އަޅަން ޖެހޭނެ ކަމަށާ ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށާއި ކައިވެނި ޕާޓީތަކާއި އޮފީސް ޖަލްސާތަކުގައި ވެސް އެކަން އެ ގޮތަށް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ގައިޑްލައިނަށް އަމަލު ނުކުރާނަމަ މިހާރަށްވުރެ ޕޮޒިޓިވް ކޭސްތައް އިތުރުވާނެ ކަމަށާ އެހެން ވެއްޖެނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން މަޖުބޫރުވާނެ ކަމަށެވެ. ކިތަންމެ ދަތިވި ނަމަވެސް އެ ފިޔަވަޅުތައް އަޅަން މަޖުބޫރުވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
"ހުރިހާ ކަމެއްގައިވެސް މިހާރު މި އޮތް ގައިޑްލައިންތަކާއި އެއްގޮތަށް ކަން ކޮށްގެން ދެވިފައިވާ ދޫކޮށް އެ ގޮތުގައި ހިފެހެއްޓޭނީ. އެހެން ނޫނިއްޔާ ޖެހޭނީ އިތުރު ރެސްޓްރިކްޝަނަށް ދާން. އެނެއްކާވެސް އެކަމުން އިތުރު ބަޔަކަށް އެތައް ދަތިތަކަކާ ދިމާވާނީ،" ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވެފައިވާއިރު ސުކޫލުތަކާއި ރިސޯތްތަކުން ވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވް ވަމުންނެވެ.